ބިދޭސީއެއްގެ އަތުން ރިޝްވަތު ނެގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދާއި އެ އިދާރާގެ ހަތަރު އޮފިސަރެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.
ޝަމްއާން ހިމެނޭހެން މި މައްސަލައާ ގުޅިގެން ފަސް މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. ޝަމްއާންގެ އިތުރުން ހައްޔަރުކުރީ އުމުރުން 21 އަހަރުގެ މުޙައްމަދު އަލްސަން އިސްމާއިލް، ތ. ބުރުނި އާއި އުމުުރުން 37 އަހަރުގެ އިބްރާހިމް އަޙްމަދު، ގ. ހެޕީސައިޑް އާއި އުމުރުން 47 އަހަރުގެ ހަސަން ސަހެޝާން، ގ. ހެޕީސައިޑްގެ އިތުރުން އުމުރުން 40 އަހަރުގެ އަހްމަދު ލައްސާނު، މ. ހަޒާރީވިލާ އެވެ.
ޕީޖީގެ މީޑިއާ އޮފިޝަލް އަޙްމަދު ޝަފީއު "ހުރިހާ" އަށް ވިދާޅުވީ ޝަމްއާން ހިމެނޭހެން ފަސް މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އިއްޔެ ފުލުހުން, ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. މިހާރު އެ މައްސަލަ ބަލައިގެންފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކުރިއަށް އޮތް 15 ދުވަސް ތެރޭގައި އެ މީހުންގެ މައްޗަށް ދައުވާ ކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށް ޝަފީއު ވިދާޅުވިއެވެ.
މި މައްސަލައިގައި ތުހުމަގު ކުރެވޭ މީހުން އަދިވެސް ތިބީ ފުލުހުންގެ ބަންދުގައެވެ. އޭގެ ތެރެއިން ޝަމްއާން ޝަރީއަތް ނިމެންދެން ބަންދު ކުރި މައްސަލައިގެ އިސްތިއުނާފު ބަލައި ނުގަތުމަށް ސުޕްރީމް ކޯޓުން ވަނީ ނިންމައިފައެވެ.
ބިދޭސީ މަސައްކަތްތެރިއެއްގެ އަތުން ނާޖާއިޒު މަންފާތަކެއް ނެގި ކަމަށް ބުނާ މައްސަލަ އާ ގުޅޭގޮތުން މީގެކުރިން ފުލުހުން ބުނެފައި ވަނީ ބިދޭސީން ދިރިއުޅޭ ގެއެއް އިމިގްރޭޝަނުގެ ބައެއް އޮފިސަރުން މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކޮށްގެން ރެއިޑްކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނެފައިވާ ގޮތުން، އެ ރެއިޑް އޮޕަރޭޝަން ހިންގި ތަނަށް އެންމެ ފުރަތަމަ ދިޔައި އިމިގްރޭޝަންގެ އެފަދަ އޮޕަރޭޝަންތައް ހިންގުމުގެ ވަޒީފާގެ މަސްއޫލިއްޔަތު ނެތް ތިން މުވައްޒަފުންކަމަށާއި އެ އޮޕަރޭޝަނުގައި ހަތް ބިދޭސީ މަސައްކަތްތެރިން ހުއްޓުވައި، ވަޒީފާގެ އެ މަސްއޫލިއްޔަތު ނެތް އިމިގްރޭޝަންގެ ތިން މުވައްޒަފުން، އެ ގެ ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އަދި އޭގެ ފަހުން އެރޭ އެފަދަ އޮޕަރޭޝަންތަކަށް ޚާއްސަކޮށްފައިވާ އިމގްރޭޝަންގެ ޓީމެއް ގެނެސް، އަލުން ސީން ޕްރޮސެސްކޮށް، ހައްޔަރުކުރި ބިދޭސީންގެ ތަކެތި ސީލްކޮށް، އެ މީހުން އިމިގްރޭޝަން ޑިޓެންޝަން ސެންޓަރަށް ގެންދިޔަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، އެ އޮޕަރޭޝަނުގައި ހައްޔަރުކުރި ހަތް ބިދޭސީ މަސައްކަތްތެރިންނަކީ ލިޔެކިޔުންތައް ގަވައިދާ އެއްގޮތަށް ހުރި ބިދޭސީންކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.
އަދި އެ ރެއިޑުގައި އިމިގްރޭޝަނުގެ ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއަކު ބައިމިލިއަނެއްހައި ރުފިޔާ ދިނުމުން ދޫކޮށްލީ ޝަމްއާނުގެ އަމުރަކަށް ކަމަށް ފުލުހުން ތުހުމަތުކޮށްފައިވެ އެވެ. އަދި އޮޕަރޭޝަން ހިންގި އޮފިސަރުން މަގުމަތިން ބިދޭސީ މީހާ އާ ބައްދަލުކޮށް އެ ފައިސާ ޝަމްއާނުގެ ގެއަށް ގެންދިޔަ ކަމަށް ވެސް ފުލުހުން ތުހުމަތުކުރެ އެވެ.
މައްސަލަ އާ ގުޅިގެން ފުލުހުން ވަނީ ޝަމްއާނު ދިރިއުޅޭ ގެ ބަލައި ފާސްކޮށްފަ އެވެ. އެ ގެއިން ގިނަ އަދަދެއްގެ ފައިސާގެ އިތުރުން އިލެކްޓްރޯނިކް ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.
އެ މައްސަލައިގައި ޝަމްއާނުގެ އަނބިކަނބަލުން ހިދްފާ ފާއިޒުގެ ފޯނު ފުލުހުން ހިފަހައްޓައި، ދެ މީހަކު ފުރުން މަނާކޮށްފައިވެ އެވެ.
ޝަމްއާނުގެ އާއިލާއިން ތުހުމަތުކުރި ގޮތުގައި، ޝަމްއާން ވަނީ ފްރޭމްކޮށްފައެވެ. އަދި ޝަމްޢާން ފްރޭމްކޮށްފައި ވަނީ މިނިސްޓަރ އިހުސާނު ހިންގަމުން ދިޔަ ކޮރަޕްޝަނުގެ ކަންތައްތައް މިދިޔަ އަހަރުގެ ޑިސެންބަރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަމާލު ކަމަށް ގެނައުމުންނެވެ.
ނަމަވެސް ޝަމްއާންގެ އާއިލާއިން ކުރާ މި ތުހުމަތުތައް ރައީސް މުއިއްޒާއި މިނިސްޓަރ އިހުސާން ވެސް ދޮގު ކުރައްވަވައެވެ.