ހިޔާ ފްލެޓްތައް ކުއްޔަށްދޭން ކުރީ ސަރުކާރުން ނިންމި ނިންމި އަގަށްވުރެ ބޮޑުކޮށް ކުއްޔައް ދޫކުރަން މިސަރުކާރުން ނިންމައިފި އެވެ.

ރައީސްް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ، ޑައުން ޕޭމެންޓަކާނުލައި ހިޔާ ފްލެތްތައް ދޫކުރަން ހަމަޖެހިފައިވާ އަަގަކީ 7،500ރ. ކަމަށެވެ. އެހެން ނަމަވެސް، ކުރީ ސަރުކާރުން ހިޔާ ފްލެޓްތައް ދޫކުރުމަށް ކަނޑައަޅި އަގަކީ 6،500 އެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުކަމާން މަބްރޫކް އަޒީޒް ވާހަކަ ދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

މިނިސްޓަރު އަސްލަމް ވިދާޅުވީ 7،500 ނެގުމުން ވެސް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ގެއްލުންވާނެ ކަމަށެވެ.

އެހެން ނަމަވެސް، ދިޔަރެސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މީގެ ކުރިން އެޗްޑީސީން ސަރުކާރަށް ފޮނުވާފައިވާ ލިޔުމެއްގައި ވާގޮތުން، ކުލީގެ ގޮތުގައި ހިޔާ ފްލެޓްގެ އެޕާޓްމެންޓަކުން 7،367ރ. ނެގިނަމަވެސް ފައިދާގެ ގޮތުގައި 921 މިލިއަން ރުފިޔާ އެ ކުންފުންޏަށް ލިބޭނެ އެވެ.

އެޗްޑިސީން ފޮނުވި ލިޔުމުގައި ވާގޮތުން ހައުސިން ޔުނިޓްތަކާއި ވިޔަފާރީގެ ބޭނުމަށް ދޫކޮށްފައިވާ ތަންތަނުން 20 އަހަރުގެ ތެރޭގައި ކުލީގެ ގޮތުގައި 12.405،626،361.60ރ. އެޗްޑީސީއަށް ލިބޭނެ އެވެ. އޭގެ ތެރެއިން ފައިދާގެ ގޮތުގައި 4.649،737،766.50ރ. ލިބޭނެ އެވެ. އަދި ސާފު ފައިދާގެ ގޮތުގައި 921،473،270.19 ރ. ލިބޭނެ ކަމަށް އެ ކަރުދާހުގައިވެ އެވެ.

ކުރީ ސަރުކާރުން ހިޔާ ފްލެޓްތައް ހަވާލުކުރުމަށް ހަމަޖެއްސީ ފިނިޝިންއާއެކު އެވެ. އެހެން ނަމަވެސް، މިސަރުކާރަށް އެކަމަށް ބޭނުންވާ ހަރަދުކުރުމަށް ލޯން ހަމަނުޖެހުމުން ފްލެޓްތައް ދޫކުރަން ނިންމާފައި ވަނީ ފިނިޝިންއާ ނުލާ އެވެ.