ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ދަ ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީއާ ގުޅިވަޑައިގަންނަވާތީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު މަރުހަބާ ދަންނަވައިފި އެވެ.
ރައީސް ސާލިހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދަ ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީ އާއި ގުޅިވަޑައިގަތުމަށް ނިންމި ނިންމުމަށް މަރުހަބާ ދަންނަވާ ކަމަށާއި، އިސްލާމް ދީނުގެ ސައްހަ އަގީދާގެ މަތީގައި ދެމިތިބެ، ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓާ، ރައްޔިތުންގެ މަސްލަހަތު އަބަދުވެސް އިސްކުރާ ބަޔަކަށް ވުމަށް އެދޭ ކަމަށެވެ.
މިޕޯސްޓްގައި ރައީސް ސާލިހު ވަނީ ޝައިހު މުހައްމަދު ޖަމީލު ދީދީގެ ޅެން ބައިތެއްވެސް ވަނީ ހިމަނުއްވާފައިވެއެވެ.
"ހުރަސްތަކާ ދިމާވެދާ އަދަދުނުވާނެ ދަތިތަކުން، ފަހަށް ނުޖެހި ދެވޭނެހެން ފަށާށެވީ ގިރާކުރާން.
ގައުމިއްޔަ އިލްތިމާސުތަކަށް އަމަލުކުރާށެ ހެޔޮހިތުން، އަބަދު ކުރާށެ ހިތްވަރެއް ހިނގާނެ އާމަގެއް ކޮށާން."
މިއާއެކު ރިޔާސީ އިންތިހާބުގެ ދުވަސްވަރު ވެސް ރައީސް ނަޝީދާއި އެމްޑީީން ވަކިވި މެމްބަރުން ޕާޓިއަށް އަލުން އައުމަށް ގޮވާލާ އެމަނިކުފާނު ރާއްޖެޓީވީ ގެ ޕްރޮގްރާމެއްގައި ދެއްކެވި ވާހަކަފުޅުގެ ތަންކޮޅެއްވެސް ވަނީ ހިއްސާކުރައްވާފަ އެވެ.
މިގޮތުން ރައީސް ސާލިހު ވަނީ އެމްޑީޕީ އަކީ އެންމެންގެ ޕާޓީއެއް ކަމަށާއި ޒާތީ މައްސަލަތައް އެކަހެރިކުރުމަށާއި، ގައުމަށްޓަކައި ކުރަން ފެށި މަސައްކަތް ނުނިމޭ ކަމަށް ވިދާޅުވެފަ އެވެ.
އެމްޑީޕީގެ އެތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކަކަށް ފަހު ރައީސް ނަޝީދު އިސްވެ ހުންނަވާ އުފެއްދެވި ޑިމޮކްރެޓްސްގެ ހުރިހާ މެމްބަރުން އެމްޑީޕީއާ އަލުން ގުޅެން ނިންމިކަން އިއުލާނުކޮށްފައިވަނީ އަންގާރަ ދުވަހު އެވެ.
އޭގެ ފަހުން ރޭގައި އެމްޑީޕީން ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ވަނީ ޑިމޮކްރެޓްސްގެ މެންބަރުން އަލުން އަނބުރާ އެމްޑީޕީއަށް ސޮއިކުރުމަށް ގަރާރެއްވެސް ފާސްކޮށްފަ އެވެ.