ރާއްޖެ އޮތީ އިގްތިސާދީ ގޮތުން ތަނަވަސް ހިސާބެއްގައި ނޫންކަމަށާއި، އެކަން ރަނގަޅު ނުކުރާހާހިނދަކު މިގައުމަށް އިންވެސްޓަރުން ނާންނާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީއެންއެފްއިން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ވަރަށް ބައިވަރު މަޝްރޫއުތައް ކުރިއަށްދާ ކަމަށް ރައްޔިތުންނަށް ވިސްނައިދޭން ސަރުކާރުން މަސައްކަތްކުރި ނަމަވެސް އެއަށްވުރެ އިގުތިސާދު އޮތީ މާ ބޮޑަށް އަނަރޫފަވެފައި ކަމަށެވެ.
އެހެންކަމުން "އިސްކޮޅާ ނުބައްދަލު" މަޝްރޫއުތައް ނުހިންގުމަށް ރައީސް ޔާމީން ވަނީ ސަރުކާރަށް ގޮވާލައްވާފަ އެވެ.
ރައީސް ޔާމީން ވިދާޅުވީ ސަރުކާރުން އެންމެ ފުރަތަމަ ކުރަން ޖެހޭ މަސައްކަތަކީ އިގުތިސާދު ހަމައަކުން އަޅުވައި، ބޭކާރު ހަރަދުތައް ހުއްޓާލައި އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކެއް ހޯދައިގެން ކްރެޑިޓް ރޭޓިން މަތިކުރުން ކަމަށެވެ.
"އިންވެސްޓަރުން ޓަކިޖަހާނެ އެތައް ދޮރެއް އެބަހުއްޓޭ. އެހެންވީމާ ދިވެހިރާއްޖޭގެ ދޮރުގައި ތިމަންނަމެން ޓަކިޖަހަންޖެހޭ ސަބަބު ބުނެދޭށޭ. އެ ސަބަބު ބުނެދީގެން ނޫނީ މި ތަނަކަށް އިންވެސްޓަރުން ނާންނާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.
އިންވެސްޓަރުން އެންމެ ފުރަތަމަ ވެސް ބަލާނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ކަމަށާއި، އެމީހުން ރާއްޖެ އަންނާނީ ގައުމާ ގުޅޭ ގޮތުން ވަރަށް ގިނަ ކަންކަން ދަސްކޮށްގެންކަން ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ ރާއްޖެއިން ރަނގަޅު ލޯ ފާމެއް ނަގައިގެން ރާއްޖޭގެ ހާލަތާއި އެ މީހުންނަށް މި ތަނުގައި އިންސާފު ލިބޭނެތޯ ޔަގީންކުރާނެ ކަމަށެވެ.
"އިންވެސްޓަރުންނަކީ މޮޔައިންނެއް ނޫނޭ، މޮޔައިންނަށް ނުހައްދަވާ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވިއިރު، ބައިނަލްއަގުވާމީ ރޭޓިން އެޖެންސީ، ފިޗް ރޭޓިންސްއިން ރާއްޖޭގެ ކްރެޑިޓު ރޭޓިން ވަނީ "ސީސީ" ގައި ދަމަހައްޓާފަ އެވެ.
ރާއްޖޭގެ ދަރަނިތައް ރީފައިނޭންސް ކުރުމަށާއި ބޭރުން ފައިސާ ހޯދުމަށް ދަތިތަކެއް ހުރިކަން ފާހަގަކޮށް ފިޗުން ބުނީ ސަރުކާރުގެ ހަރަދުތައް ކުޑަކުރަން އަޅަން ނިންމި ފިޔަވަޅުތަކަށް އަމަލު ނުކުރެވުމުގެ ސަބަބުން ޖެޓު ޑެފިސިޓް ބޮޑުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.
ފިޗުން ލަފާ ކުރާގޮތުގައި، މިހާރު 114.5 ޕަސެންޓުގައި ހުރި ގައުމީ އުފެއްދުންތެރިކަމުގެ (ޖީޑީޕީގެ) 125 ޕަސެންޓަށް ދައުލަތުގެ ސީދާ ދަރަނި އަރާނެ އެވެ.
ފިޗް ގެ އިތުރުންވެސް ދެން އެންމެ ބޮޑު ކްރެޑިޓް ރޭޓިން އޭޖެންސީ ކަމަށްވާ މޫޑީސްއިން ރާއްޖެއަށް ދީފައިވާ "ޖަންކް" ރޭޓިން ވެސް ވަނީ މެއި 16 ގައި ދަމަހައްޓާފަ އެވެ. އެ އެޖެންސީން "ނޮން-އިންވެސްޓްމެންޓް" ގްރޭޑެއް ކަމަށްވާ "ސީއޭއޭ-2" ރާއްޖެއަށް ދީފައިވަނީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް ތަންފީޒު ކުރަމުންދާތަން ނުފެންނާތީ އެވެ.