އުމުރުން 100 އަހަރު ވަންދެން ވެސް ފިލްމުތަކުގައި އެކްޓް ކުރުން ކުރިއަށް ގެންދާނެ ކަމަށް ހޮލީވުޑްގެ މަޝްހޫރު ތަރި ޓޮމް ކްރޫޒް ބުނެފި އެވެ.
ދަ ހޮލީވުޑް ރިޕޯޓާއަށް ދިން އިންޓަވިއުއެއްގައި ޓޮމް ބުނީ އެކްޓް ކުރުމަކީ އޭނާގެ ހަޔާތުގެ ބާކީ އޮތް ދުވަސްތަކުގައި ކުރަން ބޭނުންވާ ހަމައެކަނި ކަންތައް ކަމަށެވެ.
ޓޮމް މިހެން ބުނެފައި މިވަނީ މީގެ އަހަރުތަކެއް ކުރިން ދިން އިންޓަވިއުއެއްގައި 80 އަހަރު ވަންދެން މަސައްކަތް ކުރާނެ ކަމަށް ބުނެފައި ވަނިކޮށެވެ.
މި އިންޓަވިއުއާއެކު ޓޮމްއަށް ސަޕޯޓުކުރާ ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އެމީހުންގެ ޚިޔާލުތައް ފާޅުކުރަމުންނެވެ. އެގޮތުން އުމުރުން 100 އަހަރުގައި ފުރޮޅުލީ ގޮނޑިއެއްގައި ވެސް ޓޮމް ސްޓަންޓްތައް ހަދާނެ ކަމަށް ގިނަ ބަޔަކު ބުނަމުންދެ އެވެ.
"މިޝަން އިމްޕޮސިބަލް 15ގައި ފުރޮޅުލީ ގޮނޑިއެއްގައި ވިޔަސް ސްޓަންޓް ހަދާ މަންޒަރު ފެންނާނެ ކަމަށް އުއްމީދު ކުރަން،" އެކްސްގައި މީހަކު ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.
ޓޮމްގެ އެންމެ ފަހުގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު "މިޝަން އިމްޕޮސިބަލް" ފްރެންޗައިޒްގެ އަށްވަނަ އަދި އެންމެ ފަހު ފިލްމު "މިޝަން އިމްޕޮސިބަލް: ދަ ފައިނަލް ރެކޮނިން" ވަނީ މިހާރު ކުރިއަށްދާ ކޭންސް ފެސްޓިވަލްގައި ރިލީޒް ކޮށްފަ އެވެ.