ރަންބީރު ކަޕޫރަކީ ބޮލީވުޑްގައި މިވަގުތު ހަރަކާތްތެރިވާ ފިރިހެން ފަންނާނުންގެ ތެރެއިން އެންމެ މަގުބޫލު އެއް އެކްޓަރު ކަމަށް ބުނުމަކުން ދޮގަކަށް ނުވާނެ އެވެ.
ރަންބީރު ބޮލީވުޑްގައި އުޅޭތާ 20 އަހަރު ވާން ކައިރިވެފައިވާއިރު މި ދާއިރާގައި ހަގީގަތަކަށް ނުވެ އޮތް އޭނާގެ ހުވަފެނެއް އެބައޮތް ކަމަށް އޭނާ ބުނެފައިވެ އެވެ.
މީގެ އަހަރުތަކެއް ކުރިން އޮތް ރެޑް ސީ ފިލްމް ފެސްޓިވަލްގައި ދިން އިންޓަވިއުއެއްގައި ރަންބީރު ބުނީ އޭނާގެ ހަޔާތުގައި ފިލްމެއް ޑައިރެކްޓް ކުރުމަކީ އެންމެ ބޮޑު ހުވަފެން ކަމަށެވެ.
ސްކްރިޕްޓް ލިޔާ މީހަކަށް ނުވާތީ ފިލްމެއް ޑައިރެކްޓް ކުރަން އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށް ރަންބީރު ބުންޏެވެ. އަދި އޭނާގެ ހިޔާލު މީހަކަށް ފާޅުކުރުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.
"އަހަރެން އަބަދުވެސް ބޭނުންވީ ފިލްމެއް ޑައިރެކްޓް ކުރަން. އެކަމަކު އަހަރެން މިއީ ލިޔުންތެރިއެއް ނޫން. އެކަމަކު އަހަރެން މި މަސައްކަތް ކުރަނީ، އަދި އެއީ އަހަރެންގެ ދިހަ އަހަރުގެ ޕްލޭންގައި އޮތް ކަމެއް،" އުމުރުން 40 އަހަރުގެ ކާމިޔާބު އެކްޓަރު ރަންބީރު ބުންޏެވެ.
ކުރީގެ ތަރި ރިޝީ ކަޕޫރްގެ ދަރިފުޅު ރަންބީރު އިތުރަށް ބުނީ އޭނާ ޑައިރެކްޓްކުރާ ފިލްމުގައި ލީޑު ރޯލު ކުޅުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.
ހޮލީވުޑަށް ދިއުމުގެ އެއްވެސް ވިސްނުމެއް އެބަ އޮތްތޯ އެހުމުން ރަންބީރް ބުނީ އެކަމަށް އެއްވެސް އިރެއްގައި ނޫނެކޭ ނުބުނާނެ ކަމަށެވެ. އެކަމަކު ބޮލީވުޑުން ލިބެމުން އަންނަ ފުރުސަތުތަކާ މެދު ވަރަށް ހިތްހަމަޖެހިގެން ހުރި ކަމަށް ބުންޏެވެ.
ރަންބީރުގެ އަންހެނުން އާލިއާ ބަޓް ދާދި ފަހުން "ހާޓް އޮފް ސްޓޯން" ކިޔާ ހޮލީވުޑްގެ ފިލްމެއްގެ މަސައްކަތްކޮށްފައިވެ އެވެ. އަންނަ އަހަރު އެ ފިލްމު ރިލީޒްކުރާނެ އެވެ.
ރަންބީރްގެ އެންމެ ފަހުގެ ފިލްމަކީ 2023 ވަނަ އަހަރު ނުކުތް ކާމިޔާބު ފިލްމު "އެނިމަލް" އެވެ. އެއާއެކު ކުރިއަށް ވެސް އޭނާގެ ގިނަ މަސައްކަތްތަކެއް އެބަހުއްޓެވެ.