އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ކެތު ލެބް ހިންގުމަށް ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

އެ މިނިސްޓްރީގެ އިލާނުގައި ބުނެފައިވަނީ ކެތު ލެބް 5 އަހަރުގެ މުއްދަތަށް މެނޭޖްކޮށް އޮޕަރޭޓްކޮށްދޭނެ ފަރާތެއް ހޯދާކަމަށެވެ.

އެގޮތުން، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" (އީއޯއައި) ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ. އިއުލާނުގައިވާ ގޮތުން، އީއޯއައި ހުށަހެޅުމުގެ ސުންގަޑިއަކީ ޖޫން 29 ވާ އާދީއްތަ ދުވަހުގެ މެންދުރު 2:00 ކަމަށް ބަޔާންކޮށްފައިވެ އެވެ.

މަސައްކަތާ ގުޅޭ އިތުރު މައުލޫމާތު ހިމެނޭ ޓާމްސް އޮފް ރިފަރެންސް ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ޖޫން 15 އިން ފެށިގެން ލިބެން ހުންނާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެ އެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ކެތު ލެބް ގާއިމުކުރުމުގެ މަސައްކަތް ނިމިފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގަ އެވެ.

ނަމަވެސް މިހާތަނަށް ހިދުމަތް ފެށިފައި ނުވާތީ، ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު ވަނީ ހިދުމަތް ފެށޭނެ ތާރީހެއް ސާފުކުރުމަށް ހެލްތު މިނިސްޓަރާ ސުވާލުކުރުމަށް ނޯޓިސް ފޮނުވާފަ އެވެ.