ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ހުރިހާ މުވައްޒަފުންނަށް މިމަހުން ފެށިގެން ޑޮލަރުން މުސާރަ ދިނުން ހުއްޓާލަން ނިންމުމުން ނުރުހުން ފާޅުކުރަން ފަށައިފި އެވެ.
ގާތްގަނޑަކަށް 1،500 މުވައްޒަފުން މަސައްކަތްކުރާ ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދޭ ކުންފުނީގައި ގިނައިން މަސައްކަތް ކުރަނީ ބޭރުގެ އެކި ގައުމުތަކުގެ މުވައްޒަފުންނެވެ. މީގެ ތެރޭގައި ޕައިލެޓުންނާއި އިންޖިނިއަރުން ވެސް ހިމެނެ އެވެ.
ރާއްޖޭގެ އެންމެ ފައިދާ ބޮޑު އަދި އެންމެ ގިނަ އަދަދަކަށް ދައުލަތަށް ޓެކްސް ދައްކާ އަމިއްލަ ކުންފުނީގެ މުވައްޒަފުންނަށް ޑޮލަރުން މުސާރަ ނުދެވޭނެ ކަމަށް މެނޭޖްމަންޓުން މިއަދު އެންގުމާ ގުޅިގެން ގިނަ މުވައްޒަފުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
"އަޅުގަނޑުމެންނަށް މިހާތަނަށް ޑޮލަރުން ދެމުން އައި މުސާރަ ނުލިބޭ ނަމަ އެއީ ވަރަށް ބޮޑު ގެއްލުމަކަށްވާނެ. ރުފިޔާއިން މުސާރަ ދޭނަމަ ވަޒީފާ ދޫކޮށްލަން ވެސް ތައްޔާރަށް މިހިރީ،" ޓީއެމްއޭގައި މަސައްކަތްކުރާ ދިވެހި ސީނިއާ ޕައިލެޓަކު ބުންޏެވެ. "އަޅުގަނޑު މިތާނގައި މަސައްކަތް މިކުރަނީ ވަޒީފާއެއް ނުލިބިގެނެއް ނޫން."
އެ ކުންފުނީގެ ހެޑް އޮފް ކޯޕަރޭޓް އެންޑް ބިޒްނަސް ޑިވެލޮޕްމަންޓް ޝުބަމް މޫންދަރާ "ހުރިހާ"އަށް މިއަދު ވިދާޅުވީ ސަރުކާރަށް ޑޮލަރުން ދައްކަން ޖެހޭ ޕޭމަންޓްތަކަށް ހައްލެއް ނުލިބިއްޖެ ނަމަ އެ ކުންފުނީގެ މުވައްޒަފުންނަށް މިމަހުން ފެށިގެން ޑޮލަރުން މުސާރަ ނުދެވޭނެ ކަމަށް މިއަދު އަންގާފައިވާނެ ކަމަށެވެ.
"މިހާރު ޑޮލަރުން ދައްކަން ޖެހޭ ޕޭމަންޓްތައް ރުފިޔާއިން ދެއްކޭނެ ގޮތެއް ހަމަޖައްސައިދިނުމަށް ކުންފުނިން މިގެންދަނީ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާކުރަމުން. އެކަމަށް ހައްލެއް ނުލިބިއްޖެ ނަމަ ޑޮލަރުން މުސާރައެއް ނުދެވޭނެ،" އޭނާ ވިދާޅުވި އެވެ.
ޑޮލަރު މާރުކުރަން މަޖޫބޫރުކޮށް މިސަރުކާރުން ފާސްކުރި ގާނޫނާ ގުޅިގެން ޓީއެމްއޭއަށް ޑޮލަރުން ލިބޭ އާމްދަނީގެ 20 ޕަސެންޓް ބޭންކަށް މާރުކުރަން ޖެހެ އެވެ.
ސަރުކާރުގެ ސިޔާސަތަށް ގެނައި ބަދަލާ ގުޅިގެން ޓީއެމްއޭ އިން ޑޮލަރުން މުސާރަ ނުދެވޭނެ ކަމަށް އެންގިއިރު ރާއްޖޭގައި ހިންގާ ބައެއް ރިސޯޓުތަކުން ވެސް ވަނީ ޑޮލަރުން މުސާރަ އާއި ސާވިސްޗާޖު ދިނުން ހުއްޓާލައިފަ އެވެ.
ހަމިންބާޑް އައިލެންޑް ހެލިކޮޕްޓާސްގެ ނަމުގައި 1993 ގައި ފެށި ޓީއެމްއޭ އަކީ މިހާރު ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރެވެ. މި ކުންފުނީގެ ފްލީޓުގައި 65 ޑީއެޗްސީ-6 ޓްވިން އޮޓާ މަތިންދާބޯޓު ހިމެނެ އެވެ. މީގެ ތެރޭގައި 13 ރިސޯޓް ބްރޭންޑެޑް މަތިންދާބޯޓާއި 2 ވީއައިޕީ-ކޮންފިގާކޮށްފައިވާ މަތިންދާބޯޓު ހިމެނެ އެވެ. ޓީއެމްއޭ އިން ރާއްޖޭގެ 16 އަތޮޅެއްގައި ހުރި 80 އަށްވުރެ ރިސޯޓުތަކާ ގުޅުވައިދެ އެވެ. އަދި ދުވާލަކު 400 އަށްވުރެ ގިނަ ފްލައިޓް އޮޕަރޭޓްކުރެ އެވެ.