އެޑިއުކޭޝަން އެކްސްޕޯ 2025 ގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގުން ސޮއިކޮށްފި އެވެ.
މިމަހުގެ 20 އިން 21 އަށް ބާސެލޯ ނަސަންދުރާގައި ކިއު ސްޓަޑީ މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ މި އެކްސްޕޯއަކީ ރާއްޖޭގައި ބާއްވާ ތައުލީމީ ދާއިރާއަށް ހާއްސަ އެންމެ ބޮޑު އެކްސްޕޯ އެވެ.
ތައުލީމީ ގޮތުން ހުރި ފުރުސަތުތައް އަންނަން އޮތް ޖީލުތަކަށް ފަހި ކޮށްދިނުމުގެ މަގުސަދުގައި ބާއްވާ މި އެކްސްޕޯގައި ބައިނަލްއަގުވާމީ އެކި ޔުނިވަސިޓީތަކާއި، ތައުލީމު ފޯރުކޮށްދޭ ފަރާތްތަކާއި، ދަރިވަރުންނާއި، ބެލެނިވެރިން، އަދި މުހިންމު ސްޓޭކްހޯލްޑަރުން ގެ ބައިވެރިވުން ފެނިގެންދާނެ އެވެ.
މި އެކްސްޕޯއާ ގުޅޭގޮތުން ދިރާގުން ބުނީ އެކްސްޕޯގައި ދިރާގު ގޭމާސް ގިލްޑްއިން ހާއްސަ ޔޫތު އެކްޓިވޭޝަން ޒޯނެއް ހިމަނާފައިވާ ކަމަށާއި، މި ޒޯނުގައި ހުރިހާ އުމުރުފުރާއަކަށް ވެސް ބައިވެރިވެވޭ ފަދަ ހަރަކާތްތައް ކުރިއަށްގެން ދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ގޮތުން، މި ޒޯނުގައި ކުރިއަށްދާ ހަރަކާތްތަކުގެ ތެރޭގައި، އެފްސީ25 ޒޯނެއް، މައިންކްރާފްޓް، އެސްޓްރޯ ބޮޓް، އަދި ބްރޯލްހަލާއާ އެކު ކުޑަކުދިންނަށް ހާއްސަ ޒޯނެއް، ސްޓްރީޓް ފައިޓާ 6، މޯޓަލް ކޮމްބަޓް 1، އަދި ނަރޫޓޯ އެކްސްއާއެކު ފައިޓިން ގޭމް ޒޯނެއް، ޕަވްލޯވް ޝެކް އަދި ބީޓް ސޭބާއާ އެކު ވީއާރު ޒޯނެއް، އަދި ގްރޭން ޓޫރިޒްމޯއާއެކު ރޭސިން ސިމިއުލޭޝަން ޒޯނެއް ހިމެނޭ ކަމަށް ދިރާގުން ބުނެ އެވެ.
ދިރާގުން އިތުރަށް ބުނި ގޮތުގައި މި ޒޯނަށް ޒިޔާރަތްކުރާ ހުރިހާ ފަރާތްތަކަށް ވެސް މި ހުރިހާ ގޭމްތަކެއްގައި މުޅިން ހިލޭ ބައިވެރިވެވޭނެ އެވެ.
ތައުލީމީ އެކި ފުރުސަތުތައް ފަހިކޮށްދިނުމަށާއި ޒުވާނުން ބާރުވެރިކުރުމަށް ހިންގާ އެކިއެކި ހަރަކާތްތަކުގައި އެންމެ ކުރީސަފުގައި ބައިވެރިވެ އެއްބާރުލުންދޭ ކުންފުނިތަކުގެ ތެރޭގައި ދިރާގު ހިމެނެ އެވެ.