މާލޭގެ އިމާރާތެއްގެ މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި ހައްޔަރުކުރި ރައުދު އަހްމަދު ޒިލާލް ފުލުހުން އަމިއްލައަށް ބަންދުން ދޫކޮށްލުމަށްފަހު އަނެއްކާވެސް މިއަދު ހައްޔަރުކޮށްފި އެވެ.

މިދިޔަ މަހުގެ 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ މަތިން ވެއްޓުނު ޔުމްނުގެ މައްސަލާގައި, އޭނާއާއެކު އެންމެފަހުން އުޅުނު ރައުދު ހައްޔަރުކުރި ރައުދު މިއަދު ހެނދުނު ފުލުހުން އަމިއްލައަށް ދޫކޮށްލީ އޭނާގެ ބަންދުގެ މުއްދަތު ވެސް ހަމަނުވަނީހެވެ. ރައުދު ދޫކޮށްލީ އޭނާ ބަންދުކުރަން ނެރުނު އަމުރެއްގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުމެއް މިއަދު މެންދުރު ހައި ކޯޓުގައި ތާވަލުކޮށްފައި އޮއްވަ އެވެ. ނަމަވެސް އާ އަމުރެއްގެ ދަށުން ފުލުހުން އަނެއްކާވެސް ވަނީ ރައުދު ހައްޔަރުކޮށްފަ އެވެ.

ހ. ފެންޓެނޯއީގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު މައްސަލާގައި ތުހުމަތުތައް ކުރެވޭ ރައުދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން އޭޕްރީލް މަހުގެ 24 ވަނަ ދުވަހު އެވެ. އެއީ އެ މައްސަލާގައި އިންސާފު ހޯދަން ޒުވާނުން މުޒާހަރާ ކުރަމުން ދަނިކޮށެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ ރައުދު އެކަންޏެވެ. ރައުދު ފިޔަވައި ދެން ތިބި އެންމެން ވަނީ ފުލުހުންނަށް ކުޑަކަމުދާތަކެތީގެ ސާމްޕަލް ދިނުމަށް ދެކޮޅު ހަދައިފަ އެވެ. އެމީހުންނާ ގުޅޭ ގޮތުން ފުލުހުން ކުރާ ތަހުގީގުގެ މާ ބޮޑު ތަފުސީލެއް އަދި ހާމަކޮށްފައެއް ނުވެ އެވެ