ރާއްޖެއަކީ އެއްވެސް ޝައްކެއްނެތް ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ވަރަށް ގިނަ ބައެއްގެ ހުވަފެނީ މަންޒިލެކެވެ. އެހެން ނަމަވެސް އެކަމަށް ހޭދަވާ ހަރަދުގެ ސަބަބުން ގިނަ ބަޔަކަށް އެކަން ވަނީ ހަގީގަތަކަށް ނުވާ ހުވަފެނަކަށެވެ.
ނަތީޖާއަކަށް ވަނީ ރާއްޖެއާ އެއް ފެންވަރުގެ ތަޖުރިބާއެއް ހޯދަން އެކި ގޮތްގޮތުން މަސައްކަތް ކުރުމެވެ. ބައެއް ގައުމުތަކުން ވަނީ ރާއްޖޭގެ ނަމުގައި އެފަދަ ކަންކަން ކުރަން ވެސް ފަށާފަ އެވެ.
ދެ ބައްރު ހިއްސާވާ ގައުމެއް ކަމަށްވާ ތުރުކީއިން މިވަނީ އެ ގައުމުގައި ތިބެ ދިވެހިރާއްޖޭގެ ތަޖުރިބާ ކުރެވޭނެ ފަދަ ރިސޯޓެއް ތަރައްގީކޮށްފަ އެވެ.
ރާއްޖެ ނަމޫނާއަކަށް ބަލައިގެން އުފައްދާފައިވާ ސުލުއަޑާ ނަމަކަށް ކިޔާ މި އައިލެންޑް ރިސޯޓުގައި ސާފު ދޮންވެލި ގޮނޑުދޮށްތަކާއި ބީޗް އަދި ވޯޓާ ބަންގަލޯތަކުގެ އިތުރުން ރާއްޖޭގައި ލިބެން ހުންނަ އެހެން ހިދުމަތްތައް ވެސް ލިބެންހުރެ އެވެ.
މި ރިސޯޓަށް ތުރުކީގެ ރައްޔިތުންނާއި އެހެން ގައުމުތަކުގެ މީހުން ވެސް ދަތުރުކުރާއިރު، އެ ރިސޯޓަށް ދާ ގިނަ މީހުން އެތަން ސިފަކުރަނީ ތުރުކީގެ "މޯލްޑިވްސް"ގެ ގޮތުގަ އެވެ.
ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގެ ހިތްގައިމު މަންޒިލަކަށްވާއިރު، ރާއްޖޭގެ ފަތުރުވެރިކަމުގެ އަގުތައް ވެސް ބޮޑެވެ. އެހެން ނަމަވެސް ހަމަ އެ ތަޖުރިބާ ހެޔޮއަގަކަށް ކުރެވުމަކީ މާ ރަނގަޅު ގޮތެއް ކަމަށް ވެސް ބައެއް މީހުން ބުނެ އެވެ.
ދިވެހި ރާއްޖެ ތީމްއަކަށް ބަލައި ގައުމުތަކުގައި ރިސޯޓުތައް ހަދަމުން އަންނައިރު، ބައެއް ޖަޒީރާ ގައުމުތަކުން ވެސް އަންނަނީ ދިވެހި ރާއްޖެއާ އެއް ހަމައެއްގައި ހިފަހައްޓާލަން މަސައްކަތް ކުރަމުންނެވެ.
ތުރުކީއަކީ ރާއްޖޭގެ އިތުރުން ވެސް އެހެން ގައުމުތަކުގެ ތީމްތަކަށް ވެސް ރިސޯޓުތައް ތަރައްގީކޮށްފައިވާ ގައުމެކެވެ. އެގޮތުން ފްލޮރިޑާގެ މިއާމީ ބީޗްގެ ތީމަށް ވެސް އެ ގައުމުގައި ގޮނޑުދޮށެއް އޮވެ އެވެ.