އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ވިޔަފާރިވެރިޔާ އިލޮން މަސްކްގެ ކޯޅުން ބޮޑުވެ، ޓްރަމްޕް އިމްޕީޗްކުރުމަށް ތާއީދުކޮށްފި އެވެ.

އިލޮން ވަނީ ރައީސް ޓްރަމްޕް މަގާމުން ވަކިކޮށް ނައިބު ރައީސް ޖޭޑީ ވޭންސްއާ ވެރިކަން ހާވާލުކުރަން ޖެހޭ ކަމަށް ބުނެ މީހަކު ކުރި ޕޯޓަކަށް "ޔެސް" ބުނެ އެކަމަށް ތާއީދުކޮށްފަ އެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބު ދުވަސްވަރުން ފެށިގެން ރައީސް ޓްރަމްޕްއާއި އިލޮން މަސްކް ފެނިގެން ގޮސްފައިވަނީ ގާތް ދެބޭފުޅުންގެ ގޮތުގަ އެވެ. އެގުޅުން ހީނަރުވެ ބަހުގެ ހަމަލާތަކެއް ބަދަލު ކުރަން ފަށާފައި މިވަނީ އިލޮން ރައީސް ޓްރަމްޕްގެ ޓެކްސް ބިލަށް ފާޑުކިޔަން ފެށުމާއި ގުޅުގެންނެވެ. އިލޮން ބުނީ އެ ބިލް އެމެރިކާގެ ދަރަނި މިހާރު ހުރި 36.2 ޓްރިލިއަން ޑޮލަރަށް ވުރެ އިތުރުވެގެން ދާނެ ކަމަށެވެ.

ޓްރަމްޕް ވިދާޅުވީ އިލޮން ރުޅިއައިސްގެން އުޅެނީ ޓެކްސް ބިލުން އީވީ ޓެކްސް ކްރެޑިޓް ކެނޑިގެން ދާނެތީ ކަމަށެވެ. އަދި އިލޮން ވައިޓްހައުސްގައި މަސައްކަތް ކުރުން "މިސް"ވެގެން އުޅެނީ ކަމަށް ބުނެ ރައީސް ޓްރަމްޕް ވަނީ ޖޯކް ޖައްސަވާފަ އެވެ.

ނަމަވެސް އިލޮން އެކަމަށް ރައްދުދެމުން ބުނެފައިވަނީ އީވީ ކްރެޑިޓް ކަނޑާލުމަކީ އޭނާއަށް މައްސަލައެއް ނޫންކަމަށާ، ނަމަވެސް ބޭކާރު ހަރަދުތައް ހުއްޓާލަން ޖެހޭ ކަމަށެވެ. ބޭކާރު ހަރަދުތައް ހުއްޓުވުމާއި ގުޅޭ ގޮތުން ރައީސް ޓްރަމްޕް ކުރައްވާފައިވާ ބައެއް އެކްސް ޕޯސްޓްތައް ހިއްސާކުރަމުން އިލޮންވަނީ މިއަދު މި މީހާ ކޮބައިތޯ ސުވާލުކޮށްފަ އެވެ.

އިލޮން އާންމުންނަށް ފެންނަގޮތަށް އޭނާގެ އެކްސްގައި ޓްރަމްޕްގެ ސިޔާސަތުތަކަށް ފާޑުކިޔަން ފެށުމުން ކޯފާވެފައިވާ ޓްރަމްޕް ވިދާޅުވީ އިލޮންގެ ވާހަކަތަކުގެ ސަބަބުން ވަރަށް މާޔޫސްވެއްޖެ ކަމަށެވެ. އިލޮން ބުނީ އޭނާ ތާއީދު ނުކުރިނަމަ ރައީސް ޓްރަމްޕަށް އިންތިހާބުވެސް ކާމިޔާބު ނުވާނެ ކަމަށެވެ. އަދި އޭނާ ރައީސް ޓްރަމްޕްގެ ކެމްޕޭނަށް 300 މިލިއަން ޑޮލަރަށްވުރެން ގިނައިން ހަރަދުކުރި ކަމަށްވެސް ބުނެފައިވެ އެވެ.

އިލޮންއާއި ރައީސް ޓްރަމްޕްގެ ކޯޅުމާއެކު އިލޮންގެ ޓެސްލާގެ ހިއްސާއަށް ލޮޅުން އަރައި އެއްދުވަހުން 150 ބިލިއަން ޑޮލަރުގެ ގެއްލުން ވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި މި މައްސަލަގަނޑުގެ ތެރެއިން އިލޮންގެ ސްޕޭސް އެކްސް އާއެކު އެމެރިކާގެ ސަރުކާރުން ހެދުމަށް ހަމަޖެހިފައިވާ އެއްބަސްވުމަށްވެސް އަސަރުކޮށްފާނެ ކަމަށް ބެލެވެ އެވެ.