އެމާ ވެޓްސަންއަކީ ހޮލީވުޑްގެ ގިނަ ފިލްމުތަކަކުން އާއްމުންގެ މަގުބޫލުކަމާއި ލޯބި ހޯދާފައިވާ ފަންނާނެކެވެ. އެކްޓް ކުރުމުގެ އިތުރުން ވެސް އެމާއަކީ އެކި ކަންކަމުގައި ބައިވެރިވާ ތަރި އެކެވެ.
އެގޮތުން އެންމެ ފަހުން އެމާ ފެނިގެންދިޔައީ މުޅިން ތަފާތު ހަރަކާތުންނެވެ. އޭނާ ވަނީ އޮކްސްފޯޑް ޔުނިވާސިޓީގެ ސަމާ އެއިޓްސް ރޮއިން ރަގެޓާގައި ބައިވެރިވެފަ އެވެ.
އެ ޔުނިވާސިޓީގެ އެކި ކޮލެޖްތަކުގެ މެދުގައި ބޭއްވި އެ ފަލިޖެހުމުގެ މުބާރާތުގައި އެމާ ބައިވެރިވެފައިވާއިރު އޭނާގެ ޓީމު ވަނީ މުބާރާތުން ބަލިވެފަ އެވެ.
އެއާއެކު އިދިކޮޅު ޓީމުތަކުން ވަނީ އޭނާއަށް މަލާމާތް ކުރުމުގެ ގޮތުން އޭނާ ފެނިގެންދިޔަ ހޮލީވުޑް ފްރެންޗައިޒް "ހެރީ ޕޮޓާ"ގެ ތީމް އަޑުގަދަކޮށް ޖަހާފަ އެވެ.
ހަބަރުތައް ބުނާ ގޮތުގައި އެމާގެ ޓީމު މުބާރާތުން ބަލިވި ނަމަވެސް އޭނާގެ ފަރާތުން ވަރަށް ރަނގަޅު ކުޅުމެއް އެ މުބާރާތުގައި ފެނިގެންދިޔަ އެވެ.
އުމުރުން 35 އަހަރުގެ އެމާއަކީ 2023 ވަނަ އަހަރުން ފެށިގެން އޮކްސްފޯޑް ޔުނިވާސިޓީގައި ކްރިއޭޓިވް ރައިޓިން ކިޔަވަމުން އަންނަ ދަރިވަރެކެވެ.