މީގެ ހަތަރު ފަސް އަހަރެއްހާ ދުވަސް ކުރިން ހޮލީވުޑްގެ ތަަރި ރިބެލް ވިލްސެންއަކީ މުޅިން ތަފާތު މީހެކޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ.
ޕެންޑެމިކް ތެރޭގައި ދިރިއުޅުމަށް ގެނައި ގިނަ ބަދަލުތަކާއެކު އޭނާ ވަނީ 36 ކިލޯ ލުއިކޮށް ހޮލީވުޑްގެ އިތުރުން އަމިއްލަ ދިރިއުުޅުން ވެސް ބޮޑުތަނުން ރަނގަޅު ކޮށްފަ އެވެ.
ރެބެލް ބުނި ގޮތުގައި 2020ގެ ކުރިން އޭނާއަކީ "އިމޯޝަނަލް އީޓާ" އެކެވެ. ދިމާވާ ކުދި ކުދި ކަންކަމުގެ ތެރެއިން ވެސް އޭނާ ހިޔާރު ކުރަނީ ކެއުމެވެ.
އެހެން ނަމަވެސް ޕެންޑެމިކްގެ ތެރެއިން ދިރިއުޅުމަށް ބަދަލުތަކެއް ގެންނަން އޭނާ ނިންމި އެވެ. މުޅިން ސިއްހަތު ރަނގަޅުކޮށް ނޫޅެވުނަސް ކޮންމެވެސް ހިސާބަކުން ފަށައިގަންނަން ނިންމީ ކަމަށް އޭނާ ބުންޏެވެ.
އެގޮތުން އެ މަސައްކަތް އޭނާ ފެށީ ކުރިން ކެއި ކެއުމުގެ ދެބައިކުޅަ އެއްބައި މަދުކޮށް ކެއުމުގައި ޕްރޮޓީން ގިނަ ކާނާ ހިމަނައިގެންނެވެ. އެއާއެކުު ކެލޮރީ ޑެފިސިޓް ޑައިޓެއް ގެންގުޅެގެންނެވެ. އެގޮތުގެ މަތިންއެ އަހަރު ނިމުނުއިރު 80 ޕައުންޑް ލުއިކުރެވުނު ކަމަށް ރެބެލް ބުންޏެވެ. އެ އަހަރު އޭނާ ސިފަކުރަނީ "ސިއްހަތުގެ އަހަރު"ގެ ގޮތުގަ އެވެ.
ވަކި ހިސާބަކުން މަގުން ކައްސާލައިގެން ދިޔަ ކަމަށް އެއްބަސްވަމުން ރެބެލް ބުނީ މާ ގިނަ ދުވަސްނުވެ އަނބުރާ ހަމައަކަށް އެޅުނު ކަމަށެވެ.
ބަރުދަނަށް އައި ބޮޑު ބަދަލާއެކު އަމިއްލަ ދިރިއުޅުމުގެ އިތުރުން ހޮލީވުޑްގައި ވެސް ކުރިއެރުންތަކެއް ލިބުނު ކަމަށް ރެބެލް ބުންޏެވެ. އެގޮތުން ކުރިއަށްވުރެ ރަނގަޅު ސީރިއަސް އޮފާތައް ލިބެން ފެށިކަން އޭނާ ފާހަގަކުރި އެވެ.
މިއަދު ރެބެލްއަކީ ސިއްހަތު ރަނގަޅު ދިރިއުޅުމެއް އުޅެމުން އަންނަ އެކްޓަރެކެވެ. އޭނާއަކީ ބަރުދަން ލުއިކުރަން މަސައްކަތްކުރާ ފަރާތްތަކަށް މިސާލެކެވެ.