މިނިވަން މުއައްސަސާއެއް ކަމަށްވާ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) ސަރުކާރު ހިންގާ ޕީއެންސީއަށް ސޮއިކޮށް ސިޔާސީ ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވެއްޖެ އެވެ.
ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް އައުމަށްފަހު އުވާލެއްވި ޕީީޕީއެމްގެ ސެނެޓަރުންގެ ގޮތުގައި ތިއްބެވި މެމްބަރުންގެ ތެރެއިން މި ސަރުކާރުގެ ވަޒީރުންނާއި ވެރިންގެ ތެރެއިން ޕީއެންސީއަށް ސޮއި ނުކުރައްވައި ތިއްބެވި ބައެއް ވެރިން އެ ޕާޓީއާ ގުޅިވަޑައިގަތުމަށް ރޭ ޕީއެންސީގެ އޮފީހުގައި ބޭއްވި ޖަލްސާގައި ޕާޓީގެ އިގުރާރު ފޯމް ރައީސް މުހައްމަދު މުއިއްޒުއާ ހަވާލުކުރެއްވި އެވެ.
ރޭ ޕީއެންސީއާ ގުޅިވަޑައިގެންނެވި މެމްބަރުން އިގުރާރު ވެފައިވަނީ ޕީއެންސީގެ މެމްބަރެއްގެ ހައިސިއްޔަތުން ރައީސް މުއިއްޒުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން ޕާޓީގެ އަސާސްތައް ނަގަހައްޓައި ދެމެހެއްޓުމުގައި ލަޔާގަތާއި ގާބިލިއްޔަތު ތަންދިން އެންމެ ފުޅާމިނެއްގައި މަސައްކަތް ކުރާނެ ކަމަށެވެ. މި އިގުރާރުގައި މުހަންމާ ވެސް ވަނީ ސޮއިކުރައްވާފަ އެވެ.
ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުންގެ ޝަރުތުގެ ތެރޭގައި ސިޔާސީ ޕާޓީއެއް މެމްބަރަކަށް ނުވުން ގާނޫނީ ގޮތުން ލާޒިމުކޮށްފައި ނެތް ނަމަވެސް، މީގެ ކުރިން އެ ކޮމިޝަންގެ މެމްބަރަކު ސިޔާސީ ޕާޓީއަކަށް ސޮއިކޮށްފައެއް ނުވެ އެވެ. އަދި އެ ކޮމިޝަންގެ މެމްބަރަކު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ ތަން ވެސް ފެނިފައެއް ނުވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރުކަން ވެސް ކުރެއްވި ކުރީގެ ފިލްމީ ތަރި މުހަންމާ ބްރޯޑްކާސްޓިން ކޮމިޝަނަށް އައްޔަންކުރީ މި އަހަރުގެ ޖެނުއަރީ މަހު އެވެ. އޭގެ ކުރިން އޭނާ ވަނީ ޕީޕީއެމްގެ ސެނެޓަރަކަށް ހުންނަވާފަ އެވެ.