ވޮޝިންޓަން (24 މޭ) - ބައްޝާރުލް އަސަދުގެ ވެރިކަމުގައި އެމެރިކާއިން ސީރިއާއަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތައް އެމެރިކާއިން ރަސްމީކޮށް އުވާލައިފި އެވެ.
ސީރިއާއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނެކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނު ކުރެއްވީ ދާދިފަހުން ސައުދީއަރަބިއާއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގައި އޮތް އިންވެސްޓްމަންޓް ފޯރަމެއްގައި ވާހަކަ ދައްކަވަމުންނެވެ.
އޭގެ ފަހުން އިއްޔެ އެމެރިކާގެ ޓްރެޒަރީ ޑިޕާޓްމަންޓުން ވަނީ ސީރިއާގެ ސަރުކާރާއެކު ފައިސާގެ މުއާމަލާތްކުރުމުގެ ހުއްދަ އެގައުމުގެ ސެންޓްރަލް ބޭންކަށާއި ސަރުކާރުގެ ކުންފުނިތަކަށް ދީފަ އެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ ސީރިއާ އަށް ބޭނުންވާ ކަރަންޓާއި ފެނާއި އެނޫންވެސް އިންސާނީ ބޭނުންތަކަށް އިންވެސްޓް ކުރުމުގެ ފުރުސަތުތަކަށް ދަތިނުވާނެކަން ޔަގީން ކުރާނެ ކަމަށެވެ.
އެއާއެކު ސީރިއާއިން ވަނީ އެމެރިކާގެ މި ނިންމުންތަކަށް މަރުހަބާކިޔާ، މިއީ އެގައުގެ އިގްތިސާދު ރަނގަޅުކުރުމަށް އެޅުނު ފިޔަވަޅެއްކަން ފާހަގަކޮށްފަ އެވެ.
ސޫރިޔާއާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި ވަނީ އެ ގައުމުގެ އަހުލީ ހަނގުރާމައާ ގުޅިގެންނެވެ. މި ހަނގުރާމަ 14 އަހަރަށް ފަހު ނިމުމަކަށް އައިސްފައި ވަނީ ކުރީގެ ރައީސް ބައްޝާރު އަލް އަސަދުގެ ވެރިކަން ވެއްޓުމާއެކު އެވެ. އެއާއެކު މިހާރު ސީރިއާގެ ރައީސް ކަމުގައި ހުންނަވަނީ އަހުމަދު އަލް ޝަރާ އެވެ. -- ރޮއިޓާސް