ވަކީލުކަމުގެ ހުއްދަ ލިބުނުތާ 7 އަހަރުވެފައިވާނަމަ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޝަރުތު ހަމަވާނެ ކަމަށް ޖޭއެސްސީން ނިންމައިފި އެވެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ވަކިކުރުމުގެ ސަބަބުން އެ ދެމަގާމަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަނުކުރަން ޖޭއެސްސީން އިސްކަން ދޭކަމަށް ރައީސް މުހައްމަދު މުއިއްޒު އަށް ލަފާދޭން ވަނީ ނިންމާފަ އެވެ.

މިކަމަށް އިއްޔެ އޮތް ޖޭއެސްސީގެ ބައްދަލުވުމުގައި މިހެން ކަނޑައެޅުމުގެ ކުރިން ސަލީމްގެ ކިބައިގައި ގާނޫނުއަސާސީގެ 149 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އެއް ޝަރުތު ފުރިހަމައެެއް ނުވާކަމަށް ބައެއް މެންބަރުން ވިދާޅުވެ، ފަނޑިޔާރު ސަލީމްގެ ޝަރުތާ މެދު ހޫނު ބަހުސެއް ހިނގި އެވެ.

އި ގާނޫނުއަސާސީގެ 149 ވަނަ މާއްދާގެ (ނ) ގައި ބުނާ ގޮތުގައި އެ މާއްދާގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރާ ކޮންމެ މީހަކީ އުމުރުން 30 އަހަރު ވެފައިވުމާ އެކު، ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މި ދެ ކަމުގައި މަދުވެގެން ހަތް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާން ޖެހޭނެ އެވެ.

ހައި ކޯޓުގެ ލީގަލް އޮފިސަރުގެ މަގާމުގައި 12 އަހަރު ދުވަހު ހިދުމަތް ކުރައްވާފައިވާ ފަނޑިޔާރު ސަލީމު ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކޮށްފައިވަނީ 2022 ވަނަ އަހަރު އެވެ. އެހެންކަމުން އޭނާ ފަނޑިޔާރުކަން ކުރައްވާތާ އަދި ވީ ތިން އަހަރެވެ.

މީގެ އިތުރުންވެސް ފަނޑިޔާރު ސަލީމަކީ ގާނޫނީ ވަކީލެއްގެ ގޮތުން ކޯޓުތަކުގައި އެއްވެސް އިރަކު ވަކާލާތު ކުރައްވާފައިވާ ބޭފުޅެއް ނޫން ކަމަށް ޖޭއެސްސީގެ އިންޓަވިއުގައި ވެސް ވިދާޅުވިއިރު، މިކަމުގެ ކަންބޮޑުވުންވެސް މެންބަރުން ވަނީ ފާޅުކޮށްފަ އެވެ.

ކަން މިހެން އޮތް ނަމަވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް މީހަކު އައްޔަނުކުރުމަށް ބޭއްވި އިންޓަވިއުގައި ޖޭއެސްސީން އެންމެ ގިނަ މާކްސް ދީފައި ވަނީ ފަނޑިޔާރު ސަލީމަށާއި ހަމީދަށެވެ.

ޖޭއެސްސީން ބުނީ ނިންމީ ގާނޫނުއަސާސީގައި ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މި ދެ ކަމުގައި މަދުވެގެން ހަތް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ކަމުގެ ޝަރުތު ކަމަށް ބަލަނީ ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބުނުތާ ހަތް އަހަރުވުމަށް ކަމަށް ކަނޑައެޅުމަށް ފަހުކަމަށާއި މީގެ ކުރިން ވެސް ޖޭއެސްސީން އެ މާއްދާ މާނަކޮށްފައި ވަނީ އެގޮތަށް ކަމަށެވެ.

އެގޮތުން ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި މި ފަހުން ސުޕްރީމް ކޯޓުން ވަކިކުރި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ފަނޑިޔާރު ކަމަށް އައްޔަންކުރިއިރު ވެސް ޖޭއެސްސީން މާއްދާ މާނަކޮށްފައި އޮތީ އެގޮތަށް ކަމަށް ޖޭއެސްސީން ވަނީ ބުނެފަ އެވެ.

ޖޭއެސްސީން ބުނީ އެމާއްދާ އެގޮތަށް މާނަކުރަނީ ވަކީލުކަން ކުރުމުގައި ތަޖުރިބާ ލިބުން ކަމަށް ހަމައެކަނި ބަލާނީ ކޯޓުތަކަށް ގޮސް ވަކާލާތުކުރުން ކަމުގައިވާ ނަމަ ދާއިރާގައި އެ ނޫން ގޮތްގޮތަށް މަސައްކަތް ކުރާ ގާބިލް މީހުންނަށް ފުރުސަތު ހަނިވާތީ ކަމަށާއި ފަނޑިޔާރުންގެ ގާނޫނުގައި ވެސް ކޯޓުތަކަށް ގޮސް ވަކާލާތު ކުރަން ޖެހޭ ގޮތަށް ބަޔާން ކޮށްފައި ނުވާ ކަމަށެވެ.

ފަނޑިޔާރުންގެ ގާނޫނުގެ 15 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުން ގާނޫނުއަސާސީގައި ބުނާ ތަޖުރިބާ ލިބިފައިވާ މީހެއް ކަމަށް ކަނޑައެޅުމުގައި އެ މީހުންނަކީ ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ މުއްދަތަށް ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަމުގައި ނުވަތަ އެ ދެ ކަމުގައި މަސައްކަތް ކޮށްފައިވާ މީހުންނަށް ވާން ވާނެ އެވެ.

މި މައްސަލާގައި ޖޭއެސްސީން ބަންޑާރަ ނައިބު އަހުމަދު އުޝާމްގެ ލަފާވެސް ހޯދިއިރު، ބަންޑާރަ ނައިބު ވެސް ލަފާ ދެއްވާފައިވަނީ ޖޭއެސްސީން ކުރިން ވެސް ނިންމާފައިވާ ގޮތަށް، ތަޖުރިބާގެ އަހަރު ގުނުމަށް ކަމަށް އެނގިފައިވެ އެވެ.

ފަނޑިޔާރު ސަލީމްގެ އިތުރުން މިމަގާމައަށް އައްޔަނުކުރަން ޖޭއެސްސީން ފެންނަ ކަމަށް ރައީސް މުއިއްޒަށް ލަފާދިން ދެވަނަ ބޭފުޅަކީ ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ހަމީދެވެ. 2007 ވަނަ އަހަރުން 2022 ވަނަ އަހަރާ ދެމެދު ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ހަމީދަކީ މީގެ ކުރިން ފަނޑިޔާރު ކަމުން ވަކިކޮށްފައިވާ ބޭފުޅެކެވެ.

މިގޮތުން އެބޭފުޅާ ފަނޑިޔާރުކަމުން ވަކިކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފަނޑިޔާރުންނަށް ދޫކުރި ފްލެޓްތަކެއް ޑިސްކައުންޓް އަގުތަކެއްގައި ބައްލަވައިގަނެ, އޭގެ ބަދަލެއްގެ ގޮތުން ހައި ކޯޓުގެ ގަޒިއްޔާއެއްގައި ވަކި ގޮތަކަށް ހުކުމް ކުރެއްވި މައްސަލައަކާ ގުޅިގެންނެވެ.