ތެހެރާން (ޖޫން 17) - އިޒްރޭލުގެ އިންޓެލިޖެންސް އެޖެންސީ، މޮސާޑްގެ މައި މަރުކަޒަށް އަމާޒުކޮށް މިއަދު ހެނދުނު ދިން ހަމަލާއެއްގައި ފުރަތަމަ ފަހަރަށް އާ ވައްތަރެއްގެ، މިސައިލުން ދިފާއުވާ ނިޒާމަށް ދެނެނުގަނެވޭނެ މިސައިލެއް ބޭނުންކުރި ކަމަށް އީރާނުގެ ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.
އީރާނުން ބުނީ މި ހަމަލާދިނީ އެމެރިކާގެ އެހީތެރިކަން ލިބިގެން އިޒްރޭލުން ބަހައްޓާފައިވާ މަލްޓިލޭޔާޑް އެއާ ޑިފެންސް ސިސްޓަމްތައް ފޫއަޅުވާލައިގެން ކަމަށެވެ.
ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް ރިޒާ ތަލާއީ-ނިކް މިއަދު ވިދާޅުވީ މިއަދު ދިން ހަމަލާގައި ބޭނުންކުރީ ނުފެންނަ އަދި ނުހުއްޓުވޭ ފަދަ މިސައިލްތަކެއް ކަމަށެވެ. އަދި އަދި މި ހަމަލާއަކީ ދުޝްމަނުންނަށް ހީވެސް ނުކުރާ ފަދަ ހަމަލާއެއްގެ ގޮތުގައި ސިފަކުރައްވައި ކުރިއަށް އޮތްތަނުގައި އިތުރު މަންޒަރުތައް ފެންނާނެ ކަމަށް ވިދާޅުވި އެވެ.
ތަރުޖަމާނު ވިދާޅުވީ އިޒްރޭލުގެ އެ ފެސިލިޓީގެ ވަށައިގެން ވަރުގަދަ ދިފާއީ ފަށަލަތަކެއް ހުރި ނަމަވެސް، އެތަނަށް އަމާޒު އަމާޒުކޮށްފައި ވަނީ ޕްރިސިޝަން ގައިޑެޑް މިސައިލްތަކުން ކަމަށެވެ. އަދި މި ހަމަލާގެ ސަބަބުން ހާމަވެގެންދިޔައީ އިސްރާއީލުގެ ބަލިކަށިކަން ކަމަށާއި އަދި އެތަނަކީ މި ސަރަހައްދުގެ އެންމެ ކުރިއަރާފައިވާ އިންޓެލިޖެންސް އަދި ސެކިއުރިޓީ ސިސްޓަމްތަކުގެ ގޮތުގައި ދެކޭ ނިޒާމުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބްރިގޭޑިއާ ޖެނެރަލް ތަލައިއީ-ނިކްވިދާޅުވީ އެތައް އަހަރެއް ވަންދެން އިންޓެލިޖެންސްގެ ރޮނގުން އެ މީހުންގެ މޮޅުކަމަށް ބުނަމުން ދިޔަ ނަމަވެސް، އިޒްރޭލުގެ ސަލާމަތީ އަދި ޖާސޫސީ މަރުކަޒަށް މިހާރު ވަނީ ސީދާ ހަމަލާދީފައި ކަމަށެވެ.
ތަލައިއީ-ނިކް ވަނީ އިޒްރޭލް އޮތީ ދިގުދެމިގެންދާ ހަމަނުޖެހުންތަކަށް ތައްޔާރަށް ނޫން ކަމަށް އިންޒާރު ދެއްވާފަ އެވެ.
"75 އަހަރުގެ ތަޖުރިބާއާއި، އެކި އެކި އަސްކަރީ، އަސްކަރީ ނޫން ކަންކަމާއި، އެހެނިހެން ސްޓްރެޓެޖިކް ވިސްނުންތަކުގެ އަލީގައި ޒަޔަނިސްޓް ސަރުކާރަށް ދިގު ހަނގުރާމައަކަށް ކެތްނުކުރެވޭ،" އޭނާ ވިދާޅުވި އެވެ.
ތަލައިއީ- ނިކް ވިދާޅުވީ އީރާނުގެ އަސްކަރިއްޔާއަށް އެޑްވާންސްކޮށް ޒަމާނީ ހަތިޔާރާއި އާލާތްތައް ފޯރުކޮށްދީފައި ވަނީ ބޮޑެތި ހަމަނުޖެހުންތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ލަފާކޮށްގެން ކަމަށެވެ.
"އަޅުގަނޑުމެންގެ ވަރަށް ގިނަ އެޑްވާންސް ސިސްޓަމްތައް އަދި ވެސް ނުނެރެން،" އޭނާ ވިދާޅުވި އެވެ.