ހޮލީވުޑްގެ ރެޕް ލަވަކިޔުންތެރިޔާ ކާޑިބީގެ ކުރީގެ ފިރިމީހާ އޮފްސެޓް އެމީހުންގެ ދަރިން ބެލުމުގެ ޚަރަދު ކާޑިބީއަށް ނުދޭތީ އޭނާގެ ރުޅިގަނޑު ފަޅައިގެން ހިނގައްޖެ އެވެ.
މިދިޔަ ހުކުރު ދުވަހު އެކްސް ސްޕޭސްގައި ވާހަކަ ދައްކަމުން ކާޑިބީ ބުނީ ދަރިން ބެލުމުގެ ކަންކަމުގައި އޮފްސެޓްގެ ފަރާތުން އޭނާއަށް އެންމެ ލާރިއެއް ވެސް ނުލިބޭ ކަމަށެވެ. އެއާއެކު އޮފްސެޓްއަކީ ނަފްސާނީ ބަލިމަޑުކަމެއްގެ ޝިކާރައަކަށް ވެފައިވާ މީހެއް ކަމަށްވެސް ކާޑިބީ ވަނީ އެ ވީޑިއޯގައި ތުހުމަތު ކޮށްފަ އެވެ.
އޭނާ މި ބީދައިން ވާހަކަ ދައްކާފައި މިވަނީ ބައިވެރިޔާގެ ފަރާތުން ލިބެންޖެހޭ މާލީ އެހީތެރިކަން ކާޑިބީގެ ފަރާތުން ހޯދަން އޮފްސެޓް މަސައްކަތްކުރާ ކަމަށް އަޑުތައް އަރާފައި ވަނިކޮށެވެ.
ހަބަރުތައް ބުނާ ގޮތުގައި އޮފްސެޓް ވަނީ މާލީ އެހީތެރިކަމަށް އެދި ވަރީގެ ހުށައެޅުން އަލުން ކޯޓަށް ހުށައަޅާފަ އެވެ. އެ ހުށައެޅުމުގައި އެ ދެމީހުންގެ ތިން ދަރިންގެ "ޖޮއިންޓް ކަސްޓަޑީ"އަކަށް ވެސް އެދިފައިވެ އެވެ.
މީގެ ހައެއްކަ މަސް ދުވަސް ކުރިން އެމީހުންގެ ގުޅުމުގައި މައްސަލަތައް އުފެދި ކާޑިބީއާއި އޮފްސެޓް ވަކިން އުޅެމުން އަންނައިރު އެމީހުންގެ ދަރިން ބަލަނީ ކާޑިބީ އެވެ.