ކަސްޓަމްސްގެ ބޮންޑެޑް ވެއާހައުސްއަކުން ގެއްލުނު ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ސިނގިރޭޓު ކާޓަންތަކެއް ގެއްލުނު މައްސަލައިގައި ހައްޔަރުކުރެވުނު ތިން ބިދޭސީން ދޫކޮށްލައިފި އެވެ.

މި މަހުގެ 6 ވަނަ ދުވަހު ބޮޑުތަކުރުފާނު މަގުން ފެނުނު 200 އަށްވުރެ ގިނަ ސިނގިރޭޓު ކާޓަންތަކެއް ހުރި ކަޅު ކޮތަޅުތަކެއްގެ މައްސަލައިގައި ހައްޔަރުކުރެވުނު ބަންގްލަދޭޝްގެ ތިން ރައްޔިތުން ދޫކޮށްލީ ޝަރުތުތަކަކާއެކު، ޕާސްޕޯޓު ހިފެހެއްޓުމަށްފަހު އެވެ.

ކްރިމިނަލް ކޯޓުން މި މީހުން ދޫކޮށްލި ސަބަބުގެ ތެރޭގައި، މި ސިނގިރޭޓުތައް ގެއްލުނު ކަމަށް އަދި އެއްވެސް ފަރާތަކުން ރިޕޯޓުކޮށްފައި ނުވާކަމާއި، މި މީހުންނަކީ ސައްހަ ވިސާއެއްގައި ރާއްޖޭގައި އުޅޭ ބައެއްކަން ހިމެނެ އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މި ތިން މީހުންނަކީ "ސީނިއާ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް"ގައި މަސައްކަތްކުރާ މުވައްޒަފުންނެވެ. އަދި މި ސިނގިރޭޓުތަކަކީ އެ ކުންފުނީގެ ގުދަނުން ގެއްލިފައިވާ ތަކެތި ކަމަށް ތުހުމަތުކުރެވެ އެވެ.

މި މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު، އިތުރު ތަފްސީލު ލިބުމުން އާންމުކުރާނެ ވާހަކަ ފުލުހުން ބުނެފައިވެ އެވެ.