ކަރީނާ ކަޕޫރާއި ކަރިސްމާ ކަޕޫރަކީ ބޮލީވުޑްގެ ސަޕޯޓަރުންނަށް އާ ނަމަކަށް ނުވާނެ އެވެ. ބޮލީވުޑްގެ ނުފޫޒުގަދަ ކަޕޫރު އާއިލާއަށް ނިސްބަތްވާ މި ދެތަރިންނަކީ އެ ދާއިރާގެ އެންމެ ކުރީގައި މިއަދުވެސް އުޅޭ ދެ ތަރިންނެވެ.
މި ދެ ތަރިންގެ މަޝްހޫރުކަމާއެކު ސަޕޯޓަރުންނަށް އަޅައިގަންނަ އަނެއް ކަމަކީ އެ ދެ މީހުންނަށް ދީފައިވާ އާދަޔާ ޚިލާފު ވަނަން ތަކެވެ. ކަރިސްމާއަށް ލޯލޯގެ ނަމުން މުހާތަބު ކުރެވޭއިރު ކަރީނާގެ އެންމެ އާއްމު ނަމަކީ ބޭބޯ އެވެ.
މިއަހަރުގެ ކުރީކޮޅު އިންޑިއަން އައިޑަލް 15ގެ ޝޯއަކަށް މެހެމާނެއްގެ ގޮތުގައި އައި ކަރިސްމާ ވަނީ އެ ދެމީހުންނަށް ކިޔާފައިވާ ވަނަންތައް ލިބުނު ގޮތް ކިޔައިދީފަ އެވެ.
ކަރިސްމާ ބުނީ އޭނާގެ މަންމައަކީ ސިންދީ މީހެއް ކަމަށާއި އެ ސަރަހައްދުގައި ތައްޔާރުކުރާ ފޮނިމީރު ރޮށި ބާވަތުގެ ކާއެއްޗަކަށް ލޯލާ ކިޔޭ ކަމަށެވެ. އެއާއެކު ބޭރުގެ އެކްޓަރެއް ކަމަށްވާ ޖީނާ ލޮއްލޮބްރިޖިޑާއަކީ އޭނާގެ ބައްޕަ ރަންދީރު ކަޕޫރަށް ވަރަށް ކަމުދާ އެކްޓަރެއް ކަމަށް ވެސް ކަރިސްމާ ބުންޏެވެ. އެހެން ކަމުން އޭނާއަށް ލޯލޯ ކިޔުނީ މި ދެކަންތައް އެކުވެގެން ކަމަށް ކަރިސްމާ ބުނެފައިވެ އެވެ.
އެއާއެކު ކަރީނާ އުފަންވުމުން އޭނާއަށް ކިޔާނެ މަޖާ އަދި ލޯބި ނަމަކާމެދު އެންމެން ވިސްނަން ފެށި ކަމަށާއި "ބޭބޯ" މިނަން ވެސް އުފަން ކުރުވީ އެމީހުންގެ ބައްޕަ ކަމަށް ކަރިސްމާ ބުންޏެވެ.
އެއާއެކު ކަރިސްމާ ވަނީ އެމީހުންގެ ކާފަ ރާޖް ކަޕޫރާ ބެހޭގޮތުން ކުރިން ނޭނގޭ ކަމެއް ވެސް ހިއްސާ ކޮށްފަ އެވެ. ކަރިސްމާ ބުނީ މީގެ ކުރިން އާއްމުކޮށް އެކަން އެއްވެސް މީހަކަށް ނޭނގޭނެ ކަމަށާއި ކާފަ ރާޖް ކަޕޫރަށް ވެސް ވަ ނަމެއްގެ ގޮތުން "ރާޖޭ" ކިޔާ ކަމަށެވެ.
ކަޕޫރު އާއިލާއަކީ އެ އާއިލާގެ މެމްބަރުންނަށް ވަނަން ދިނުމުގައި މަޝްހޫރު އާއިލާ އެކެވެ. އެގޮތުން ޗިންޓޫ، ޗިމްޕޫ، ޑައްބޫ، ބޭބޯ އަދި ލޯލޯއަކީ އެ އާއިލާއަށް ނިސްބަތްވާ މެމްބަރުންގެ ބައެއް ވަނަންތަކެވެ.