މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގައި ސަރުކާރުން ނެރުނު ކެނޑިޑޭޓުން ބަލިވުމުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅަން ނިންމައިފި އެވެ.

ރައީސް އޮފީހުގެ ކޮމިޔުނިކޭޝަން މިނިސްޓަރު އިބްރާހީމް ޚަލީލްގެ އެންގެވުމަށް މީޑިއާ ތަމްސީލުކުރާ ކެންޑިޑޭޓެއްގެ ގޮތުގައި ނެރުނީ އެމްއެމް ޓީވީގެ މަރިޔަމް މިލްޒަމް މަސްއޫދެވެ. އަދި އަމިއްލަގޮތުން ވަނީ މުހައްމަދު އަމީން ނަމަކަށް ކިޔާ މީހަކު ވެސް ވާދަކޮށްފަ އެވެ. އެއީ ވެސް ޚަލީލްގެ އެންގެވުމަށް ނެރުނު ކެންޑިޑޭޓެކެވެ.

އެ އިންތިޚާބު މީޑިއާ ތަމްސީލު ކުރާ ކެންޑިޑޭޓުންގެ ގޮތުގައި ކާމިޔާބުކުރީ އަދަދު ނޫހުގެ ލީވާން އަލީ ނާސިރާއި ދައުރު ނޫހުގެ މުހައްމަދު މުޒައްޔިން ނާޒިމެވެ. ލީވާނަށް 48 ވޯޓު ލިބިފައިވެއެވެ. އަދި މުޒައްޔިނަށް ލިބިފައި ވަނީ 50 ވޯޓެވެ.

އަމިއްލަގޮތުން ވާދަކުރި ހައްވާ ވަޖުދާ ގާސިމް ވަނީ 38 ވޯޓުން އިންތިހާބު ކާމިޔާބުކޮށްފަ އެވެ.

ސަރުކާރުން ނެރުނު ކެންޑިޑޭޓުންނަށް ލިބުނީ ވަރަށް މަދު އަދަދެއްގެ ވޯޓެވެ. މީޑިއާ ކައުންސިލަކީ މިނިވަންމުއައްސަސާއަކަށްވާއިރު، ސަރުކާރުން އަންނަނީ އެތަނުގެ ކޮންޓްރޯލް ނެގުމަށްޓަކައި ކެންޑިޑޭޓުން ނެރެމުންނެވެ.

އެނގިފައިވާގޮތުގައި ސަރުކާރުން އެ މައްސަލަ ކޯޓަށް ވައްދަނީ ބަލިވި މުހައްމަދު އަމީންގެ ނަމުގައެވެ. އޭނާ ވަނީ އިންތިހާބު ދިޔަގޮތް ގަބޫލުނުކުރާ ކަމަށް ބުނެ ޔޫތު މިނިސްޓްރީއަށް ސިޓީއެއް ވެސް ފޮނުވާފައެވެ.

އެނގިފައިވާ ގޮތުގައި މިނިސްޓަރު އިބްރާހީމް ވަހީދުގެ އެންގެވުމަށް، ލީވާނާއި މުޒައްޔިނު އިންތިހާބު ކާމިޔާބުކުރި ކަމަށް ރަސްމީކޮށް އިއުލާންކުރުން ވަނީ މަޑުޖައްސާލާފަ އެވެ.