ވެރިކަން ކުރާ ޕީއެންސީގެ ނައިބު ރައީސްކަމުގެ މަގާމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާއި، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ހަމަޖައްސައިފި އެވެ.

ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު ޕީޕީއެމް އުވާލުމަށް ކުރެއްވި މަސައްކަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި ޣައްސާން އާއި ޝިޔާމަކީ އޭރު ޕީޕީއެމްގައި އެންމެ އިސްކޮށް ތިއްބެވި އެ ޕާޓީގެ ނައިބު ރައީސުންނެވެ.

ޕީޕީއެމް އުވާލިތާ ދުވަސްތަކަކަށްފަހު އެ ދެބޭފުޅުން ޕީއެންސީގެ ނައިބު ރައީސްގެ މަގާމަށް ހަމަޖައްސާފައިވަނީ ރޭ ޕީއެންސީން ބޭއްވި ސެނެޓް ބައްދަލުވުމުގަ އެވެ.

މި ދެ ބޭފުޅުންނާއެކު މިހާރު ޖުމްލަ އަށް ބޭފުޅުން ޕީއެންސީގެ ނައިބު ރައީސްކަމުގެ މަގާމުގައި ތިއްބަވާނެ އެވެ. މީގެ ކުރިން ތިއްބެވި ހަ ބޭފުޅުންނަކީ ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް، މިނިސްޓަރު އާދަމް ޝަރީފް އުމަރު، މިނިސްޓަރު މުޙައްމަދު ސައީދު، އެލްޖީއޭގެ ސީއީއޯ ނިމާލް، ޔޫއޭއީއަށް ކަނޑައަޅުއްވައިފައިވާ ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ބޭނުންކުރެއްވި ޕާޓީ، ޕީޕީއެމް އުވާލުމަށް ނިންމާފައިވަނީ މިދިޔަ އަހަރު ޑިސެމްބަރު މަހު އެ ޕާޓީން ބޭއްވު ސެނެޓް ބައްދަލުވުމުގަ އެވެ. ރައީސް މުއިއްޒު ބޭނުންފުޅުވީ ޕީޕީއެމް އުވާލައި ޕީއެންސީއަކީ މައި ޕާޓީގެ ގޮތުގައި ހަމަޖެއްސުމަށެވެ.