މި ހަފްތާގެ އާދިއްތަ ދުވަހު އެމެރިކާއިން އީރާނުގެ 3 ނިއުކްލިއާ މަރުކަޒަކަށް ދިން ހަމަލާގައި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހަލާކުކޮށްނުލެވުނު ކަމަށް އެމެރިކާއިން ބުނެފި އެވެ.
އެމެރިކާގެ އިންޓެލިޖެންސް ރިޕޯޓެއްގައި ބުނީ ހަމަލާތަކާ އެކު އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ކުޑަ ދުވަސް ކޮޅަކަށް މަޑު ޖައްސާލެވުނު ނަމަވެސް އެއްކޮށް ހަލާކުކޮށް ނުލެވޭ ކަމަށެވެ. މި ރިޕޯޓްގައި މިފަދައިން ބުނެފައި މިވަނީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހަލާކުކޮށްލެވިފައިވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ.
އެމެރިކާގެ ޑިފެންސް އިންޓެލިޖެންސް އެޖެންސީ (ޑީއައިއޭ) އިން ބުނީ އީރާނުން ޔުރޭނިއަމް މުއްސަދިކޮށްފައިވާ މިންވަރަށް އެއްވެސް އަސަރެއް ކޮށްފައި ނުވާ ކަމަށާއި، މިސައިލް އަމާޒުވީ ބަންދުކޮށްފައި ހުރި ދޮރުތަކަށް ކަމަށާއި، އޭގެ ސަބަބުން ބިމުއަޑީގައިވާ އިމާރާތްތައް ހަލާކުނުވާ ކަމަށެވެ.
މި ވާހަކަތަކަށް މީޑިއާތަކުން ގެނެސްދޭން ފެށުމުން ޓްރަމްޕް ވަނީ އެކަމާ ހިތްހަމަނުޖެހިފަ އެވެ. މިގޮތުން ސީއެންއެން އަދި ދި ނިއު ޔޯކް ޓައިމްސް ފަދަ ނޫސްތަކުން މަސައްކަތްކުރަނީ އެމެރިކާއިން އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުމަކަށް ގެނައި ހަމަލާތައް ކުޑައިމީސް ކުރުމަށް ކަމަށް ވެސް ޓްރަމްޕް ތުހުމަތު ކުރެއްވި އެވެ.
ޓްރަމްޕް ހިތްހަމަނުޖެހިވަޑައިގެން ނަމަވެސް އެމެރިކާގެ ވައިޓް ހައުސް ގެ ޕްރެސް ސެކްރެޓަރީ ކެރޮލިން ލެވިޓް ވެސް ވަނީ އެ ރިޕޯޓުގެ ސައްހަކަން ކަށަވަރުކޮށްދެއްވާފަ އެވެ.
އީރާނުގެ ނިއުކްލިއާ ފެސިލިޓީތަކަށް އަމާޒުކޮށް ދިން ހަމަލާތަކާ ގުޅިގެން އީރާނުން މީގެ ކުރިން ބުނި ގޮތުގައި އެމީހުން ވަނީ އެކަމަށް ދުރާލާ ތައްޔާރުވެފަ އެވެ. މިގޮތުން އޭގެ ހިދުމަތްތަކާއި އުފެއްދުންތަކަށް ބުރޫ ނާރާނެ ކަން މީގެ ކުރިން ކަށަވަރުކޮށްފައިވާ ކަމަށް އީރާނުން ވަނީ ބުނެފަ އެވެ.