ރާއްޖެއަށް ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުެތެރެކުރަން އުޅުނު ކަމަށް ތުހުމަތުކުރެވޭ "މުތާ ޑައިމަންޑް" ބޯޓުގެ ކެޕްޓަން ފިޔަވައި އެހެން އެންމެން ކޯޓުން ދޫކޮށްލައިފި އެވެ.

މިދިޔަ މާޗު މަހު އަތުލެވުނު މި ބޯޓުން ފެނުނީ ހަތް ކިލޯގެ މަސްތުވާތަކެއްޗެވެ. ބޯޓުން ހައްޔަރުކޮށްފައިވާ 10 މީހުންނަކީ އިންޑިއާ އަދި އިންޑޮނީޝިއާ މީހުންނެވެ.

މީގެ ތެރެއިން ކެޕްޓަން އިތުރަށް ބަންދުގައި ބަހައްޓައި، އޭނާގެ ބަންދު މުއްދަތު އެންމެ ފަހުން އިތުރުކޮށްފައިވަނީ 30 ދުވަހަށެވެ. ކުރިން ދޫކޮށްލި މީހެއްގެ މައްސަލަ ދައުލަތުން އިސްތިއުނާފު ކުރި ނަމަވެސް، ހައިކޯޓުން އެ މައްސަލަ ބަލައިނުގަތެވެ. މި މައްސަލައިގައި ހައްޔަރުކުރި ބިދޭސީންނަށް ވަކީލުން ހަމަޖައްސައިދީފައި ވަނީ ދައުލަތުންނެވެ.

ފުލުހުން ބުނާ ގޮތުގައި މި ބޯޓު ހުއްޓުވީ ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ޖޮއިންޓް އޮޕަރޭޝަނެއްގަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި "މުތާ ޑައިމަންޑް" ބޯޓު މިހާރު ވަނީ ދޫކޮށްލާފަ އެވެ. އަދި އެހެން ފަޅުވެރިންނާއެކު ބޯޓު ފުރައިގެން ގޮސްފައިވާ ކަމަށް ވެސް ބެލެވެ އެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން ފުލުހުން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.