ހޮލީވުޑްގެ މަޝްހޫރު ތަރި ޖެކީ ޗެންއަށް ހޮލީވުޑުން އެންމެ ފުރަތަމަ ފުރުސަތު ލިބުނީ 1995 ވަނަ އަހަރު އެވެ. އެހެން ނަމަވެސް އޭނާއަށް އާއްމުންގެ މަގުބޫލުކަން ލިބުނީ 1998 ވަނަ އަހަރު ނުކުތް ކޮމެޑީ ފިލްމު "ރަޝް އަވާ"އިންނެވެ.
ޖެކީ އާއްމުންގެ މަގުބޫލުކަން އެންމެ ބޮޑަށް ހޯދާފައިވަނީ އޭނާގެ ކުޅަދާނަ މާޝަލް އާޓްސްގެ ހުނަރުންނެވެ. އޭނާގެ ގިނަ ފިލްމުތަކަކުން މާޝަލް އާޓްސް ފެނިގެންދެ އެވެ.
ޖެކީއަށް ސަޕޯޓުކުރާ ގިނަ މީހުންނަށް ވެސް ނޭނގި އޮތް އެއް ކަމަކީ ޖެކީގެ ބައްޕަ، ޗާލްސް އަކީ ޖާސޫސެއް ކަމާއި އޭނާގެ ޅަފަތުގައި އެކަން ނޭނގި އޮތް ކަމެވެ.
ޕީޕަލްސް މެގަޒިންއަށް ދިން އިންޓަވިއުއެއްގައި ޖެކީ ވަނީ އޭނާގެ އާއިލީ ދިރިއުޅުމާއި މާޒީއާ ބެހޭގޮތުން ކުރިން ނޭނގި އޮތް ގިނަ ވާހަކަތަކެއް ހިއްސާކޮށްފަ އެވެ.
އެ އިންޓަވިއުގެ ތެރެއިން އޭނާގެ މައިންބަފައިންނާއެކު ނަގާފައިވާ ފޮޓޯއެއް ދައްކާލަމުން ޖެކީ ބުނީ އޭނާގެ ބައްޕައަކީ ޖާސޫސެއްކަން އެނގުނީ ވަރަށް އުމުރުން 40 އަހަރު ވެސް ވީ ފަހުން ކަމަށެވެ.
"އެއްދުވަހަކު ބައްޕަ ބުނީ އަހަރެން މުސްކުޅިވެއްޖެއޭ. ފަހަރެއްގައި މާދަމާ ވެސް ނުފެނިދާނެއޭ. އެހެންވެ ސިއްރެއް ބުނަން އެބައޮތޭ،" ޖެކީ ބުންޏެވެ.
އެގޮތުން ޖެކީގެ ފަހު ނަމަކީ ހަގީގަތުގައި "ޗެން" ނޫންކަން އެނގުނީ އެ ދުވަހު ކަމަށް އޭނާ ބުންޏެވެ. އޭނާގެ އަސްލު ނަމަކީ "ޖެކީ ފޭންގް" އެވެ.
އެކަން އެނގުމުން އޭނާއަށް ކުއްލި ސިހުމެއް ލިބުނު ކަމަށާއި އެއީ އޭނާގެ އާއިލީ ބޮޑު ސިއްރު ކަމަށް ވެސް ޖެކީ އޭނާގެ އިންޓަވިއުގައި ބުންޏެވެ.
ފާއިތުވި 25 ވަރަކަށް އަހަރު ދުވަހު އެކި ފިލްމުތަކުން ޖެކީ ފެނިފައިވާއިރު އެންމެ ބޮޑު ތަރުހީބެއް ލިބުނީ "ކަރާޓޭ ކިޑް" ފްރެންޗައިޒްގެ ފިލްމުތަކަށެވެ.