ކައުންސިލަރުންގެ އަދަދު މަދުކުރުމާ ގުޅޭ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ގަރާރު ހުށަހަޅުއްވާފައިވަނީ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު އެވެ.

މި ގަރާރުގައިވާ ބުނެފައިވާ ގޮތުން، ފާއިތުވި 15 އަހަރު ލޯކަލް ކައުންސިލްގެ 4 އިންތިހާބެއް ބޭއްވި، އެތަކެއް ހާސް ކައުންސިލަރުންނެއް އިންތިހާބުކޮށް، އެތަކެއް ބިލިއަން ދިވެހި ރުފިޔާ ވަނީ ދިވެހި ދައުލަތުގެ ބަޖެޓުން ހަރަދުވެފަ އެވެ.

ނަމަވެސް މި ނިޒާމުގެ ސަބަބުން ހިންގުމަށް އައި އިތުރު ބަދަލަކާއި ފަސޭހައެއް ނުވަތަ ރަށްތަކުގެ ތަރައްގީއަށް އައިި ބަދަލެއްވެސް ފެންނަން ނެތްކަމަށް ގަރާރުގައި ވަނީ ބުނެފަ އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ސިޔާސީ ޕާޓީތަކުގެ އިސް ހަރަކާތްތެރީން ރަށްތަކުގެ އިދާރީ ހިންގުމުގެ އެންމެ އިސްވެރީންގެ ގޮތުގައި އިންތިހާބުކުރާ ނިޒާމަކަށް ބަދަލުވެގެންގޮސްފައިވާ ކަމަށާއި، އިދިކޮޅުން ނެރޭ ކެންޑިޑޭޓުން ގިނަ ފަހަރަށް ސަރުކާރަށް އެއްބާރުލުން ނުދޭކަމުގެ ޝަކުވާތައްވެސް އާންމުވެފައިވާކަމަށް މެންބަރު ޝުޖާއު ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުންވެސް މި ގަރާރުގައި ބުނީ މިހާތަނަށް ކުރެވުނު ދިރާސާތަކުންވެސް، ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ ކައުންސިރަލުންގެ އަދަދާ މެދު ކަމަށާއި ކުދިކުދި ރަށްތަކުގައިވެސް ފަސް ކައުންސިލަރުން ތިބެންޖެހުމަކީ ހުރިހާ ގޮތަކުން ބެލިނަމަވެސް އިސްލާހުތައް ބޭނުންވާ ކަންކަން ކަމަށެވެ.

މިއާއެކު ކައުންސިލަރުގެ މުސާރައާއި އިނާޔަތްތަކަށް ބޮޑު ހޭދައެއް ކުރަންޖޭއިރު މިއީ ހަމަ ކުރަންޖެހޭ ކަމެއް ކަމާމެދު ފުންކޮށް ވިސްނާލަން ޖެހޭ ކަމަށާއި ގަރާރު ހުށައެޅުއްވީ، މިފަދަ ކަންކަން ހައްލުކުރުމަށްޓަކައި މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ބެއްލެވުމަށް ކަމަށްވެސް ޝުޖާއު ވަނީ ވިދާޅުވެފަ އެވެ.

މަޖިލިހަށް މި ގަރާރު ހުށަހަޅާފައިވާއިރު، ރައްޔިތުންނަށް އެންމެ ފައިދާ ވާގޮތަށް ހިދުމަތް ދިނުމަށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރެވޭނެކަމަށާއި، ދެތިން ސަތޭކަ މީހުންގެ އާބާދީއެއްގެ ކުޑަ ރަށެއްގައިވެސް ފަސް ކައުންސިލަރުން ތިބުމަކީ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތެއް ނޫން ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.