މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ލިބޭ ގެއްލުމަށްވުރެ އިދިކޮޅު އެމްޑީޕީން ގައުމަށް ދޭ ގެއްލުން ބޮޑު ކަމަށް ވެރިކަން ކުރާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.
އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާހު މިހެން ވިދާޅުވީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކަށް ތައްޔާރުވުމުގެ ގޮތުން ދުރާލާ ފިޔަވަޅުތައް އެޅުމަށް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.
މީކާއިލްގެ ކުއްލި މައްސަލައިގައި ފާހަގަކުރައްވާފައި ވަނީ، އިޒްރޭލާއި އެމެރިކާއިން އިރާނަށް ދިން ހަމަލާތަކަށްފަހު އީރާނުން މިހާރު ހަމަލާތައް ދޭން ފަށާފައިވާކަމާއި، ކުރިއަށް އޮތް ދުވަސްތަކުގައި މި ހަނގުރާމަ މެދުއިރުމަތީގެ އިތުރު ގައުމުތަކަށް ފެތުރި ދިގުލައިގެން ދިއުމުގެ ފުރުސަތު އޮތް ކަމެވެ. މިކަމުގެ ސަބަބުން ވައިގެ ދަތުރުފަތުރަށް ބުރޫއެރުމުން އެންމެ ފުރަތަމަ އަސަރު ކުރާނީ ފަތުރުވެރިކަމުގެ ސިނާއަތަށް ކަމަށާއި، ނަތީޖާއެއްގެ ގޮތުން ދައުލަތުގެ އާމްދަނީ ދަށްވެ، ބޭރު ފައިސާ ލިބުން ބޮޑުތަނުން ދަށްވެ، ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއްވުން އެކަށީގެންވާ ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.
މި ކުއްލި މައްސަލަ ބަހުސްކުރުމަށް ފާސްވީ ޕީއެންސީ މެންބަރުންގެ ވޯޓާ އެކު 45 މެންބަރުންގެ ތާއީދު ލިބިގެންނެވެ. މައްސަލައަށް ދެކޮޅަށް ވޯޓު ދެއްވީ ހަމައެކަނި ޕީއެންސީގެ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ހަމަދު އަބަދުﷲ އެވެ.
މައްސަލައަށް ބަހުސް ކުރައްވަމުން ފަލާހު ވިދާޅުވީ، އިދިކޮޅުން ހުށަހެޅި ކުއްލި މައްސަލަ ބަލައިގަތީ މުހިންމު އަދި ރައްޔިތުންނާ ގުޅުން ހުރި މައްސަލައެއް ކަމަށް ވާތީ އެވެ. ނަމަވެސް ސިޔާސީ ޕާޓީއެއްގެ އެންމެ ބޮޑު ޒިންމާއަކީ އޭރެއްގެ އޮންނަ ސަރުކާރަށާއި ގައުމުގެ ފައިދާއަށް މަސައްކަތް ކުރުން ކަމަށް ވާއިރު، އެމްޑީޕީން ކަންކުރަމުންދަނީ އެހެން ނޫން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. ފަލާހު ވިދާޅުވި ގޮތުގައި އެމްޑީޕީއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ އެވެ. އަދި ދައުލަތުން އެންމެ ގިނައިން އާމްދަނީ ލިބޭ ޕާޓީ ވެސްމެ އެވެ. ނަމަވެސް އެ ލިބޭ ފައިސާއަށްވާ ގޮތެއް ނޭނގޭކަން ފާހަގަކުރައްވައި، އެކަމާ ހިތާމަކުރާ ކަމަށް ޕީއެންސީއަށް ނިސްބަތްވާ ފަލާހު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އަންނަނީ ޔޫރަޕްގެ ގައުމުތަކުން ކަމެވެ. އަދި 2012 ވަނަ އަހަރު ސަބަބުތަކެއް މެދުވެރިވެ ވެރިކަން ދޫކޮށްލެއްވުމަށްފަހު، އެދުވަސްވަރުގެ ރައީސް މުހައްމަދު ނަޝީދު ޔޫރަޕްގެ އެކި ގައުމުތަކަށް ވަޑައިގެން، ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް މަސައްކަތް ކުރެއްވި ކަމަށެވެ. މީގެ އިތުރުން، އެމްޑީޕީގެ ފަރާތުން ބޭފުޅުން ފޮނުވައި، ރާއްޖޭގެ ބައެއް ރިސޯޓުތަކުގައި ހުރި ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަން ބަންދުކޮށް، ފުލުހުންނާއި ސިފައިން އަރުވައި އެމްޑީޕީން ގައުމަށް ބޮޑު ގެއްލުމެއް ދީފައިވާ ކަމަށް ފަލާހު ފާހަގަކުރެއްވި އެވެ.