ލ. މާމެންދޫގައި ކައިޒާން އިންވެސްޓްމަންޓުން ގާއިމުކޮށްފައިވާ އައިސްޕްލާންޓް ފެނަކަ ކޯޕަރޭޝަނަށް ގަތުމުގައި ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދުގެ މައްޗަށް ދައުވާ އުފުލައިފި އެވެ.

އެ މައްސަލާގައި ސައީދުގެ މައްޗަށް އުފުލީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއެވެ.

ދައުލަތުން ކުރި ދައުވާގައި ވަނީ އޭޕްރީލް 30، 2023 ގައި ފެނަކައިގެ އެމްޑީގެ ގޮތުގައި ހުރެ، ފެނަކަ އާއި ފިޝަރީޒް މިނިސްޓްރީއާ ވެވުނު އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއިކޮށް، އެ އެއްބަސްވުމުގައިވާ ރަށްތަކުގެ ތެރެއިން މާމެންދޫގައި އެޅުމަށް ހަމަޖެހިފައިވާ އައިސްޕްލާންޓްގެ މަސައްކަތް ފެނަކައިން ކުރުމުގެ ބަދަލުގައި އެ ރަށުގައި ހުރި އައިސްޕްލާންޓެއްގެ ވެރިފަރާތުން ހުށަހެޅި 11.3 މިލިއަން ރުފިޔާއަށް އެ އައިސްޕްލާންޓު ގަތް ކަމަށެވެ.

އެ އައިސްޕްލާންޓް ފެނަކައަށް ގަތުމަށް ނިންމީ ސެޕްޓެމްބަރު 7، 2023ގައި ބޭއްވި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގައި ބޯޑު މެންބަރުންނަށް ސައީދު އޮޅުވާލައިގެން ކަމަށް ދައުވާގައިވެ އެވެ.

އެގޮތުން ފެނަކައިން އިންހައުސްކޮށް މާމެންދޫގައި އައިސްޕްލާންޓެއް އެޅުމުގެ މަސައްކަތުގައި އުޅޭކަން އެ ބައްދަލުވުމުގައި ސާފުކޮށްނުދީ އެ ވާހަކަ ހުއްޓުވައި، އެ އައިސްޕްލާންޓް ގަތުމަށް ބޯޑުން ފާސްކޮށްފައިވާ ކަމަށް ދައުވާގައިވެ އެވެ. އަދި ފެނަކަ އާއި ކައިޒާން އިންވެސްޓްމަންޓާ ދެމެދު ހަމަ އެ ދުވަހު އައިސްޕްލާންޓް ގަތުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށް ވެސް ދައުވާގައިވެ އެވެ.

އެއްބަސްވުމުގެ ދަށުން 11.3 މިލިއަން ރުފިޔާ ކައިޒާން އިންވެސްޓްމަންޓަށް ފެނަކައިން ދެއްކުމަށް މަގުފަހިކޮށްދީ، އެ ފައިސާ އެ ކުންފުންޏަށް ދައްކަން ޖެހޭ ގޮތަށް އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށް ވެސް ދައުވާގައިވެ އެވެ.

މީގެކުރިން ވެސް ސައީދުގެ މައްޗަށް ވަނީ ކޮރަޕްޝަންގެ ދައުވާއެއް އުފުލާފަ އެވެ.