ވަކި ޖީލަކުން ފެށިގެން ދުންފަތް މަނާކުރަން ސަރުކާރުން ފާސްކުރި ގާނޫނު ތަންފީޒުނުވާނަމަ، މާ ގެއްލުން ބޮޑު ދުންފަތުގެ ބާވަތްތަކަށް ޒުވާނުން ހުށަހެޅިދާނެކަމުގެ އިންޒާރު ކޯލިޝަން އޮފް އޭޝިއާ ޕެސިފިކް ޓޮބޭކޯ ހާމް ރިޑަކްޝަން އެޑްވޮކޭޓްސް (ސީއޭޕީއެޗްއާރުއޭ) އިން ދީފި އެވެ.
2007 އިން ފެށިގެން އޭގެ ފަހަށް އުފަންވާ ޖީލުތަކަށް ދުންފަތް މަނާކުރަން މި މަހުގެ 13 ވަނަ ދުވަހު ސަރުކާރުން ގާނޫނެއް ފާސްކޮށްފައިވާއިރު ދުންފަތާ ދެކޮޅަށް މަސައްކަތްކުރާ މި ޖަމިއްޔާއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ދުންފަތް ވިއްކުން ހަރުކަށިކޮށް، ޖެނެރޭޝަނަލް ބޭން ގެންނަން ފާސްކޮށްފައިވާ ގާނޫނު ތަންފީޒު ނުކުރެވޭ ނަމަ އޭގެ ސަބަބުން ނުކުންނަ ނަތީޖާ މާ ނުރައްކާވާނެ ކަމަށެވެ.
މިކަމުގެ ސަބަބުން ރާއްޖޭގައި ދުންފަތުގެ ވިޔަފާރީގެ ކަޅުބާޒާރެއް އުފެދި، ޒުވާން ޖީލުތަކުން ސިއްހަތަށް މާ ގެއްލުން ބޮޑު ދުންފަތުގެ ބާވަތްތަކަށް ހުށަހެޅުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
މިގޮތުން ސީއޭޕީއެޗްއާރުއޭގެ އެކްސެކިއުޓިވް ކޯޑިނޭޓާ ނޭންސީ ލޫކަސް ވިދާޅުވީ ޒުވާން ޖީލުތަކަށް ދުންފަތް މަނާކުރުމަކީ ފަސޭހަކަމެއް ކަމަށާއި އެހެން ނަމަވެސް މި ގާނޫނު ތަންފީޒު ކުރުމުގައި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭ ކަމަށެވެ.
"އެހެން ގައުމުތަކުގެ ތަޖުރިބާ އަށް ބަލާއިރު ވެސް، މިފަދަ ބޭންއެއްގެ ސަބަބުން ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ ޑިމާންޑު ދަށެއް ނުވޭ. ހާއްސަކޮށް ތަރައްގީ ވަމުން އަންނަ ގައުމެއްގައި މިފަދަ ހަރުކަށި ފިޔަވަޅުތައް ތަންފީޒު ކުރާނެ ވަސީލަތްތައް ނެތުމުގެ ސަބަބުން، ދުންފަތުގެ ބާވަތްތައް ވަގަށް އެތެރެކުރުން އިތުރުވެ، ސިއްހަތަށް ގެއްލުން މާ ބޮޑު ދުންފަތުގެ ބާވަތްތަކަށް ޒުވާނުން ހުށަހެޅުމުގެ ފުރުސަތު އިތުރު،" ނޭންސީ ލޫކަސް ވިދާޅުވި އެވެ.
ދުންފަތުގެ ޖެނެރޭޝަނަލް ބޭންއެއް ގެނައި ދުނިޔޭގެ އެންމެ ފުރަތަމަ ގައުމުކަމަށްވާ ނިއު ޒީލެންޑު މިސާލަކަށް ނަގަމުން ލޫކަސް ވިދާޅުވީ 2025 ވަނަ އަހަރާއި ހަމައަށް ދުންފަތުގެ އިސްތިއުމާލު ކުރުމުން ސަލާމަތްވެފައިވާ ގައުމެއް ބިނާކުރުމުގެ އަމާޒުގައި 2022 ވަނަ އަހަރު ނިއު ޒީލެންޑުގައި 2009 ވަނަ އަހަރުން ފެށިގެން އުފަންވާ މީހުންނަށް ދުންފަތް މަނާކޮށް ގާނޫނެއް ފާސްކުރި ކަމަށެވެ.
އެހެންނަމަވެސް އެ ގާނޫނުން އެދެވޭ ނަތީޖާއެއް ނުނިކުންނާތީ، އެގައުމުގެ ސަރުކާރުން ވަނީ 2023 ވަނަ އަހަރުގެ ފަހުކޮޅު އެ ގާނޫނު އުވާލައިފަ އެވެ.
އޭރު މި ގާނޫނު އުވާލުމަށް މަޖިލީހުގައި ވާހަކަދައްކަމުން އެސޯސިއޭޓް ހެލްތު މިނިސްޓަރު ކޭސީ ކޮސްޓެލޯ ވިދާޅުވީ ދުންފަތާ ދުރުވުމަށް، ރެގިއުލޭޓް ކުރެވިފައިވާ ވޭޕް ފަދަ އާލާތްތަކުން މުހިންމު ދައުރެއް އަދާކުރާތީ އެތަކެތި ލިބޭނެ ގޮތް ހަދަން ވިސްނާކަމަށް ވިދާޅުވެފަ އެވެ.
އެހެންނަމަވެސް ރާއްޖޭގައި އެފަދަ ރެގިއުލޭޓް ކުރެވިފައިވާ އާލަތްތައް ވެސް މަނާކުރުމުން ދުންފަތް އިސްތިއުމާލު ކުރުމާ ދުރުވުމަށް އޮތް މަގުތައް ވަރަށް ބޮޑަށް ހަނިވެފައިވާ ކަމުގެ ކަންބޮޑުވުން ސީއޭޕީއެޗްއާރުއޭ އިން ވަނީ ފާޅުކޮށްފަ އެވެ.
މިފަދަ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން، ހާއްސަކޮށް ކުދި ވިޔަފާރިތަކަށް ނޭދެވޭ އަސަރުތައް ކުރާކަން އިނގިރޭސި ވިލާތުގައި ހެދި ދިރާސާއަކުން ދައްކާކަމަށާއި ރާއްޖޭގައި މިހާރު ވެސް ދުންފަތުގެ ބާވަތްތައް ވަގަށް އެތެރެކުރުން އިތުރުވެފައިވާކަން ފާހަގަކުރައްވައި، މިފަދަ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ދުންފަތުގެ ކަޅު ބާޒާރެއް އުފެދުމުގެ ފުރުސަތު ބޮޑުކަމަށް ލޫކަސް ވިދާޅުވި އެވެ.
މިކަމުގައި އޮތް ހަމައެކަނި ހައްލަކީ، ކަމާގުޅޭ ހުރިހާ އިދާރާތައް އެކުވެގެން، ހާސިލްކުރަން ބޭނުންވާ ނަތީޖާއާ އެއްގޮތަށް އާންމު ސިއްހަތާ ގުޅޭ ސިޔާސަތުތައް އެއްގޮތްކޮށް، ދުންފަތާ ދުރުހެލި ވުމުގެ ރައްކާތެރި މަގުތައް ދައްކައިދީ، ދުންފަތުގެ ނުރައްކާތަކަށް ޒުވާން ޖީލުތައް ހޭލުންތެރިކުރުން ކަމަށް އެ ޖަމިއްޔާގެ ނޫސްބަޔާނުގައިވެ އެވެ.
1 ޖެނުއަރީ 2007 އިން ފެށިގެން އުފަންވެފައިވާ އެއްވެސް މީހަކު ދުންފަތުގެ އިސްތިއުމާލުކޮށްގެން ނުވާނެ ކަމަށާއި އެ އުމުރުގެ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތެއް ވިއްކުމަކީ މަނާކަމެއް ކަމަށް ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގައިވެ އެވެ.
މި އިސްލާހުގައި ދުންފަތުގެ ބާވަތްތައް ވިއްކާ ފަރާތްތަކުގެ ޒިންމާތައްވެސް ހިމަނާފައިވާއިރު، އޭގެ ތެރޭގައި ދުންފަތުގެ ބާވަތްތައް ވިއްކޭނީ ލައިސަންސް އޮވެގެން ރަޖިސްޓްރީ ކޮށްފައިވާ ތަންތަނުގައި އެކަނި ކަމަށާއި އެފަދަ ތަކެތި ގަންނަނީ ކާކުކަން ނޭނގޭގޮތަށް، އޮންލައިންކޮށް ނުވަތަ ވެންޑިން މެޝިން ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ދުންފަތުގެ ބާވަތްތައް ވިއްކައިގެން ނުވާނެ ކަމަށް ވަނީ ބަޔާން ކޮށްފަ އެވެ.
މީގެ އިތުރުންވެސް ދުންފަތުގެ ބާވަތްތައް އުފައްދަން ހާއްސަކޮށްފައިވާ މެޝިނަރީ ރާއްޖެއަށް އެތެރެކުރުންވެސް މި އިސްލާހުގެ ދަށުން މަނާކޮށްފައިވާއިރު އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ގެންގުޅުމާއި ބޭނުންކުރުންވެސް ވަނީ މަނާކޮށްފައެވެ.
މިތަކެތި ގެންގުޅެނިކޮށް ނުވަތަ ބޭނުންކުރަނިކޮށް ފެނިއްޖެނަމަ އެ އަތުލުމުގެ ބާރު ފުލުހުންނަށް ލިބޭނެ ކަމަށާއި ރާއްޖެއަށް އެތެރެކުރާ އެފަދަ ތަކެތި އަތުލުމުގެ ބާރު ކަސްޓަމްސް އާއި ފުލުހުންނަށް ލިބިގެންދާނެ ކަމަށް ވެސް އިސްލާހުގައިވެ އެވެ.
ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށްޓަކައި "ޖެނެރޭޝަނަލް ބޭން" އެއް ގެނައުމަށް ރައީސް މުހައްމަދު މުއިއްޒު ނިންމެވިއިރު، އެއަށް އަމަލު ކުރަން 6 މަސް ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ.
އެހެންކަމުން މި އިސްލާހަށް އަމަލު ކުރަން ފެށުމަށް ސަރުކާރުން ނިންމާފައިވަނީ މިއަހަރުގެ ނޮވެންބަރު މަހުން ފެށިގެންނެވެ.