ކިނބިދޫގައި މިއަހަރުގެ އަޟްޙާ ޢީދު ވަރަށް ކުލަގަދަކޮށް ފާހަކަ ކުރުމަށް ނިންމައި އެކަމުގެ ހަރަކާތްތައް ފަށައިފި. ފުރަތަމަ ކަމަކަށް އޮތީ ރަށުގެ އެންމެހާ ރައްޔިތުންނަށް ކައުންސިލްގެ ނަމުގައި އީދު ހަދިއާއެއްގެ ގޮތުގައި ކުބުސް ނަމަކަށް ކިޔާ މީރު ފޮނިކާ އެއްޗެއް ތައްޔާރުކޮށްފައި ބެހުން. އެއަށްފަހު އީދުވެއްޖެކަން އަންގައި ދޭން އެންމެ ކުރީ ޒަމާނުގައި ރޯކުރާ ހުޅުގަނޑު ނުވަތަ ކިނބިދޫ ބަހުން ނަމަ އީދު ގޮނޑު ރޯކުރުން. އީދު ދުވަސް ފެށެނީ އީދު ނަމާދަށް ފަހު އީދު ގޮވާލުން ނަމަކަށް ކިޔާ ހެނދުނުގެ ސަޔަކުން. ފަސް ދުވަހުގެ މައްޗަށް ބަހާލައިގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާއިރު އެ ރަށުގެ އަންހެނުން ކުރިއަރުވާ ކޮމިޓީގެ އިސްދައުރެއް ވެސް ވޭ. އީދުގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ދިވެހި ކޮންމެ ރައްޔިތެއް ވެސް އެ ރަށަށް ޒިޔާރަތްކޮށް އީދުގެ އުފަލުގައި ބައިވެރިވުމަށް ކިނބިދޫ ކައުންސިލުން ދައުވަތު ދޭ.

މި އަހަރުގެ ބޮޑުއީދު ވަރަށް ފޯރިގަދަކޮށް ފާހަގަ ކުރުމަށް ތ. ކިނބިދޫ ރައްޔިތުން ވަނީ ތައްޔާރު ވެފަ އެވެ. އެ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ގެ ރައީސާ އައިމިނަތު ސުމީތާ (ސުމީ) "ހުރިހާ" އާ ވާހަކަދައްކަމުން ބުނީ އެ ރަށުގައި ބޮޑު އީދު ހަރަކާތްތައް ފަސް ދުވަހަށް ކުރިއަށް ގެންދަން ރާވާފައި ވާއިރު، ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އަދި އީދު ކޮމިޓީ އިސްދައުރެއް އަދާކުރާ ކަމަށެވެ.

ފަސްދުވަހަށް ބަހާލައިގެން ކުރިއަށް ގެންދާ ހަރާތްތަކުގައި ކޮންމެ ދުވަހަކު ވެސް ފޯރިގަދަ އެތައް ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ވެ އެވެ. އެ ގޮތުން މި ބަލާލަނީ އީދުގެ ފަސްދުވަހު ކުރިއަށް ގެންދާ މުހިންމު ހަރަކާތް ތަކަށެވެ.

ކިނބިދޫ ސަގާފީ ފޮނި ކުބުސް

އީދުގެ ހަރަކާތްތައް ފެށުމުގެ ގޮތުން އެންމެ ފުރަތަމަ ހަރަކާތަކަށް އޮތީ އީދު ފެށެން ދެތިން ދުވަހަށް ވުމުން ކުބުސް އެޅުމެވެ. ކުބުހަކީ ހުނިހަކުރު އަޅައިގެން ތައްޔާރުކުރާ ވަރަށް މީރު ފޮނިކާ އެއްޗެކެވެ.

ކުނބުސް ފިހުމަށް ގަބުޅިހުނި ގޭނުމުގެ މަސައްކަތުގައި: ކުނބުސް ތައްޔާރުކުރުމަށް ރަށުގެ ގިނަރައްޔިތުން ބައިވެރިވޭ

ގާތްގަނޑަކަށް 500އެއްހާ ގަބުޅީގެ ހުނި ބޭނުންކޮށްގެން މިއަހަރު ހެދި ކުބުސް ހެދުމުގައި އެ ރަށުގެ ކުދިބޮޑު އެންމެންހެން ބައިވެރިވެފައި ވެ އެވެ. ކުބުސް ތައްޔާރުކުރުމަށްޓަކައި 8 ފޫޓު 4 ފޫޓުގެ ބޮޑު ވަޅުގަނޑެއް ކޮނެގެން ދެ ދުވަސް ވަންދެން ބޮނބިއަޅައިގެން ފިހަނީ އެވެ.

ކުނބުސް: އީދު ހަދީއެއްގެ ގޮތުގައި ބަހާ މީރު ފޮނިކާއެއްޗެއް

"ސަތޭކަ ފަންސާހާ ގާތްކުރާ އަދަދަކަށް ގޭބިސީ މިރަށުގައި ހިމެނޭ އިރު ކޮންމެ ގޭބިސީއަކަށް ވެސް ކުބުސް އިން ބައެއް ފޮނުވުމަށް ހަމަޖެހިފައިވޭ. މި ކުބުސްތައް ހުންނާނީ ޕާރުސަލް ކުރެވި، އީދު މުބާރިކް އަދި ކައުންސިލްގެ ހެޔޮއެދުންތަކާއެކު މިހެން ލިޔެފައި،" ސުމީ ބުންޏެވެ.

ކުނބުސް ޕާރުސަލް ކުރަނީ: މިއީ ރަށުގެ ކޮންމެ ގެއަކަށް ފޮނުވާ އީދު ހަދިޔާއެއް

އީދު ގޮނޑު

އީދުވެއްޖެކަން އަނގައިދޭން އިހު ޒަމާނުގައި ރޯކޮށް އުޅުނު އީދު މަޅި ނުވަތަ ކިނބިދޫ މީހުން ކިޔާގޮތުން ނަމަ އީދު ގޮނޑަކީ އެ ރަށުގައި މީގެ ކުރިން ފިތުރު އީދަށް މޫދުގައި ރޯކުރެވޭ އަލިފާން ގަނޑެކެވެ. މިއަހަރު މިރަށުގައި ބޮޑު އީދުގައި ވެސް އެކަން ކުރަން ވަނީ ހަމަޖެހިފައި އެވެ.

އީދު ގޮނޑަށް ބޭނުންވާ ފަން ގެނައުމަކީ އެ ރަށުގެ ފިރިހެނުން އިސްވެ ކުރިއަށް ގެންދާ މަޖާ ހަރަކާތެކެވެ. ވަރަށް އުފާވެރި، އެކުވެރި މާހައުލެއްގައި ކުރިއަށްދާ މިހަރަކާތުގައި އެ ރަށުންނާއި ފަޅުރަށް ރަށަށް ގޮސް ފަން ގެނެސް، އެ ފަން ޖަހައިގެން މޫދުގައި ރޯކޮށްފައިވާ އަލިފާންގަނޑު ވަރުގަދައަށް އަންދަ އެވެ.

އީދު ގޮވާލުން

ކިނބިދޫގައި އީދު ދުވަސް ފެށިގެން ދަނީ ބޮޑު ޖަމާއަތުގައި ކުރެވޭ އީދު ނަމާދަށްފަހު ރަށުގެ ހުރިހާ ކުދި ބޮޑު އެންމެން ބައިވެރިވާ އީދު ސައިންނެވެ. މި ސައިގައި ރަށަށް އަންނަ މެހެމާނުން ވެސް ރަށު މީހެކޭ ތަފާތެއް ނެތި ބައިވެރިކުރުން އޮވެ އެވެ. އީދު ސައިގައި ބައިވެރިވުމަށް ރަށު ކައުންސިލުން ކޮންމެ ގެއަކަށް ކާތަކެތި ތައްޔާރުކުރުމަށް ފައިސާގެ އެހީއެއް ވަނީ ފޯރުކޮށްދީފަ އެވެ.

އީދު ގޮވާލުން: ޢީދުނަމާދަށްފަހު މާލޫދު ހަރުގޭގައި ބާއްވާ ހެދުނުގެ ސައި

އީދު ގޮވާލުން ނުވަތަ މި ހާއްސަ ސައި ބޭއްވުމަށް ހަމަޖެހިފައި ވަނީ ކިނބިދޫގެ މާލޫދު ހަރުގޭގަ އެވެ. އީދު ގޮވާލުމަށް ކޮންމެ ގެއަކުން ކާތަކެތި ތައްޔާރު ކޮށްގެން ސައި އޮންނަ ތަނަށް ޖަމާކުރެ އެވެ. ސައި ބޯނީ އެ ކަމަށް ޚާއްސަ ކުރެވިފައިވާ ކުނާތައް މަތީ އިށީނދެގެން ތިބެ އެވެ. ސައި ދިނުމުގައި އަންހެނުން ހަރަކާތްތެރިވެ އެވެ. ނަމަވެސް އަންހެނުންގެ ސައި ބުއިން އޮންނަނީ ވަކިން އެ މީހުންގެ ގޭގޭގަ އެވެ.

އީދު ކުޅިވަރު ފެށުން

އީދު ދުވަހުގެ ކުޅިވަރުތައް ކުޅެން ހަމަޖެހިފައި އޮތީ ބަނދަރު ސަރަހައްދުގައި ދެޖިންސު ވަކިންނެވެ. އެ ބައަކަށް ޚައްސަކުރެވިފައިވާ ކުލައިގަ އެވެ. ކުޅިވަރުތައް ފެށުމުގެ ގޮތުން ފުރަތަމަ އޮންނަނީ ވާދެމުމުގެ ހަރަކާތެކެވެ. އެއަށްފަހު ގޯނި ރޭސް، ބިސް ރޭސް އަދި ދިގުދަނޑި ފަދަ ތަފާތު ގިނަ ކުޅިވަރުތަކެއް ކުރިއަށް ދާނެ އެވެ.

ވާދެމުން: ޢީދުގެ ކުޅިވަރުތައް ފެށުމުގެ ގޮތުން ވާދެމުމަކީ ގިނަބަޔަކު ބައިވެރިވާ މަޖާ ހަރަކާތެއް

ކުޅިވަރުގެ ހަރަކާތަކަށް ރަށުން ބޭރުން އަންނަ މީހުންނަށް ކިނބިދޫ ރައްޔިތުން މަރުހަބާ ކިޔަ އެވެ. ކިނބިދޫ ކައުންސިލުން ވެސް އެދެނީ ވީހާ ވެސް ގިނަ މީހުން ކިނބިދޫއަށް ޒިޔާރަތްކޮށް ކިނބިދޫ ރައްޔިތުންނާ އެކުވެ، އީދު ކުޅިވަރުތަކުގައި ބައިވެރިވުމަށެވެ. މި ހަރަކާތްތައް އެ ދުވަހުގެ މެންދުރު ވަގުތާ ހަމައަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

"މެންދުރު ޚާއްސަ ކެއުމެއް މި ރަށަކު ނޯވޭ. އެ ގެއެއްގައި ކާން ބޭނުން އެއްޗެއް ކައްކައިގެން ކާނެ. މެންދުރަށް ހުއްޓާލި ކުޅިވަރުތައް ދެން ފެށޭނީ އެ ދުވަހުގެ ހަވީރު ހަތަރެއްޖަހާއިރު،" ޒުވާން ރައީސާ ބުންޏެވެ.

އަންހެން ފިރިހެން ޚާއްސަ ލަނގިރިޖެހުން

އީދު ދުވަހުގެ ހަވީރު އެންމެން އިންތިޒާރުކުރާ އެންމެ ޚާއްސަ ކުޅިވަރަކަށް އޮންނާނީ ލަނގިރި ޖެހުމެވެ. އަންހެނުންގެ ލަނގިރީގެ ހުރިހާ އިންތިޒާމެއް ހަމަޖައްސައިދެނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީންނެވެ. އޭގެ ތެރޭގައި ހެދުމުގެ ޚަރަދާއި އެހެނިހެން ޚަރަދު ދިނުން ވެސް ހިމެނެ އެވެ.

ފިރިހެނުންގެ ލަނގިރީގެ ހަރާކާތުގެ ތެރެއިން: އީދުފާހަގަ ކުރުމުގައި ބޮޑު ތަރުހީބެއް ލިބޭ މުހިންމު ހަރާތެއް

އެހެން ނަމަވެސް އަބަދުވެސް ހެޔޮއެދޭ ފަރާތްތަކުން ސޮޕޮންސާގެ ގޮތުގައި އެހީވެދެއްވާކަން ވަރަށް ޝުކުރުވެރިކަމާއެކު ސުމީ ފާހަގަ ކުރި އެވެ. ލަނގިރި ޖެހުމުގެ އިތުރުން އެރޭ އީދުޝޯ އެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ޝޯގެ ތެރޭގައި ހަވާ އެރުވުމުގެ ހަރަކާތެއް ވެސް ކުރިއަށް ގެންދާނެ އެވެ.

ބޮޑުމަހާއި "އިލިބޯ "ޖެހުމުގެ އިވެންޓު

ވަޅު އީދު ދުވަހުގެ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައި ވަނީ ވަރަށް ވާދަވެރި ހަރަކާތަކުން ނެވެ. އެއީ އަންހެނުންނާއި ފިރިހެނުންގެ މެދުގައި ބޭއްވޭ ވަރަށް ފޯރިގަދަ ރޮށި ފިހާ މުބާރާތަކުންނެވެ. އޭގެ އިތުރުން އެދުވަހުގެ ހަވީރު އޮންނަ އިލި ބޯޖެހުމުގެ އިވެންޓަކީ ވެސް އެރަށު ރައްޔިތުންގެ މެދުގައި ވަރަށް މަގުބޫލު ހަރަކާތެކެވެ. އިލި ބޯއަކީ ފަނުން ނިވައިވެގެން ތިބޭ މީހުންތަކެކެވެ.

އިލިބޯއާއި ބޮޑުމަސް ތައްޔާރުކުރުމުގެ ތެރެއިން: ރަށުގެ ގިނަ ބަޔަކު އެއްވެގެން ދުރާލާ އީދަށް ޚާއްސަ އެއްޗެހި ފަނުން ތައްޔާރުކުރޭ

"ބޮޑުމަސް އިލިބޯ އިވެންޓަށް ވަރަށް ދުރާލާ ތައްޔާރު ވިން. ކައުންސިލްގެ ފަރާތުން މި އިވެންޓަށް ތައްޔާރު ވާންވެގެން ކޮންމެ ގެއަކަށް އުޅާލި ހެދުމަށް މެސެޖު ފޮނުވި. ކޮންމެ ގެއަކުން 30 އުޅާލި ނަގާ ގޮތަށް ހަމަޖެހިފައި އޮތީ،" ސުމީ ބުންޏެވެ.

އީދު ދުވަހުގެ ހަތަރު ވަނަ ދުވަހު އޮންނަ ފާހަގަކޮށްލެވޭ ހަރަކާތްތަކުގެ ތެރޭގައި ބޮޑުމަސް ބޭނުމާއި ކޯޑި ކެނޑުން ހިމެނެ އެވެ. ބޮޑުމަސް ނެރޭއިރު އެއާއެކޮށް "އިލިބޯ" ތައް ރަށުގެ ހުރިހާ ގެއަކަށް ގޮސް އުޅާލި ހޯދައި އެއްކުރުން އޮވެ އެވެ.

އުޅާލި: ކޮންމެ އިލިބޯއަކަށްވެސް އުޅާލި ހަދިޔާކުރުން އޮވޭ

އެގޮތަށް އެއްކުރާ އުޅާލިތައް ޑަބިޔަލަކަށް އަޅައި އަންހެނުންނަށް ފޮރުވަ އެވެ. މި ހަރަކާތުގައި އަންހެނުންގެ ރޯލަކީ ފޮރުވާފައި ހުންނަ އުޅާލި ޑަބިޔާތައް ހޯދުމެވެ.

"އުޅާލި ޑަބިޔާ ފޮރުވިފައި ހުންނާނީ ފަޅުގޯތިތަކުގަ އާއި ގަސްތަކު ތެރޭގައި. އެރޭ ހަމަ ހަތަރުދަމު 5 ޖަހަންދެން ވެސް އަންހެން ވެރިން ނުނިދައި އުޅޭނެ. އަންހެނުންނަށް އޮޅުވާލުމަށް އަކިރި އަޅާ ބަރުކޮށްފައި ހުންނަ ޑަބިޔާ ވެސް ފިރހެނުން ބަހައްޓާފައި ވެސް ހުރޭ،" ސުމީ ކިޔައިދިނެވެ.

އިލިބޯ: އުޅާލި ހޯދުމަށް ގޭގެއަށް ޒިޔާރަތްކުރޭ

ކޯޑި ކެނޑުމާއި ކޯޑިބަތް

ކޯޑި ތައްޔާރު ކުރުމަކީ ދެ ޖިންސުގެ ދެމެދުގައި ހިނގާ ވާދަވެރި ހަރަކާތެކެވެ. ކޯޑި ތައްޔާރުކުރަނީ ފަނުންނާއި ބޮކިފަތިން ޒީނަތްތެރި ކުރެވިފައިވާ "ކޯޑިގެ"އެއްގަ އެވެ. މި ހަރަކާތް ކުރިއަށް ދާއިރު އިލިބޯތައް އެއްކުރި އުޅާލިތައް ޖޫހާއެކު ކައި ހަދަ އެވެ. ކޯޑި ތައްޔާރުކޮށް ނިމުމުން ބެރުޖަހައި ލަވަކިޔަމުން އައިސް އެއްބަޔަކު އަނެއް ބަޔަކު ތައްޔާރުކުރި ކޯޑި ކެނޑުމަށް މަސައްކަތް ކުރެ އެވެ.

ކޯޑި ކެނޑުމަކީ ސުމީ ބުނިގޮތުގައި ވަރަށް ސިއްރުން ކުރާ ކަމެކެވެ. ބައެއް ފަހަރު އަގެއް ދީގެން ވެސް މީހުން ލައްވައި ކޯޑިކަނޑާ ކަމަށް ވެސް އޭނާ ބުންޏެވެ.

އައިމިނަތު ސުމީތާ: އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ

ޖެހިގެން އަންނަ ދުވަހުގެ 9 ޖަހާއިރު ކޯޑި ކެނޑި ފަރާތްތައް ހޯދައި އެ ދެމީހުންގެ ގަޔަށް ތެލާއި ބިސް ޖަހަ ހަޑިކޮށްލެވެ އެވެ. އެއަށްފަހު ދެން އޮންނަނީ ރީތިކުރުމެވެ.

"ކޯޑީގެ ފޯރިގަދަ ހަރަކާތް ނިމުމަށްފަހު އެންމެން އެކުވެގެން ބަނދަރު ސަރަހައްދުގައި ކައްކައިގެން ކެއުން އޮނާނާނެ. އެކެއުމަށް ކިޔަނީ ކޯޑިބަތް. މިކެއުމުގައި ރަށު މީހުންނާއި ރަށުން ބޭރުން އަންނަ މީހުން ހަމަހަމަކޮށް ހިއްސާވާނެ. ދެން އޮންނަނީ އެ ރޭގެ ވަދާއީ ޝޯ. އެ ޝޯއަށް ކޯޑިކެނޑި މީހާ ރަސްމީ އިއްޒަތުގައި ގެންނާނެ،" ސުމީ ބުންޏެވެ.

މަސައްކަތްކުރާ މީހުންނަށް ޖޫސްގެންގޮސްދެނީ : އީދުގެ ހަރަކާތްތައް ކުރިއަށްދަނީ ރަށުގެ ރައްޔިތުންގެ ބޮޑު އެއްބާރު ލުމަކާއިއެކު

މިއަހަރުގެ އަޟްހާ އީދު ކުލަގަދަކޮށް ފާހަގަ ކުރާ ރަށް ރަށުގެ ތެރޭގައި ކިނބިދޫ ހިމެނޭއިރު، އެ ހަރަކާތްތަކުގައި ބައިވެރިވުމަށް ދުރާއި ކައިރި ރަށް ރަށުން ވެސް އާދެވޭ އެންމެން އެ ރަށަށް އައުމަށް ރަށު ކައުންސިލުންނާއި އަންހެނުން ގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން ދައުވަތު ދެ އެވެ.