ލ. މާވަށުގައި އެއާޕޯޓެއް އެޅުމުގެ ބަދަލުގައި އެ އަތޮޅު އިސްދޫ އަދި ކަލައިދޫގައި އެއާޕޯޓު ތަރައްގީކުރުމަށް ސަރުކާރުން ނިންމި ނިންމުމަކީ ސަރުކާރުގެ އަމިއްލަ ސިޔާސަތާ ހިލާފު ނިންމުމެއް ކަމަށް މާވަށު ކައުންސިލުން ބުނެފި އެވެ.

މި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް ރަށުގެ ރައްޔިތުން މުޒާހަރާ ކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.

މާވަށު ކައުންސިލުން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ލޯންޗެއްގައި 35 މިނެޓުން ދަތުރުކޮށްފައި ނުދެވޭ ރަށްރަށުގައި އެއާޕޯޓެއް އެޅުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، އެ އަތޮޅުގައި އެންމެ ފުރަތަމަ އެއާޕޯޓެއް ގާއިމުކުރަން ޖެހޭނީ މާވަށުގަ އެވެ. ކައުންސިލުން ބުނެފައިވަނީ ހައްދުންމަތީގައި ދެވަނަ އެއާޕޯޓެއް އެޅުމަށް އެންމެ ފުރަތަމަ ޝަރުތު ފުރިހަމަވާ ރަށަކީ ހަމައެކަނި މާވަށް ކަމަށެވެ.

ސަރުކާރުގެ މި ނިންމުން މިދިޔަ ހަފުތާގައި އިއުލާނު ކުރި ދުވަހަކީ މާވަށު ރައްޔިތުންނަށް ވަރަށް ހިތްދަތި އިހުސާސްތަކެއް ކުރެވުނު ދުވަހެއް ކަމަށް ކައުންސިލުގެ ބަޔާނުގައި ބުނެފައިވެ އެވެ. މާވަށުގައި އެއާޕޯޓެއް ގާއިމުކުރުމަށްޓަކައި ރަށުގެ ގިނަ ބަޔަކު ކުރިން ފެށިގެން ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު، މިކަން ހާސިލުވަންދެން ސަރުކާރަށް އިލްތިމާސްކޮށް ކެނޑިނޭޅި މަސައްކަތް ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން ކައުންސިލުން ވަނީ ރައްޔިތުންނަށް ދީފަ އެވެ.