ކޮންމެ އަހަރަކު ވެސް އެތައް ހާސް މީހުންނެއް އެ އާދަޔާ ޚިލާފު މަންޒަރު ބަލާލަން ދެކުނު ކޮރެއާގެ އައްސޭރި ފަށުގައި އޮންނަ އެ ރަށަށް ދަތުރު ހަދައިގެންދެ އެވެ. އެގައުމުގެ ރައްޔިތުންނާއި ބޭރު ގައުމުތަކުން އަންނަ ފަތުރުވެރިންނެވެ.
އެ އެންމެންގެ ވެސް ބޭނުމަކީ އެއް ބޭނުމެކެވެ. ގުދުރަތީ އަޖާއިބުތަކުގެ ތެރޭގައި ހިމެނޭ ދެކުނު ކޮރެއާގެ ޖިންޑޯ އައިލެންޑްސް ސީ ޕެސެޖް ހަމަލޮލުން ދެކިލައި އެކަމުގެ މުނާސަބަތުގައި ބާއްވާ ފެސްޓިވަލްގައި ބައިވެރިވުމެވެ.
މިއީ އިރުމަތީ ޗައިނާ ކަނޑުން ޖިންޑޯ ސީ ދެފަރާތަށް ހުޅުވި ތިލަވާ 2.9 ކިލޯމީޓަރުގެ މަގެއްގެ ވާހަކަ އެވެ. ދެކުނު ކޮރެއާގެ ޖިންޑޯ އައިލެންޑްސްއާއި އެރަށާ ކައިރީގައި އޮންނަ މޮޑޯ އައިލެންޑް ގުޅުވައިދޭ މަގެއްގެ ވާހަކަ އެވެ.
ޖިންޑޯ ޕެސެޖް ދުނިޔޭގެ ސަމާލުކަމަށް އެންމެ ފުރަތަމަ އައިސްފައިވަނީ 1975 ވަނަ އަހަރު ފްރާންސްއިން ދެކުނު ކޮރެއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޕިއެރް ލޭންޑީ އެ މުއުޖިޒާތުގެ ވާހަކަ ދުނިޔެއަށް އާއްމު ކުރުމުންނެވެ.
ލޭންޑީ ވަނީ އެ މަގު ފާޅުވުމަކީ ކީރިތި ގުރުއާނާއި އެހެނިހެން ފަތްފުށްތަކުގައި ވެސް އައިސްފައިވާ މޫސާގެފާނުގެ ޒަމާނުގައި ރަތްކަނޑު ދެފަޅި ކުރައްވައި މަގެއް ފާޅުކުރެއްވުމާ އެއްފަދަ ކޮށްފަ އެވެ.
މާތް ﷲގެ ކުޅަދުންވަންތަ ކަމުގެ މުއުޖިޒާތެއްގެ ގޮތުގައި ސިފަވާ މިކަމުގެ ފަހަތުގައި ސައިންޓިފިކް ހަގީގަތެއް ވެސް ފޮރުވިފައިވެ އެވެ.
ސައިންސްވެރިން ބުނާ ގޮތުގައި މިއީ ޓައިޑަލް ހަރްމޮނިކްސް ނަމަކަށް ކިޔާ ގުދުރަތީ ހާލަތެއްގެ ސަބަބުން ވަރަށް ކުރު ވަގުތުކޮޅަކަށް ފާޅުވާ މަގެކެވެ.
އެގޮތުން އިރާއި ހަނދުގެ ދައުރުވުމާއެކު ދުނިޔޭގެ ދަމާބާރަށް ކުރާ އަސަރުގެ ސަބަބުން ކަނޑުފަޅުގެ ދިޔަވަރަށް އެކި ދުވަސްވަރު އެކި ބަދަލު އާދެ އެވެ. މިއީ އެ ބަދަލުގެ އެއް ނަތީޖާ އެވެ.
ކޮންމެ އަހަރަކު ވެސް ދެ ފަހަރެއްގެ މަތިން ހަތަރު ވަރަކަށް ދުވަހުގެ މުއްދަތަށް، ކޮންމެ ދުވަހަކު އެއް ގަޑިއިރަށް އެ މަގު ފާޅުވާއިރު ކޮންމެ ފަހަރަކު ވެސް އެތައް ހާސް ބަޔަކު އެ މަގު ހުރަސް ކުރެ އެވެ.
މިކަމާ ގުޅުވައިގެން ޖިންޑޯ އަދި މޮޑޯ އައިލެންޑްސްގައި ކުލަގަދަ ފެސްޓިވަލްތައް ބާއްވައި އެކަން ފާހަގަ ކުރެވޭއިރު މިއީ އެ ސަރަހައްދަށް ޒިއާރަތްކުރާ ފަތުރުވެރިންގެ މެދުގައި ވެސް އެންމެ މަޝްހޫރު އެއް ފެސްޓިވަލެވެ.
މި ކަމުގެ އާދަޔާ ޚިލާފު ކަމުގެ ސަބަބުން އެކަން ވެފައިވަނީ ސައިންސްގެ އަޖާއިބުތަކުގެ ތެރެއިން އިންސާނުންގެ ބުއްދި ހައިރާން ކޮށްލާ ކަމަކަށެވެ.