ކޮންމެހެން ރާއްޖޭގެ ރައީސްކަން ލިބިވަޑައިނުގަނެގެން ނޫޅުއްވާކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޔާމީންގެ ފަރާތްޕުޅުން ރޭ ބޭއްވެވި ބާބަކިއު ފަރިއްކޮޅެއްގައި ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ އިދިކޮޅުގައި ހުންނަވައިގެން ސަރުކާރާ ދެކޮޅަށް އަޑުއުފުއްލަވަމުންގެންދަވަނީ ރާއްޖޭގައި ހިނގަމުންދާ ކަންކަންމާ މެދު ހިތްހަމަޖެހިވަޑައިނުގަންނަވާތީ ކަމަށެވެ.

ޔާމީން ވިދާޅުވީ އެމަނިކުފާނަކީ މިއަދު ރާއްޖޭގައި ހިނގަމުންދާ ކަންކަމާއި ރާއްޖެއަށް ގެއްލެމުންދާ ކަންކަމުގައި ވަކާލާތުކޮށް އަޑުއުފުލުމުގައި އެންމެ ވަރުގަދައަށް އިދިކޮޅުގައި މިވަގުތު ހުންނެވި އެކަކު ކަމަށެވެ. އަދި މިފަދައިން ކަންތައް ކުރައްވަނީ ރާއްޖެ ހަލާކުވެގެންދާ ތަން ބަލަހައްޓައިގެން ހުންނަވަން ބޭނުންނުވާތީ ކަމަށާއި، ގައުމު ހިންގަންޖެހޭ ގޮތް ރައީސް މުހައްމަދު މުއިއްޒަށް އެނގިވަޑައިނުގެންނެވުމުގެ ހިތްދަތިކަމާއި އުނދަގޫ އިހުސާސް ކުރަން ޖެހެނީ ރައްޔިތުން ކަމަށް ވާތީކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

އެކަމުން ފައިދާތަކެއް ނުވާކަމަށާއި ރާއްޖޭގެ ރައީސްގެ މަގާމު ނުލިބިގެން ނޫޅުއްވާކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑަށް ކޮންމެހެން ފައިދާތަކެއް ވަނީކީ ވެސް ނޫން. އަދި ތެދުތެދަށް ދަންނަވަންޏާ އަޅުގަނޑު މިއުޅެނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ނުލިބިގެންނެެއް ވެސް ނޫން. އެއެއް ނޫން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ އެ މަނިކުފާނުގެ މައްޗަށް އޮތް ސިޔާސީ ދައުވާތަކާ އެކު ވެސް މިއަދު ވެސް ހުންނެވީ މިނިވަނެއްގެ ގޮތުގައި ކަމަށެވެ.

ހަމައެއާއެކު އެ މަނިކުފާނު ދައްކަވާ ގޮތަށް ރައްޔިތުންގެ ގާތަށް ވަޑައިގެން ވާހަކަދައްކަވަން ކެރިވަޑައިގަންނަވާނެ ދެވަނަ ސިޔާސީ ލީޑަރަކު ނުހުންނަވާނެ ކަމަށާއި، ހަމައެކަނި ޖަވާބުދާރީ ވެވޭނީ ޝަރީއަތުގެ މަޖިލީހުގައި ނޫން ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި ޝަރީއަތުގެ މަޖިލީހުގައި ޖަވާބުދާރީވުމަށް ވުރެ ރައްޔިތުންގެ ދަރުބާރުގައި، ރައްޔިތުންގެ އިތުބާރު އޮތްތޯ ބަލަން މާ ބޭނުންފުޅުވާކަމަށް ވެސް ވިދާޅުވި އެވެ.

ރާއްޖޭގައި ހިނގަމުންދާ ނާއިންސާފުތަކާ ދެކޮޅަށް އަޑުއުފުއްލަވަން އެ މަނިކުފާނު ނުކުމެ ހުންނެވި ޕާޓީއަކީ ކުޑަ ޕާޓީއެއް ނަމަވެސް އެކަމަކު އެ ޕާޓީއަށް އޮތް ތާއީދު ކުޑަނޫން ކަމަށާއި، އެ މަސައްކަތުގައި ނުކުމެ ހުންނެވީ އެކަނި ނޫންކަން ވެސް އެ ތަނަށް ޖަމާވެފައިވާ މީހުންގެ އަދަދުން އެނގިވަޑައިގެންނެވި ކަމަށް ޔާމީން ވަނީ ވިދާޅުވެފަ އެވެ.

ރޭގައި ޔާމީން ދެވަނަ ފިޔަވަހީގެ ބާބަކިއު ސަރަހައްދުގައި ބޭއްވި މި ފަރިއްކޮޅުގައި ޔާމީނަށް ތާއީދު ކުރާ ގިނަ ބަޔަކު ވަނީ ބައިވެރިވެފަ އެވެ.