މާލޭގެ ގެއެއްގެ ތެރޭގައި މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ މީހާ ހައްޔަރުކުރީ މިދިޔަ ބުދަ ދުވަހުއެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ސ. ފޭދޫ، ސުވާސާގޭ އިބްރާހިމް ސައީދެވެ. އުމުރުން 48 އަހަރުގެ އެ މީހާ ހައްޔަރުކުރީ ރަހީނުކޮށްފައި ހުރި މީހާ ސަލާމަތްކުރަން ފުލުހުން ހިންގި އޮޕަރޭޝަނުގައި ކުށުގެ ވެށިންނެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފަ އެވެ.

ރަހީނުކޮށް އޭނާ އަނިޔާކުރީ 44 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އެމީހާއަށް އައިޖީއެމްއެޗުގައި ފަރުވާދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގެ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.