ޖިންސީ ފުރައްސާރައިގެ ދައުވާތަކެއް ކުރިމަތިވެ ޝަރީއަތުގެ މަރުހަލާގައި މިހާރު އުޅެމުން އަންނަ ރެޕް ލަވަކިޔުންތެރިޔާ ސޯން ކޯމްބްސް (ޑިޑީ)އަށް އެހެން ރެޕް ލަވަކިޔުންތެރިޔެއް ކަމަށްވާ ކާންޔޭގެ ތާއީދު އޮތްކަން ދައްކައިދީފި އެވެ.

ޑިޑީއަށް ކާންޔޭގެ ތާއީދު އޮތްކަން މުޅި ދުނިޔެއަށް ދައްކައިދީފައި ވަނީ މިދިޔަ ހުކުރު ދުވަހު އޮތް ޑިޑީގެ ޝަރީއަތަށް ކާންޔޭ ގޮސްގެންނެވެ.

މެންހެޓަން ފެޑެރަލް ކޯޓްހައުސްގައި އޮތް ޑިޑީގެ ޝަރީއަތަށް ކާންޔޭ ދިޔައީ ޑިޑީއަށް ތާއީދުކުރާ ކަން ދައްކައިދޭންތޯ މީޑިއާއިން ސުވާލު ކުރުމުން އޭނާ ވަނީ ބޯ ޖަހައި އެކަމަށް އެއްބަސްވެފަ އެވެ.

އާއްމުން ބޭނުން ކުރާ ގޭޓަކުން ހުދު ކުލައިގެ ހެދުމެއްގައި ކާންޔޭ ކޯޓަށް ވަތްއިރު އެތަނުން އޭނާ ނުކުމެފައިވަނީ އޭގެ ގާތްގަނޑަކަށް 35 މިނެޓު ފަހުންނެވެ.

ހުކުރު ދުވަހުގެ ޝަރީއަތުގައި ވެސް ޑިޑީ ވަނީ އޭނާއަށް ކުރެވިފައިވާ ދައުވާތަކަށް އިންކާރުކޮށް ޝަރީއަތުގެ މަރުހަލާގައި އޭނާގެ ހައްގުތަކެއް ނިގުޅައިގަނެވިފައިވާކަމަށް ބުނެފަ އެވެ.

ޑިޑީގެ ޝަރީއަތް ފަށައިގެން ކުރިއަށް ދާއިރު ޖިންސީ ފުރައްސާރައިގެ އެ މައްސަލާގައި މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން އޭނާ ހުރީ ފުލުހުންގެ ހައްޔަރުގަ އެވެ.