ބުރަ މުސައްކަތުން ދިވެހިން ހޯދި ޑިމޮކްރެޓިކް ނިޒާމު ހުދުމުހުތާރުކަމުގެ ތެރެއަށް ގެނބެމުން ދާކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި ކުރިއަށްދިޔަ އިންޓަނޭޝަނަލް ޑިމޮކްރެޓިކް ޔޫނިއަންގެ އެގްޒެކެޓިވް މީޓިންގައި އިއްޔެ ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒު ގެންދަވަނީ ޑިމޮކްރަސީގެ ހުޅުކޮޅު ނިވާލުމަށް މަސައްކަތްކުރަމުންކަމަށެވެ. އަދި ސަރުކާރުން ބޭނުންވަނީ ޑިމޮކްރަސީގެ އިރު އޮއްސޭތަން ދެކެންކަމަށް، ސަރުކާރަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވި މި ސްޕީޗްގައި ޝާހިދު ތުހުމަތުކުރެއްވިއެވެ.

ޝާހިދުގެ އަރިހުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު މީކާއީލް ނަސީމް ބައިވެރިވެވަޑައިގެންއިރު، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ އެމްޑީޕީގެ ސަރުކާރުން ގައުމުގެ މިނިވަންކަން ނަގާލާކަމަށް ބުނެ ދޮގުހަދައިގެންކަމަށާއި މިދޮގުތައް ހެދީ ގައުމީ ވިސްނުމެއްގައެއް ނޫން ކަމަށް ޝާހިދު ވިދާޅުވިއެވެ.

ރައީސް މުއިއްޒު އެކަން ކުރެއްވީ މީހުން ބައިބައިކުރަން ކަމަށާއި، އެކަން ހާމަވެގެން ދިޔައީ ވެރިކަމަށް އައިތާ މާގިނަ ދުވަހެއް ނުވެ، ބޭރުގެ ސިފައިން ނެތްކަމަށާއި، ބޭރު ގައުމުތަކާއެކު އެމްޑީޕީ ސަރުކާރުން ހަދާފައިވާ އެއްބަސްވުންތަކަކީ އެކަމުގައި ކަންބޮޑުވާން ޖެހޭކަމެއް ނެތް އެއްބަސްވުންތަކެއްކަމަށް މިސަރުކާރުން އަމިއްލައަށް އެއްބަސްވުމުން ކަމަށް، ތަފްސީލާއެކު ޝާހިދު ވިދާޅުވެދެއްވިއެވެ.

މީގެ އިތުރުން ނިމިދިޔަ ނޮވެމްބަރު މަހު، މެމްބަރުގެ ގޮނޑި ގެއްލިދާނެ ހާލަތްތައް ބަޔާންކޮށް ގާނޫނު އަސާސީއަށް ގެނައި އިސްލާހާއެކު، ޑިމޮކްރަސީގައި އަނެއްކާވެސް އިތުރު ފިޔަވަޅެއް ފަހަތަށް އެޅިކަން ޝާހިދު ފާހަގަކުރެއްވިއެވެ. އަދި އެމައްސަލަ ކޯޓަށް ވެއްދުމުން މައްސަލަ ބެލޭނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމުމާއެކު، ސުޕްރީމް ކޯޓަށް ޑރ މުއިއްޒު ގޮންޖައްސަވައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބޭރުކުރުމަށް ސަރުކާރުން ކުރި ގާނޫނާ ހިލާފު ކަންކަންވެސް ޝާހިދު ތަފްސީލްކޮށް އައިޑީޔޫގެ ބައްދަލުވުމުގައި ވިދާޅުވެދެއްވިއެވެ.

ރާއްޖޭގެ އެންމެ މަތީ ކޯޓު އޮތީ ވާކޮށްފައިކަމަށާއި، މިނިވަން މުއައްސަސާތަކަށް މިނިވަންކަން އޮތީ ހަމައެކަނި ނަމެއްގައިކަމަށް ވިދާޅުވެ، އިލެކްޝަންސް ކޮމިޝަނާއި އެންޓިކޮރަޕްޝަން ކޮމިޝަނަކީ ރައީސުލްޖުމްހޫރިއްޔާގެ ޕަޕެޓުންކަމަށް ސިފަކުރައްވައި، ޝާހިދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.

ޝާހިދުގެ ވާހަކަ ނިންމަވާލައްމުން ވިދާޅުވީ މިހާރު އޮތް އައު ދިވެހިރާއްޖެއަކީ ސުވާލެއް ކޮށްލައިގެން ހައްޔަރުކުރެވޭ، އަނގަބަންދުވެފައިވާ މަޖިލީހެއް އޮތް، ޝަރުއީ ނިޒާމް ބޮއްސުންލާފައިވާ ގައުމެއްކަމަށެވެ. އެހެންނަމަވެސް އެމްޑީޕީގެ އަނގަބަންދު ނުކުރެވޭނެކަމަށާއި، އެމްޑީޕީ މަޑުން ނޯންނާނެކަމަށް ޝާހިދު ޔަގީންކަން ދެއްވިއެވެ.

އެމްޑީޕީއިން އޮތީ ޑިމޮކްރަސީގައި ފަހަތަށް ދާތީ އެކަމާ ހިތާމަކުރަން ނޫންކަމަށާއި، އެކަން ބަދަލުކުރަންކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. އަދި ޑިމޮކްރަސީއަކީ ރާއްޖެއަށް އިމްޕޯޓްކޮށްގެން އުޅޭ އެއްޗެއް ނޫންކަމަށާއި، އެއީ ދިވެހި ރައްޔިތުން އުފާވެރި މާދަމާއެއްގެ އުއްމީދުގައި ބުރަ މަސައްކަތްކޮށްގެން ގުރުބާންވެގެން ހޯދި ރައްޔިތުންގެ ހައްގެއްކަމަށް އޭނާ ވިދާޅުވިއެވެ.

ޝާހިދު ވަނީ ދިވެހިންނާއެކު ތިބުމަށް މި ބައްދަލުވުމުގައި ބައިވެރިވި ގައުމުތަކުގެ މަންދޫބުންނަށް ގޮވާލައްވާފައެވެ. އަދި ޝަރުއީ ދާއިރާގެ މިނިވަންކަމަށާއި، ތެދު ހަބަރު ލިޔާ ނޫސްވެރިންގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދިފާއުގައާއި ސުލްހަވެރިކަމާއެކު އިހްތިޖާޖުކުރާ ޒުވާނުންނާއެކު ތިބުމަށް ބައިނަލްއަގުވާމީ މުޖްތަމައަށް ޝާހިދު ގޮވާލެއްވިއެވެ.

ސަރުކާރުގެ ހުދުމުހުތާރުކަން ކިތަންމެ ބޮޑަސް، ޑިމޮކްރަސީ ރާއްޖޭގައި ފޮހެވިގެން ދިޔަ ނުދޭނެކަމަށާއި އައިޑީޔޫގެ ބައްދަލުވުމުގެ ހަވާސާގައި ޝާހިދު ވަނީ އެ ޔޫނިއަންގެ މެމްބަރުންގެ ގޮތުގައި ތިބި އެހެން ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާއެކު ބައްދަލުކުރައްވައި، ރާއްޖޭގެ ހާލަތާއި ބެހޭ މައުލޫމާތު އެ ބޭފުޅުންނާ ހިއްސާކުރައްވާފައެވެ. އަދި މީގެ އިތުރުން ޝާހިދު ވަނީ އިއްޔެ ބްރަސަލްސްގައި، ވިލާތުގެ އިއްތިހާދުގެ ހާރިޖީ ގުޅުންތަކާ ބެހޭ އޮފީހުގެ އޭޝިއާ އަދި ޕެސިފިކް ޑިޕާޓްމަންޓްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ޕައޯލާ ޕަމްޕަލޯނީ އާއި ބައްދަލުކުރައްވައި، ރާއްޖޭގެ ހާލަތާއި ބެހޭ މައުލޫމާތު ހިއްސާކުރައްވާފައެވެ.