ކުރީގެ އަންހެނުން އެންޖެލީނާ ޖޯލީއާއެކު ކުރިއަށްދިޔަ ދިގު ގާނޫނީ ކޯޅުންތަކަށްފަހު އެންމެ ފަހުން ބްރެޑް ޕިޓް މީޑިއާއަށް ފުރަތަމަ ފަހަރަށް އިންޓަވިއުއް ދީފި އެވެ.
ޖީކިއުއަށް ދިން އެ އިންޓަވިއުގައި ބްރެޑް ވަނީ އޭނާގެ ކައިވެނި ރޫޅުމާއި އެ ކަމާ ވިދިގެން ކޯޓުގައި ކުރިއަށްދިޔަ "ޑްރާމާ"އާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ.
ވަރިއާ ބެހޭގޮތުން ފުރަތަމަ ފަހަރަށް އާއްމު ތަނެއްގައި ވާހަކަ ދައްކަމުން ބްރެޑް ބުނީ އޭނާގެ ހަޔާތުގެ ކޮންމެ ކަމެއް ނޫސްތަކުގެ ފަލަ ސުުރުހީއަށް އަރާތީ އުނދަގޫވާ ކަމަށެވެ.
"ފާއިތުވި 30 އަހަރު ވެސް އަހަރެންގެ ދިރިއުޅުމުގެ ވާހަކަ ނޫސްތަކުގެ ފަލަ ސުރުހީއަށް އަރާ. އަހަރެން މަސައްކަތް ކުރަނީ އެކަމަށް އަޅާނުލަން" ބްރެޑް ބުންޏެވެ.
ވަރީގެ ކަންކަން ނިމިގެން ދިއުމަކީ ލިބުނު ހިތްހަމަޖެހުމެއްތޯ ސުވާލު ކުރުމުން ބްރެޑް ބުނީ އެއީ ގާނޫނީ ގޮތުން ނިންމަން ޖެހޭ ސަފްހާއެއްގެ ނިމުން ކަމަށެވެ.
ބްރެޑްއާއި އެންޖެލީނާ އެންމެ ފުރަތަމަ ބައްދަލުވީ 2005 ވަނަ އަހަރު އެމީހުން އެކުގައި މަސައްކަތްކުރި "މިސްޓަ އެންޑް މިސިސް ސްމިތު"ގެ ސެޓުންނެވެ.
އަހަރުތަކަކަށްފަހު 2014 ވަނަ އަހަރު އެމީހުން ކައިވެނި ކުރިއިރު މާ ގިނަ ދުވަސްތަކެއް ނުވެ އެ ކައިވެނީގައި މައްސަލަތައް ޖެހެން ފެށި އެވެ.
ވަރިއަށްފަހު ދިރިއުޅުމުގެ އާ ސަފްހާއެއް ފަށަން ބްރެޑް ތައްޔާރުވަމުން އަންނައިރު ދެން އެންމެ އަވަހަށް އޭނާ ފެންނާނީ އެފް1ގެ ފިލްމަކުންނެވެ.