މިދިޔަ މަހުގެ ކަރަންޓުގެ ބިލުކުރާނީ ސަރުކާރުން ކަނޑައެޅި އައު ޓެރިފް ރޭޓްގައި ކަމަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުން ބުނެފި އެވެ.

މިމަހުން ފެށިގެން ކަރަންޓުގެ ޓެރިފް ރޭޓް ކުޑަކުރެއްވުމަށް ނިންމަވާ އެކަން ރައީސް މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ މިދިޔަ މެއިމަހުގެ 30 ވަނަ ދުވަހު އެވެ. މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ސްޓެލްކޯއިން ބުނީ ރައީސްގެ ނިންމެވުމާއި އެއްގޮތަށް މެއި މަހުގެ ކަރަންޓު ބިލްތައް ތައްޔާރުކޮށްފައި ވަނީ އަގުހެޔޮކޮށްފައިވާ ޓެރިފް ރޭޓްތަކަށް ކަމަށެވެ. އަދި މި ބަދަލާއެކު ކަރަންޓު ބިލް ދެއްކުމަށް ރައްޔިތުން ކުރާ ހޭދަ ކުޑަވެގެންދާނެ ކަމަށް ސްޓެލްކޯއިން ބުނެ އެވެ. އަދި ދެން ފޮނުވާ ހުރިހާ ކަރަންޓު ބިލްތަކެއް ވެސް ތައްޔާރުކުރާނީ އާ ޓެރިފްރޭޓްތަކުގައި ކަމުގެ އެ ކުންފުނިން ބުނެ އެވެ.

އަތޮޅުތެރޭގެ ގިނަ ރަށްރަށަށް ކަރަންޓުގެ ޚިދުމަތް ދޭ ފެނަކައިން ވެސް ބުނީ މެއި މަހުގެ ބިލަށް މިހާރު ފައިސާ ދައްކާފައިވާ ފަރާތްތަކަށް ޖޫން މަހުގެ ބިލުން އެބައި އުނިކުރެވޭނެ ކަމަށެވެ. އަދި މެއި މަހުގެ ބިލު ދައްކާފައި ނުވާ ފަރާތްތަކަށް ކުޑަ ޓެރިފް ރޭޓުގައި އަލުން ބިލު ޖެނެރޭޓު ކުރެވޭނެ ކަމަށް އެކުންފުނިން ބުނެ އެވެ.

ކަރަންޓު ޓެރިފް ރޭޓުތަކަށް އަންނަ ބަދަލުތައް

  • ބޭންޑް 0-100: 1.50 ރުފިޔާއިން 1.25 ރުފިޔާއަށް
  • ބޭންޑް 101-200: 1.70 ރުފިޔާއިން 1.50 ރުފިޔާއަށް
  • ބޭންޑް 201-300: 2.15 ރުފިޔާއިން 1.50 ރުފިޔާއަށް
  • ބޭންޑް 301-400: 2.50 ރުފިޔާއިން 1.50 ރުފިޔާއަށް
  • ބޭންޑް 401-500: 2.95 ރުފިޔާއިން 2.66 ރުފިޔާއަށް
  • ބޭންޑް 501-600: 3.55 ރުފިޔާއިން 3.20 ރުފިޔާއަށް
  • 600 އިން މަތީގެ ބޭންޑުތައް: 4.25 ރުފިޔާއިން 3.83 ރުފިޔާއަށް

ގޭބިސީތަކުގެ ކަރަންޓު ޓެރިފް ރޭޓް ކުޑަކޮށްފައި ވަނީ މިދިޔަ އަހަރެއްހާ ދުވަހު މުޅި ރާއްޖޭގެ ކަރަންޓު ބިލު އިންތިހާއަށް ބޮޑުވެ ގިނަ ބަޔަކު ފާޅުކުރަން ފެށުމުންނެވެ.