ރާއްޖޭގެ ޝަރުއީ ދާއިރާއާއި ގުޅިގެން އުފެދިފައިވާ ކަންބޮޑުވުންތައް އެމްޑީޕީން، ޔޫރަޕިއަން އެކްސްޓަރނަލް އެކްޝަން ސާވިސް (އީއީއޭއެސް) އަށް ހުށަހަޅައިފިއެވެ.

އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ބުނީ މިކަމަށްޓަކައި އީއީއޭއެސްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޕައޯލާ ޕަމްޕަލޮނީއާއެކު ބޭއްވުނު ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި، ކުރީގެ މަޖިލިސް މެންބަރު ޙުސައިން ޝަމީމް އަދި ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް އަޙްމަދު ނަސީމް ބައިވެރިވެފައިވާކަމަށެވެ.

މި ބައްދަލުވުމުގައި ރައީސް މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ ޖުޑީޝަރީ ނިޒާމަށް ނުފޫޒުފޯރުވުމާއި ދާދި ފަހުން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންކަމަށްވާ ޑރ.އަޒްމިރާލްދާ ޒާހިރު އަދި މަހާޒު އަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރުމާއިއެކު ރާއްޖޭގެ މިނިވަން މުއައްސަސާތަކަށް ސިޔާސި ނުފޫޒު ފޯރުވުމާ ގުޅޭ ކަންބޮޑުވުންތައް އެމްޑީޕީން ވަނީ ހިއްސާކޮށްފަ އެވެ.

މިކަމުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ނޭދެވޭ އަސަރު ކުރާކަން ފާހަގަކުރަމުން އެމްޑީޕީން ބުނީ ޒުވާނުން ކުރާ އަމާން އިހުތިޖާޖުތައް ގަދަބާރުން ރޫޅާލާ ކަމަށާއި ނޫސްވެރިންނަށް ވެސް ސަރުކާރުން ބިރު ދައްކަމުންދާ ކަމަށެވެ.

އެމްޑީޕީން ބުނި ގޮތުގައި މި ބައްދަލުވުން ނިންމާލާފައިވަނީ ރާއްޖޭގެ ޑިކޮމްރަސީ އިސްލާހު ކުރުމަށާއި މި މަސައްކަތުގައި ބައިވެރިވާ ފަރާތްތަކާއި އެކު ގުޅުން ބަދަހި ކުރުމުހެ އަޒުމާއި އެކު ކަމަށެވެ.