ތ. ވިލުފުށީގައި ބަނދަރުގައި އޮތް ދެ ދޯންޏެއްގައި ރޯވި ހާދިސާގައި ފިހިގެން މާލެ ގެންދިޔަ އެކަކު ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާ ދޭން ފަށައިފި އެވެ.
މިދިޔަ އަންގާރަ ދުވަހު ހިނގި މި އަލިފާނުގެ ހާދިސާގައި ރޯވީ އެ ރަށުގައި ތެޔޮ އުފުލަން ގެންގުޅޭ ދެ ދޯނީގަ އެވެ. އެ ހާދިސާގައި އޭގެ ތެރެއިން އެއް ދޯނީގެ ވެރިފަރާތުގެ އިތުރަށް އެ ދޯނީގައި ގެންގުޅޭ ދެ ބިދޭސީއަކު ވެސް ފިހިފައިވެ އެވެ.
ފިހުނު މީހުންނަށް ފުރަތަމަ ފަރުވާ ދީފައި ވަނީ ވިލުފުށީ ސިއްހީ މަރުކަޒުގަ އެވެ. އަދި އިތުރު ފަރުވާ ބޭނުންވާތީ ދޯނީގެ ވެރިފަރާތް މީހާރު ވަނީ މާލެ ގެންގޮސް ފަރުވާ ދެނީ އައިޖީއެމްއެޗްގައި ވެންޓިލޭޓަރުގެ އެހީގަ އެވެ.
މި ހާދިސާގައި ފިހުނު ބިދޭސީ މީހާ އަށް މާބޮޑު ޒަޚަމްތަކެއް ނުލިބޭ ކަމަށްވެ އެވެ.
މި ހިނގި ހާދިސާއާ ބެހޭގޮތުން އެމްއެންޑީއެފުން ބުނެފައި ވަނީ މިކަން ހިނގައިގެން އުޅޭކަން އެ ފަރާތައް ރިޕޯޓުކޮށްފައި ވަނީ އަންގާރަ ދުވަހު 9:41 ގައި ކަމަށެވެ.
މި ހާދިސާގައި ދެ ދޯނި ވަނީ ބޭނުން ވެސް ނުކުރެވޭ ވަރަށް އަނދައި ހުލިވެފަ އެވެ.