ހދ. ކުޅުދުއްފުށީގައި ތަރައްގީކުރުމަށް ހަވާލުކޮށްފައިވާ 400 ހައުސިން ޔުނިޓްގެ މަސައްކަތް ހުއްޓިފައިވާތީ، އެ މަޝްރޫއު ނިންމާލުމަށް އާ ކޮންޓްރެކްޓަރަކު ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މި މަޝްރޫއު ފެށީ 2023 ވަނަ އަހަރުގެ މޭމަހު ކަމަށެވެ. އަދި އެއީ 11 ފަންގިފިލާގެ 12 ޓަވަރުގެ މަސައްކަތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި މަސައްކަތް އޭރު ހަވާލުކުރީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑް ޖޮއިންޓް ވެންޗާ ކުންފުނިކަމަށްވާ ޓުވެންޓީ ތާޑް މެޓާލާޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް ކޯ ލިމިޓެޑާ އެވެ. މިހާތަނަށް މި މަޝްރޫއުގެ ކުރިއަށް ގޮސްފައިވަނީ ބައެއް ޓަވަރުތަކުގެ ބިންގާ އެޅުމާއި ބައެއް ތަނބުތައް ޖެހުމުގެ މަސައްކަތް އެކަންޏެވެ. އޭގެ ފަހުން މި މަސައްކަތް ވަނީ މުޅިން ހުއްޓިފަ އެވެ. މަސައްކަތް ހުއްޓިފައިވާ ސަބަބާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ ދައުލަތުން ފައިސާ ނުދީގެން މަސައްކަތް ހުއްޓިފައި ނުވާ ކަމަށެވެ.

ކޮންޓްރެކްޓަރުންނަށް ދޭންޖެހޭ މޮބިލައިޒް ފައިސާ ދީފައިވީ ނަމަވެސް، މަސައްކަތް ހުއްޓިފައިވަނީ ކޮންޓްރެކްޓަރުން އަމަލީ މަސައްކަތް ކުރިއަށް ނުގެންދާތީ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. މިހާރު މި ކޮންޓްރެކްޓް ނިމުމަކަށް ގެނައުމަށް ނޯޓިސް ދީފައިވާ ކަމަށާއި، އަލުން އެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި 400 ހައުސިން ޔުނިޓަކީ ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ. މި މަޝްރޫއަށް 443.9 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވާނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވެ އެވެ. ކުޅުދުއްފުށީގެ އާބާދީ ދިހަ ހާހަށްވުރެ މަތިވާއިރު، ތައުލީމާއި ސިއްހީ ހިދުމަތްތަކަށް އެ ރަށަށް ގިނަ އާއިލާތައް ހިޖުރަކޮށްފައިވެ އެވެ.

ވަޒީރު ވިދާޅުވީ މި 400 ހައުސިން ޔުނިޓުގެ އިތުރުން، ސަރުކާރުން މިހާރު އިއުލާންކޮށްފައިވާ 57 ރަށުގެ މަޝްރޫއުގެ ދަށުން ކުޅުދުއްފުށީގައި އަޅަން ނިންމާފައިވާ 2000 ހައުސިން ޔުނިޓު އެޅުމަށްވެސް ކޮންޓްރެކްޓަރުން ހޯދަމުންދާ ކަމަށެވެ. އެ މަޝްރޫއަށް ވެސް ޕްރޮޕޯސަލްތައް ލިބިފައިވާ ކަމަށާއި، އެކަމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް މުއްތޮލިބު ވިދާޅުވި އެވެ.