ބ. ކިހާދޫއަށް ކަރަންޓު ފޯރުކޮށްދިނުމަށް ބޭނުންކުރަމުން އައި އިންޖީނުތަކުގެ ތެރެއިން ދެ އިންޖީނު ހަލާކުވެ، އެ ރަށުން ކޮންމެ 30 މިނެޓަކުން ކަރަންޓު ކަނޑަން ފަށައިފި އެވެ.
އެރަށަށް ކަރަންޓު ދިނުމަށް ބޭނުންކުރަމުން އައި 250 މެގަވޮޓްގެ ދެ އިންޖީނު ހަލާކުވެފައިވާއިރު، މިހާރު ކަރަންޓު ފޯރުކޮށްދެވޭނީ އެންމެ އިންޖީނަކުންނެވެ. މި އިންޖީނަކުން މުޅި ރަށަށް ކަރަންޓު ދެވޭ ވަރަށްވުރެ ލޯޑު ބޮޑު ކަމަށްވެ އެވެ.
މި ސަބަބަށްޓަކައި، ކަރަންޓު ފޯރުކޮށްދޭ ފެނަކައިން ވަނީ މައްސަލަ ހައްލުވަންދެން ރަށުގެ ދެ ފަރާތު ފީޑަރުން ކޮންމެ 30 މިނެޓަކުން ކަރަންޓު ކެނޑިގެންދާނެ ކަމަށް ރައްޔިތުންނަށް އަންގާފަ އެވެ.
ކިހާދޫ ކައުންސިލްގެ ރައީސް ހުސައިން ޝާފިއު 'އަދަދު' ނޫހަށް ވިދާޅުވި ގޮތުގައި، ރަށުގައި ކަރަންޓުގެ ހިދުމަތް ދިނުމަށް ބޭނުންކުރާ 250 މެގަވޮޓްގެ އިންޖީނެއް މީގެ ތިން މަހެއް ކުރިން ހަލާކުވެއްޖެ އެވެ. އެހެންކަމުން، ކަރަންޓު ދެމުން އައީ 250 މެގަވޮޓްގެ އިންޖީނަކާއި 160 މެގަވޮޓްގެ އިންޖީނެއް ބޭނުންކޮށްގެނެވެ. ނަމަވެސް މިހާރު ދެވަނަ އިންޖީނު ވެސް ހަލާކުވުމުން ކަރަންޓުގެ ހިދުމަތް ދެވޭނީ ހަމައެކަނި 160 މެގަވޮޓްގެ އިންޖީނުން ކަމަށް އޭނާ ވިދާޅުވި އެވެ.
ފެނަކައިން މި މައްސަލަ ހައްލުކުރުމަށް އެދިފައިވާތާ ތިން މަސް ވެފައިވާއިރު ވެސް އެކަށީގެންވާ މަސައްކަތެއް ކުރެވިފައިނުވާ ކަމަށް ޝާފިއު ފާހަގަކުރެއްވި އެވެ .ޝާފިއު އިތުރަށް ވިދާޅުވީ ކިހާދޫއަށް ކަރަންޓުގެ ލޯޑު ބޮޑުވެފައިވާއިރު، ރަށަށް މަދުވެގެން 300 މެގަވޮޓްގެ ކަރަންޓު ބޭނުންވާނެ ކަމަށެވެ.
ކޮންމެ 30 މިނެޓަކުން ކަރަންޓު ކަނޑަން ޖެހުމަކީ ރައްޔިތުންނަށް އޭގެ ސަބަބުން ގިނަ ތަކުލީފުތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.