ބޮލީވުޑްގެ މަޝްހޫރު ތަރި ކެޓްރީނާ ކައިފްގެ ފިލްމީ މަސައްކަތްތަކުގައި އޭނާގެ ފިރިމީހާ ވިކީ ކައުޝަލް ދޭ ނަސޭހަތް ގަބޫލު ނުކުރާ ކަމަށް ވިކީ ބުނެފި އެވެ.
ދާދި ފަހުން ދިން އިންޓަވިއުއެއްގައި ވިކީ ވަނީ އެ ދެމަފިރިންގެ ފިލްމީ މަސައްކަތްތަކުގައި އެކަކު އަނެކަކުގެ ހިއްސާއާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ.
ވިކީ ބުނީ އޭނާގެ މަސައްކަތްތަކަށް ފާޑުކިޔުމުގައި ކެޓްރީނާ ދެގޮތެއް ނުވެ ހުންނަ ކަމަށާއި ފިލްމީ ދާއިރާގެ ކަންކަމުގައި ކެޓްރީނާ އޭނާއަށް ނަސޭހަތް ވެސް ދޭ ކަމަށެވެ.
"ކެޓްރީނާއަކީ ވަރަށް ތެދުވެރިކަމާއެކު ކަން އޮތް ގޮތަށް ބުނާ މީހެއް. ރަނގަޅުނަމަ ރަނގަޅު ވާހަކަ ނުވަތަ ގޯސްނަމަ ގޯސް ވާހަކަ ދިމާއަށް ބުނާނެ،" ވިކީ ބުންޏެވެ.
އެހެން ނަމަވެސް އެ ކަމުގައި އޭނާ ކެޓްރީނާއަށް ދޭ ނަސޭހަތް ކެޓްރީނާ ގަބޫލު ނުކުރާ ކަމަށާއި އެއީ ކެޓްރީނާއަށް ކަމުދާ ކަމެއް ނޫން ކަމަށް ވިކީ ފާހަގަކުރި އެވެ.
މި ވީޑިއޯ އާއްމު ވުމާއެކު ގިނަ ބަޔަކު ވަނީ އެ ދެމީހުންގެ ގުޅުމުގައި ހަމަހަމަކަން ނެތްކަން ފާހަގަކޮށް އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ބުނެފަ އެވެ.
ވިކީ އެންމެ ފަހުން ފެނިގެންދިޔައީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދި "ޗާވާ"އިންނެވެ. އެ ފިލްމުގައި އޭނާ ދެއްކި އެކްޓިންއަށް ގިނަ ބައެއްގެ ތައުރީފު ލިބުނެވެ.