ބޮލީވުޑްގެ ތަރި ދީޕިކާ ޕަދުކޯންގެ ކުރީގެ ލޯބިވެރިއެއް ކަމަށް ދައުވާކުރާ މޮޑެލްއެއް ކަމަށްވާ މުޒައްމިލް އިބްރާހިމް ދީޕިކާއަށް ތުހުމަތުތަކެއް ކޮށްފި އެވެ.
މުޒައްމިލް ބުނީ މަޝްހޫރުކަމާއެކު ދީޕިކާއަށް ބޮޑު ބަދަލުތަކެއް އައި ކަމަށާއި މިހާރު އެއީ އޭނާ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދީޕިކާ ނޫން ކަމަށެވެ.
ދާދި ފަހުން ބޭއްވި ޕޮޑްކާސްޓެއްގައި ވާހަކަ ދައްކަމުން މުޒައްމިލް ބުނީ ފިލްމީ ދާއިރާގައި ދީޕިކާ މަޝްހޫރުވުމުގެ ކުރިން ދެ އަހަރު ދުވަހު އެމީހުން އެކުގައި އުޅުނު ކަމަށެވެ.
"އޭރު އަހަންނަކީ ސްޓާރެއް. ދީޕިކާއަކީ ކާކު ކަމެއް މީހުންނަކަށް ނޭނގޭ. މިހާރު އޭނާއަކީ ސުޕަސްޓާރެއް. ވަރަށް ގިނަ ކަންކަން ބަދަލުވެއްޖެ" މުޒައްމިލް ބުންޏެވެ.
އޭނާ އިތުރަށް ބުނީ 2018 ވަނަ އަހަރު ދީޕިކާ ރަންވީރު ސިންހްއާ ކައިވެނި ކުރަންދެން އެދެމީހުން ވާހަކަ ދައްކައި އުޅުނު ކަމަށާއި އެހެން ނަމަވެސް އެއަށްފަހު އެ ގުޅުން ފަނޑުވެފައިވާ ކަމަށެވެ.
2007 ވަނަ އަހަރު ބޮލީވުޑަށް ތައާރަފް ވުމުގެ ކުރިން ދީޕިކާއަކީ ވެސް މޮޑެލް އެކެވެ. ފިލްމީ ދާއިރާއަށް ވަނުމަށްފަހު އޭނާ ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އާއްމުންގެ މަގުބޫލުކަން ހޯދާފަ އެވެ.