ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޑްރޯން އަރުވަން ހުރި ނޫސްވެރިއަކަށް ފުލުހުން އަނިޔާކުރި ކަމަށް ބުނާ މައްސަލަ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބަލަން ފަށައިފި އެވެ.
ފުލުހުން އަނިޔާކޮށްފައިވާ ކަމުގެ ތުހުމަތުކޮށްފައިވަނީ ވަން އޮންލައިންގެ ނޫސްވެރިއެއް ކަމަށްވާ ހަމްދާން އަހުމަދެވެ.
މިކަމާ ގުޅިގެން އެމްޖޭއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ މައްސަލަ އެ ޖަމިއްޔާގެ ސަމާލުކަމަށް އައިސްފައިވާތީ މައްސަލާގައި ކަންހިނގާ ދިޔަގޮތް ބަލަމުންދާ ކަމަށެވެ.
އާންމު އަހުލާގީ މިންގަނޑާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށާއި ރާއްޖޭގެ ގާނޫނުތަކަށާއި ގަވާއިދުތަކާ އެއްގޮތަށް ނަގަން ޖެހޭ ހުއްދަތަށް ނަގައިގެން ހަރަކާތްތެރިވުމަށް އެ ޖަމިއްޔާއިން ވަނީ ނޫސްވެރިންނަށް ނަސޭހަތްތެރިވެފަ އެވެ.
މި މައްސަލާގައި ހަމްދާންގެ ފޭސްބުކް އެކައުންޓުގައި ކުރި ޕޯސްޓެއްގައި ބުނީ ޑްރޯން ޗެކްކޮށްލުމަށްޓަކައި 7 ފޫޓު އުހަށް އެރުވި ކަމަށާއި އޭގެ އިރުކޮޅެއް ފަހުން ދެ ފުލުހުން އައިސް ޑްރޯން އަރުވަނީތޯ ސުވާލުކުރި ކަމަށާއި ހުއްދަ ނެތްނަމަ ޑްރޯން ނާރުވަން ބުނި ކަމަށެވެ.
އެ ވަގުތު އަތުގައި ހުއްދަ ނެތުމުން ޑްރޯން ވަގުތުން ތިރިކުރި ކަމަށާއި އެ ވާހަކަ ބުނުމުން މައުލޫމާތު ދިނުމަށް އެންގި ކަމަށެވެ. އެއާއެކު ވޮލެޓާއިއެކު އައިޑީކާޑު ދެއްކުމުން އެ ބަލައިނުގަނެވޭ ކަމަށް ބުނެ، ވޮލެޓުގައި އޮތް ނޫސްވެރިއެއްކަން އަންގައިދޭ ކާޑު ދެއްކުމުން ހަޑިހުތުރު ބަހުން ވާހަކަ ދައްކަން ފެށިކަމަށް ހަމްދާން ބުނެފައިވެ އެވެ.
އޭގެ ފަހުން ހުޅުމާލެ 2 ވަނަ ފިޔަވަހީގެ ޕޮލިސް ސްޓޭޝަން އަށް ހަމްދާން ގެންގޮސް އެތަނުގެ މެސް ރޫމަށް ވައްދައި، މޫނު މަތީ ތަޅައި އަނިޔާކުރި ކަމަށާއި ކަރުގައި ހިފައި ނޭވާ ހާސްކުރި ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.
މި މައްސަލާގައި ފުލުހުންނާ ދެމެދު ދެކެވުނު ވާހަކަތައް ހަމްދާން ފޭސްބުކް މެދުވެރިކޮށް ލައިވް ވެސް ކުރިއިރު، އޭގައި ހަމްދާން އާއި ފުލުހުން ވެސް ހަޑިހުތުރު ބަހުން ވާހަކަ ދައްކާ އަޑުއިވެ އެވެ.
މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށާއި މިހާތަނަށް ބެލި ބެލުމުން އެފަދަ ކަމެއް ހިނގާފައިވާ ކަމަށް ނުބެލެވޭ ކަމަށް ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވަނީ ބުނެފަ އެވެ.