އޭނާއަކީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދަމުން އަންނަ ވަރަށް ހުނަރުވެރި އަދި އެހާ މޮޅު މޭކްއަޕް އާޓިސްޓެއް. އެއްވެސް ތަނަކާ ނުގުޅި ވަރަށް މިނިވަންކަމާއެކު މޭކްއަޕް ކުރުމުގެ ޚިދުމަތް ދޭ މި ޒުވާން މޭކްއަޕް އާޓިސްޓް ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުން އެ މަސައްކަތުގެ ތަމްރީނު ހޯދައިފައި. މޫސުމީ މަސައްކަތެއްގެ ގޮތުގައިކުރާ މި މަސައްކަތުގައި ބައެއް ފަހަރު ވަރަށް ގިނަ ވަގުތު ހޭދަވި ނަމަވެސް ހުންނަ ޝައުގުވެރިކަމެއްގެ ސަބަބުން، އެއީ ބުރަ މަސައްކަތެއް ކަމުގެ އިހުސާސްއެއް ނުވޭ. އޭނާގެ ބޭނުމަކީ މީހުން ހިތްހަމަޖެހޭ ފަދަ މަސައްކަތެއް ކޮށްދިނުން. ލިބޭ ގިނަ ފުރުސަތުތަކަކީ އެކަމުގެ އަލިގަދަ ހެއްކެއް.

ހަނދާނުގެ ފަތްފުށްތަކަށް ދޫކޮށްލާ ފޮޓޯއާއި ވީޑިއޯތަކުގައި އެންމެ ފުރިހަމަކޮށް ހުންނަން ބޭނުން ނުވާނީ ކާކު ހެއްޔެވެ؟ އެފަދަ ފަރާތްތަކުގެ އުންމީދު ފުރިހަމަ ކޮށްދިނުމުގައި ފަރުދާގެ ފަހަތުގައި ބުރަ މަސައްކަތެއް ކުރާ ވަރަށް ޚާއްސަ މީހަކު ވެ އެވެ. މިއީ އެފަދަ ހުނަރުވެރިއެކެވެ. މޭކަޕްކުރުމުގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދަމުން އަންނަ މޭކަޕްއާޓިސްޓެކެވެ.

ނ. ކުޑަފަރިއަށް އުފަން މިދުހަތު އާދަމް (މިދޫ) ނުވަތަ މޭކްއަޕް ކޮމިއުނިޓީގައި އާންމު ނަމުންނަމަ "މޭކްއަޕް ބައި މިދޫ" އަބަދުވެސް ޝައުގުވެރިވީ މީހުން ރީތިކުރުމަށެވެ. މޭކަޕް ކުރުމަށެވެ. އާއިލާގައި މޭކަޕް އާޓިސްޓެއް ނެތުމުން މަސައްކަތާބެހޭ ތަމްރީނެއް ތަޖުރިބާއެއް އާއިލާގެ ތެރެއިން ލިބިފައިއެއް ނެތެވެ.

މިދޫ: އަބަދުވެސް ބޭނުންވީ މޭކްއަޕް އާޓިސްޓަކަށް ވުމަށް

އެހެން ނަމަވެސް އޭނާ ބޭނުންވީ އޭނާ އެންމެ ޝައުގުވެރިވި ރޮނގުން ކުރިއަށް ދިއުމަށެވެ. ސްކޫލް ނިންމުމަށް ފަހު މިދޫ ކުރިއަށް ދާން ބޭނުންވާ ދާއިރާ ދުރާލައި ކަނޑައަޅައިފައި އޮތުމުން ކުރާނެ މަސައްކަތެއް ނޭނގިގެން އުޅޭކަށް ނުޖެހުނެވެ.

ފުރަތަމަ އޭނާ ގުޅުނީ މާލޭގައި ހިންގާ މަޝްހޫރު "ލޭކޮކާ" ސެލޫންއާ އެވެ. އެ ތަނުން މޭކަޕްކުރުމާ ބެހޭ ތަމްރީނުތައް ލިބިގަތެވެ. އެއަށްފަހު އަމަލީ މަސައްކަތައް ނުކުތެވެ. ލޭކޮކާ ސެލޫންގައި 2013 އިން ފެށިގެން 2015 އާ ހަމައަށް މަސައްކަތް ކުރި އެވެ. އެއަށްފަހު ދެން އޭނާ މަސައްކަތް ކުރަން ފެށީ ތަނަކާ ނުގުޅި ނުވަތަ ފްރީލާންސް ކޮށެވެ. އެޕޮއިންޓްމަންޓަކަށް އެދުމުން އެ ތަނަކަށް ގޮސް މޭކަޕް ކޮށްދެނީ އެވެ. އެގޮތަށް މަސައްކަތް ކުރުމުގައި ފަސޭހަތަކެއް ހުރެ އެވެ. ދާއިމީކޮށް ވަކި ތަނަކަށް ހުސްވެ ހުރުމުގެ ބަދަލުގައި މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ހިތްހަމަޖެހުން ލިބެ އެވެ.

މިދޫގެ ބްރައިޑަލް މޭކްއަޕް ސެޝަންއެއްގައި ކައިވެނި ޕާޓީއަކަށް އަންހެންކުއްޖަކު ރީތިކޮށްދެނީ: ރާއްޖެއާއި ރާއްޖޭން ބޭރުން މަސައްކަތުގެ ތަމްރީނު އޭނާއަށް ލިބިފައިވޭ

މިދޫ ހުރިހާ ވައްތަރެއްގެ މޭކައަޕް ވެސް ކުރެ އެވެ. އެކަމަށްޓަކައި މޭކަޕްއާ ބެހޭ އިތުރު ކޯސްތައް އޭނާ ފުރިހަމަ ކޮށްފައިވެ އެވެ. ބްރައިޑަލް މޭކަޕަށް އޭނާ ވަނީ މެލޭޝިޔާއިން މަސައްކަތާބެހޭ ޚާއްސަ ތަމްރީނުތަކެއް ވެސް ލިބިގަނެފަ އެވެ.

މިދޫކޮށްފައިވާ މޭކްއަޕްއެއް:މަސްކަރާ އަދި އައިލައިނާ ބޭނުންކޮށްފައި ރަނގަޅަށް ފިލުވުމަކީ މުހިންމު ކަމެއް

"އަޅުގަނޑު ޓްރެންޑްސް ދަސްކުރަނީ މަސައްކަތުގެ އަމަލީ ތަޖުރިބާ ހޯދުމުގެ ތެރެއިން،" މޯލްޑިވިއަން އައިޑަލް ސީޒަން 1 އަދި ސީޒަން 2 ގައި ވެސް މޭކަޕް އާޓިސްޓެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ މިދޫ ބުންޏެވެ.

އެހެން ވަޒީފާތައް ފަދައިން އޭނާގެ މަސައްކަތުގެ ބުރަކަން ވެސް ބިނާވެފައި އޮންނަނީ މަސައްކަތް ލިބޭ މިންވަރެއްގެ މައްޗަށް ބުރަވެ އެވެ. ތަފާތަކީ އެއީ އަހަރުގެ ފަހުކޮޅު އަންނަ ސްކޫލް ބަންދާ ދިމާކޮށް ލިބޭ ސީޒަނަލް ( މޫސުމީ) މަސައްކަތެއް ކަމެވެ.

މިިދޫ ކޮށްފައިވާ މޭކަޕެއް: މޭކްއަޕް ކުރުމަކީ އޭނަ ވަރަށް ކުރާހިތުން ކުރާ ވަރަށް ހިތްހަމަޖެހޭ މަސައްކަތެއް ފޮޓޯ/ސުހެއިލް

"ހައި ސީޒަންގައި މެންދުރު ފަހުން ފެށިގެން ރޭގަނޑާ ހަމައަށް މަސައްކަތުގައި އުޅެން. އެއާ ޚިލާފަށް ލޯ ސީޒަންގައި ހަމައެކަނި ހަވީރު މޭކަޕް ކުރުން އޮންނާނީ. ދެން ރޯދަމަސް ދާނީ ވަރަށް ހުސްކޮށް. މިއީ ވަރަށް ކުރާ ހިތުން ކުރާ ކަމެއް، ވީމާ މަސައްކަތުގައި ހުންނަ ބުރަކަމެއް އިޙްސާސެއް ނުވޭ،" އޭނާ ބުންޏެވެ.

އޭނާ ފާހަގަކުރި ގޮތުގައި މޭކްއަޕް ކުރުމަކީ މި މުޖްތަމައުގައި ރަނގަޅަށް މަސައްކަތް ކުރާ ކަމަށްވާނަމަ ރަނގަޅު އާމްދަނީއެއް ލިބޭނެ މަސައްކަތެކެވެ. ބޭނުން ވަނީ މަސައްކަތުގައި އިޚްލާސްތެރިވުމެވެ.

މިދޫ މޭކްއަޕްކޮށްދެނީ: އަމިއްލައަށް މޭކްއަޕް ކުރާނަމަ ރަނގަޅު އުފެއްދުންތައް ބޭނުން ކުރުމަށް އޭނާ ނަސޭހަތްތެރިވޭ

"ޕްރޮފެޝަނަލްކޮށް މި މަސައްކަތް ކުރެވޭނީ ވަރަށް ޑިސިޕްލިން ވެގެން. އެއްދުވަހު މޭކަޕްކޮށްފައި އަނެއް ދުވަހު ނުކޮށްފައި، މިއީ އެގޮތަށް ކުރެވޭނެ މަސައްކަތެއް ނޫން. އިތުރު ވަޒީފާއަކަށް ނުގޮސް ހަމައެކަނި މި މަސައްކަތުން ނަފާ ހޯދުމަށް މި މަސައްކަތް ކުރެވޭނީ ވަރަށް ޑެޑިކޭޓެޑް (އިޚްލާސްތެރި) ވެގެން،" އޭނާ ބުންޏެވެ.

މިދޫ ޚިޔާރުކުރި ދާއިރާއިން އޭނާއަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްދެ އެވެ. ގިނަ މީހުންނާ ބައްދަލުވުމަށް މަގުފަހިވެ އެވެ. އާ ތަންތަނަށް ދެވެ އެވެ. ކޮންމެ ދުވަހަކީ އާ ތަޖުރިބާއެކެވެ. އާ ކަންތައްތަކެއް ދަސްކޮށްދެ އެވެ.

ކައިވެނި ޕާޓީއަކަށް މިދޫ މޭކްއަޕް ކޮށްދީފައިވާ ބްރައިޑެއް: ނިދުމުގެ ކުރިން މޭކްއަޕް ވަރަށް ރަނގަޅަށް ފިލުވުމަކީ ފަހުންލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ވަރަށް މުހިންމު ކަމެއް ކަމުގައި އޭނާ ލަފާދޭ

"އަޅުގަނޑު މަސައްކަތްކުރާ ގޮތަކީ އެޕޮއިންޓްމަންޓް ހެދުމުން އަޅުގަނޑު ގޮސް މޭކްއަޕް ކޮށްދެނީ. ބްރައިޑް މޭކަޕެއްވިއްޔާ އެފަރާތުން ހޮޓެލް ރޫމްސް ހޯދާފައި ހުންނާނީ ދެން އެތަނަށް އެ ކަނޑައެޅިގެންވާ ގަޑިއަކަށް އަޅުގަނޑު ދަނީ. ވަރަށް ގިނަ ރަށްރަށަށް ވެސް އަދި ރިސޯޓްތަކަށް ވެސް ހަމަ އެގޮތަށް އަޅުގަނޑު މޭކްއަޕް ކޮށްދޭން ދަން،" މިދޫ ބުންޏެވެ.

ވަޒީފާއަށް ދާ އަންހެން ކުދިން ގަވައިދުން އަމިއްލައަށް މޭކަޕްކުރުމަކީ މިއަދު އާންމު ކަމެކެވެ. އެކަމަށް ބޭނުންވާ ތަފާތު ގިނަ އުފެއްދުންތައް އެކި ނަންނަމުގައި ލިބެން ހުރެ އެވެ.

"މޭބަލިން ފިޓްމީ"، "ނީކްސް" "ލޯރިއަލް" އަދި "ޝީ ގްލެމް"ގެ ބްރޭންޑްތަކަކީ ބޭނުންކުރަން ރަނގަޅު އުފެއްދުންތައް ކަމަށް މިދޫ ލަފާދޭ ބްރޭންޑްތަކެވެ.

މިދޫކޮށްފައިވާ މޭކަޕްއެއް:ނިދުމުގެ ކުރިން މޭކަޕްތައް ރަނގަޅަށް ފިލުވުމަކީ މުހިންމު ކަމެއް

ނަމަވެސް މޭކަޕް ކުރުމަށްފަހު ގިނައިރު ހުންނަ ނަމަ، ފޭޝަލް ވޮޝްއެއް ބޭނުންކޮށްގެން ރަނގަޅަށް ދޮވުމަށާއި ނިދުމުގެ ކުރިން ކޮށްފައި ހުރި މޭކަޕްތައް ރަނގަޅަށް ފިލުވުމަކީ ފަހުން ލިބޭ ގެއްލުން ކުޑަކުރެވޭނެ ގޮތެއް ކަމަށް އޭނާ ބުންޏެވެ.

"މަސްކަރާ އަދި އައިލައިނާ ބޭނުންކޮށްފައި ރަނގަޅަށް ނުފިލުވައި ބަހައްޓާނަމަ އަންޑާ އައި (ލޮލުގެ ތިރި) ކަޅުވާން ދިމާވެދާނެ. ދެން ވަރަށް މުހިންމު ކަމެއް ރަނގަޅު ބްރޭންޑްތައް ބޭނުން ކުރުން،" މިދޫ ބުންޏެވެ.

މޭކްއަޕް އާޓިސްޓެއްގެ ހައިސިއްޔަތުން އަމިއްލައަށް މޭކްއަޕް ކުރާ ކުދިންނަށް އޭނާ ދޭ ނަސޭހަތަކީ މޫނުގެ ހަންގަނޑަށް ފަރުވާތެރިވެ ރަނގަޅަށް ބެލެހެއްޓުމަށެވެ. އިރުގެ ބާރުގަދަ އަވިން ސަލާމަތްވުމަށް ސަން ސްކްރީން އެއް ބޭނުން ކުރުމަށެވެ. ގިނައިން ފެންބުއިމަށެވެ. އަދި މޭކަޕްއެއް ކުރުމަށް ވިސްނާފައިވާ ނަމަ، ދުރާލާ ފޭޝަލްއެއް ހެދުމަށެވެ.

މިދޫ މޭކްޕް ސެޝަންއެއްގައި: އޭނާގެ މަސައްކަތް ގިނަމީހުން ބަލައިގަނޭ

"އިވެންޓަކަށް ދާން މޭކަޕެއް ކުރަންޏާ އެއް ހަފްތާ ކުރިން ފޭޝަލްއެއް ހެދުމަކީ ވަރަށް ރަނގަޅު ކަމެއް. ބައެއް ކުދިން ފަސް ދުވަސް ކުރިން ނުވަތަ ތިން ދުވަސް ކުރިން ފޭޝަލްއެއް ހަދާނެ. ފޭޝަލްއެއް ހަދާފައި ހުރިއްޔާ މޭކްއަޕް ކުރުމުން ރީތި ވާނެ. އެ ތަފާތު ފެނޭ،" މިދޫ ބުންޏެވެ.

ކޮންމެ ވަޒީފާއެއްގައި ވެސް ގޮންޖެހުންތަކެއް ހުރެ އެވެ. އޭނާގެ ވެސް ކުޑަ ޝަކުވާއެއް ހިއްސާކޮށްލި އެވެ. އެއީ "ފްރީލާންސް" މަސައްކަތް ސަރުކާރުން ވަޒީފާއެއްގެ ގޮތުގައި ބަލައިގެންފައި ނުވާތީ ބައެއް ކަންކަމުގައި އުނދަގޫތަކެއް ހުރުމެވެ.