މާބަނޑު ދުވަސްވަރަކީ އަންހެނެއްގެ ހަށިގަނޑަށް އެތައް ބަދަލުތަކެއް އަންނަ ދުވަސްވަރެކެވެ. ކާހިތްވުން އިތުރުވުން، ބަރުދަން އިތުރުވުން، މޭނުބައިކުރުން، ފައިތިލަ ދުޅަވުން ފަދަ ކަންކަމުގެ އިތުރުން މާބަނޑު ދުވަސްވަރު ގިނަ ފަހަރަށް ފަރުވާކުޑަވެގެންދާ އެހެން ކަމެއް ވެސްވެ އެވެ. އެއީ އަނގަ ސާފުކޮށް ބެހެއްޓުމެވެ.
ހަށިގަނޑަށް އަންނަ ހޯމޯނަލް ބަދަލުތަކުގެ ސަބަބުން ދަތާއި ހިރުގަނޑަށް އަސަރުކުރުމަކީ ވަރަށް އާންމު ކަމެކެވެ. މިހެންކަމުން މާބަނޑު ދުވަސްވަރު ދަތުގެ ޑޮކްޓަރަށް ދެއްކުމަކީ ވަރަށް މުހިންމު ކަމެކެވެ.
ކްލޯވް ޑެންޓަލްގެ ޗީފް ކްލިނިކަލް އޮފިސަރު ލެފްޓިނެންޓް ޖެނެރަލް ޑރ. ވިމަލް އަރޯރާ، ހަށިގަނޑަށް އަންނަ ހޯމޯނަލް ބަދަލުތަކުގެ ސަބަބުން މާބަނޑު މައިންނާއި ބަނޑުގައިވާ ދަރިފުޅަށް އަސަރުކުރާނެ ކަމަށް ވިދާޅުވެފައިވެ އެވެ.
އޭނާ ބުނިގޮތުގައި އަނގަ ސާފުކޮށް ބެހެއްޓުމަކީ މައިންނާއި ދަރިންގެ ސިއްހަތަށް ވަރަށް މުހިންމު ކަމެކެވެ.
ޑރ. އަރޯރާ ވިދާޅުވީ މާބަނޑު ދުވަސްވަރު ހަށިގަނޑަށް އެސްޓްރަޖަން އަދި ޕްރޮޖެސްޓެރޯން ގިނަ އަދަދަކަށް ދޫކުރެވޭ ކަމަށާއި، މި ހޯމޯންތަކަކީ ދިރިހުރުމަށް ވަރަށް މުހިންމު އެއްޗެއް ނަމަވެސް މާބަނޑު މީހުންގެ އަނގަ ސާފުކޮށް ބެހެއްޓުމަށް އަސަރުކުރުވާ ކަމަށެވެ.
"ދަ ފެޑެރޭޝަން އޮފް އޮބްސްޓެޓްރިކް އެންޑް ގައިނިކޮލޮޖިކަލް ސޮސައިޓީސް އޮފް އިންޑިއާ (ފޮގްސީ) އިން މިހާރު ލަފާދެނީ މާބަނޑުވުމުގެ ކުރިން ކުރާ ހުރިހާ ޕްލޭންތަކެއްގައި އަނގަ ސާފުކޮށް ބެހެއްޓުން ހިމެނުމަށް. މާބަނޑު ދުވަސްވަރު ދަތުގެ ޑޮކްޓަރަށް ކުރިން ދެއްކުމަކީ ރައްކާތެރިކަމެއްގެ އިތުރުން ހިމާޔަތްކުރުން،" ޑރ. އަރޯރާ ވިދާޅުވި އެވެ. "އެމެރިކަން ޑެންޓަލް އެސޯސިއޭޝަން ބުނާ ގޮތުގައި މާބަނޑު ދުވަސްވަރުގެ މި ހޯމޯންތަކުގެ ސަބަބުން ދަތުގައި ކުޑަ ވަރަކަށް މަދުން ހުރި ނަމަވެސް ހިރުގަނޑު ދުޅަވެ، ރަތްވެ، ލޭއައުމަށް މަގުފަހިކުރުވާ."
ޑރ. އަރޯރާ ވިދާޅުވީ މާބަނޑު ދުވަސްވަރު އަނގަ ސާފުކޮށް ބެހެއްޓުމަށް ފަރުވާކުޑަކޮށްފިނަމަ މައިންނާއި ދަރިންގެ ސިއްހަތަށް ނުރައްކާވާނެ ކަމަށެވެ.
އޭނާ ވަނީ އަނގަ ސާފުކޮށް ބެހެއްޓުމަށް މާބަނޑު މައިން ކާންވީ ކާނާތަކާ ގުޅޭގޮތުން ވެސް ލަފާދެއްވާފަ އެވެ.
މާބަނޑު މީހުންގެ ތެރެއިން 70 އިންސައްތައަށް ދިމާވާ "ޕްރެގްނަންސީ ޖިންޖިވައިޓިސް" އަކީ ހިރުގަނޑު ރަތްވެ، ދުޅަވެ، ގިނަ ފަހަރަށް އެއްވެސް ކަމަކާނުލައި ލޭ އަންނަ ބައްޔެކެވެ. ޕްރޮޖެސްޓެރޯން ފަދަ ހޯމޯންތަކުގެ ސަބަބުން ހިރުގަނޑުގެ ޓިޝޫގައި ހުންނަ ލޭހޮޅިތަކުގެ ޕާމިއަބިލިޓީ އިތުރުވެ، ހަށިގަނޑުން ބެކްޓީރިއާ އާއި ދެކޮޅަށް ހަނގާކުރާ ގޮތަށް ބުރޫއަރަ އެވެ.
ދަތުގެ ޑޮކްޓަރު ޑރ. އަރޯރާ ވިދާޅުވީ މާބަނޑު ދުވަސްވަރު އަނގަ ސާފުކޮށް ބެހެއްޓުމަކީ ހަމައެކަނި ދަތް ހަލާކުވިޔަ ނުދިނުމެއް ނޫން ކަމަށެވެ. އެއީ ދަރިފުޅުގެ ސިއްހަތުގެ ބިންގަލަށް އެހީތެރިވުމެއް ގޮތުގައި ވެސް އޭނާ ފާހަގަކުރި އެވެ. އެގޮތުން ހިރުގަނޑުން ފެށިގެން ރަހިމަށް، އަދި އުފަންވާ ދަރިފުޅުގެ ފުރަތަމަ ދަތަށް ވެސް މިކަން ވަރަށް ބޮޑަށް އަސަރުކުރާނެ ކަމަށް ވިދާޅުވި އެވެ.