2000ގެ އަހަރުތަކުގައި ދިވެހިންގެ މެދުގައި ވެސް ބޮޑު މަގުބޫލު ކަމެއް ހޯދި ހިންދީ ސީރީޒް "ކިޔުކީ ސާންސް ބީ ކަބީ ބަހޫ ތީ"ގެ ދެވަނަ ސީޒަން މިހާރު މިވަނީ ބެލުންތެރިންނާ ހަމައަށް އަންނަން ތައްޔާރުވެފަ އެވެ.
އެ ސީރީޒްގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ދާއިރު ދެވަނަ ސީޒަނުގައި ވެސް ފުރަތަމަ ސީޒަނުން އާއްމުންގެ މަގުބޫލުކަން ހޯދި ދެކެފަރިތަ މޫނުތަކެއް ފެނިގެންދާނެ އެވެ.
"ކިޔުކީ ސާންސް ބީ ކަބީ ބަހޫ ތީ 2"ގެ ލީޑު ކެރެކްޓަރުން ކަމަށްވާ ތުލްސީއާއި މިހިރް ވިރާނީގެ ރޯލުން ފެނިގެންދާނީ ސިމްރިތީ އިރާނީއާއި އަމަރު އުޕަދްޔޭ އެވެ.
އެއާއެކު ފުރަތަމަ ސީޒަންގައި ކަރަންގެ ރޯލުން ފެނިގެންދިޔަ ހިތެން ތޭޖްވާނީ ވެސް ވަނީ ދެވަނަ ސީޒަންގައި ވެސް އޭނާ ފެނިގެންދާނެ ކަން ޔަގީން ކޮށްދީފަ އެވެ.
ހިތެން ބުނީ މިވަގުތު އެހެން ޝޯތަކެއްގައި އޭނާ މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އެއް ފަހަރާ ދެތިން ޝޯގައި މަސައްކަތް ކުރުމަކީ އޭނާގެ ދުވަސްވީ އާދައެއް ކަމަށެވެ.
މިހާތަނަށް ޕްރޮޑިއުސަރު އެކްތާއާއި ސިމްރިތީއާ ބައްދަލުވެފަައި ނުވާ ކަމަށް ބުނަމުން ހިތެން ބުނީ އެ އެންމެންނާ އަލުން ބައްދަލުވެ ދެވަނަ ސީޒަންގެ ހިއްސާއަކަށް ވާން ކެތްމަދުވެފައިވާ ކަމަށެވެ.
ހިތެންގެ އިތުރުން އޭނާގެ އަންހެނުން ގައުރީ ޕްރަދާން ވެސް އެ ސީރީޒްގެ ދެވަނަ ސީޒަނުން ފެނިގެންދާނެ އެވެ. ގައުރީ ފެނިގެންދާނީ ނަންދިނީގެ ރޯލުންނެވެ.
ހިތެން ވަނީ އޭނާގެ އިންޓަވިއުގައި ދެވަނަ ސީޒަން ބެލުންތެރިންނާ ހިސާބަށް އަންނާނެ ދުވަހެއްގެ އިޝާރާތެއް ދީފަ އެވެ. އެގޮތުން ފުރަތަމަ ސީޒަން ފެށުނުތާ 25 އަހަރު ފުރޭ އަހަރީ ދުވަސް ކަމަށްވާ ޖުލައި ތިންވަނަ ދުވަހު ޓީވީ ކައިރީ ތިބުމަށް އޭނާ ބުންޏެވެ.