ށ.ފުނަދޫ އެއާޕޯޓަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކުރުމަށްފަހު އެ އެއާޕޯޓު އަލުން އޮޕަރޭޝަނަށް ގެނެސްފި އެވެ.

ގައުމީ އެއާލައިން މޯލްޑިވިއަން އިން ފުނަދޫ އަށް ކުރާ ދަތުރުތައް މެދުކަނޑާލީ އެ އެއާޕޯޓުގެ ފަޔާ ލޮރީއަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ރީޖަނަލް އެއަޕޯޓްސްއިން ބުނީ މި މައްސަލަ ހައްލުކޮށް މިހާރު އެ އެއާޕޯޓު އޮޕަރޭޝަނަށް ގެނެސްފައިވާކަމަށެވެ.

ރީޖަނަލް އެއަޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން ވިދާޅުވީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންޖެހޭ ހުރިހާކަމަށް އެކުންފުނިން އަބަދުވެސް ކުރާނެކަމަށާއި، ރީޖަނަލް އެއަޕޯޓްސްއިން ބަލަހައްޓަމުންދާ އެއަޕޯޓްތަކެއްގައިވެސް ހުރީ ދުވަސްވެ ބާވެފައި ހުރި ފަޔަރ ޓްރަކްތަކެއްކަމަށެވެ.

މިއީ ކުރީ ސަރުކާރުތަކުން އެއަޕޯޓްތަކަށް އަޅާނުލައި ފަރުވާ ކުޑަކުރުުގެ ނަތީޖާ ކަމަށާއި އެތައްދުވަހެއް ވީއިރުވެސް އެއަޕޯޓްތަކުގައި ހުރި ބައު ޓްރަކްތައް އާނުކޮށް ހުރިކަން ފާހަގަކޮށް މުބީން ވިދާޅުވީ މިހާރު އެމްއޭސީއެލްއާއި ކަމާގުޅުން ހުރި އިދާރާތަކާ ގުޅިގެން ފަޔަރ ޓްރަކްތަކެއް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

މޯލްޑިވިއަނުން އަންނަނީ ފުނަދޫ އެއަރޕޯޓަށް ހަފްތާއަކު 3 ދުވަހު ދަތުރުތައް ބާއްވަމުންނެވެ.

އީދު ބަންދާއި ދިމާކޮށް މޯލްޑިވިއަންގެ ހުރިހާ ޑެސްޓިނޭޝަން ތަކެއްގެ ޖާގަ ފުލްވެ، ބައެއް ސަރަހައްދުތަކަށް އިތުރު ފްލައިޓް ހަމަޖައްސާފައިކަން ފާހަގަކޮށްލެ ވެއެވެ. އަޟްހާ އީދު ބަންދަކީ ގިނަ ދިވެހިން ރާއްޖޭގެ އެކި ރަށްރަށަށް ޒިޔާރަތްކުރާ ބަންދެކެވެ.